logo

ސުޕްރީމް ކޯޓަށް ހުށަހެޅިމައްސަލައަށް އެމްޑީޕީ އާއި ޑިމޮކްރެޓުން ތަދައްހުލްވެއްޖެ!

profile

ޝުރުފާ މުހައްމަދު - 24 ނޮވެމްބަރު 2024 - 18:35

ގާނޫނުއަސާސީ އަށް އިސްލާހު ހުށަހެޅުމުން މަޖިލިސް ސަރަހައްދުގައި އާންމުން ކުރި މުޒާހަރާގެ ތެރެއިން--- ފޮޓޯ: ހަތާވީސް އޮންލައިން

ގާނޫނުއަސާސީ އަށް އިސްލާހު ހުށަހެޅުމުން މަޖިލިސް ސަރަހައްދުގައި އާންމުން ކުރި މުޒާހަރާގެ ތެރެއިން--- ފޮޓޯ: ހަތާވީސް އޮންލައިން

ރާއްޖޭގެ ގާނޫނު އަސާސީ އަށް ގެނައި އިސްލާހު ބާތިލްކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަށް އިދިކޮޅު އެމްޑީޕީން ތަދައްހުލް ވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ސިޔާސީ ޕާޓީއަކުން އިންތިޚާބުވާ މެމްބަރަކު ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ، ޕާޓީން ކަނޑާލައިފި ހާލަތެއްގައި ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީ އަށް ގެނައި އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންއެވެ.

އަލީ ހުސެއިން އެކްސްގައި ކުރެއްވި ޕޯސްޓްގައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާހިލާފަށް އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާވެސް ހިލާފަށް ކަމަށްވާތީ، އެ އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އަލީ ހުސެއިން ހުށަހެޅުއްވި މައްސަލަ އަށް ތަދަޚުލްވާ ކަމަށް ބުނެ ،އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ މިމައްސަލަ އަކީ ގާނޫނުއަސާސީގެ ބާރު ކެނޑިދާ ގޮތަށް، އަދި ގާނޫނު އަސާސީ އާއި މުޅި ރާއްޖެ އޭގެ މައްޗަށް ބިނާވެފައިވާ ޑިމޮކްރަސީގެ ހަމަތަކާއި ހިލާފު އިސްލާހެއް ކަމަށެވެ. މީގެ އިތުރަށް މިއީ ރައްޔިތުންގެ މަޖިލީހުން މީގެ ކުރިން ގާނޫނުތައް ފާސްކުރުމުގައި ގެންގުޅުނު އުސޫލާ ވެސް ހިލާފަށް ފާސްކޮށްފައިވާ އިސްލާހެއް ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ މި ބަދަލަކީ ގާނޫނު އަސާސީގެ ދެ މާއްދާ އަކަށް ރިއާޔަތްކުރުމެއް ނެތި، އެ މާއްދާތަކާ ފުށޫއަރާ ގޮތަށް ގެނެސްފައިވާ ބަދަލެއްކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން އެމްޑީޕީން ފާހަގަކުރި މާއްދާތަކަކީ:

- ގާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ދިވެހި ދައުލަތުގެ ހުރިހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމާއި، ބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ ކިބާގައިކަން ކަނޑައަޅާފައި އޮތް އޮތުމަށް ރިއާޔަތްކުރުމެއް ނެތި

- ގާނޫނުއަސާސީގެ 26 ވަނަ މާއްދާގެ ދަށުން ރތައްޔިތުންގެ މަޖިލީހިގައި ރައްޔިތުން ތަމްސީލްކުރާނެ މެމްބަރަކު ޚިޔާރުކުރުމުގެ ހައްގު ރައްޔިތުން ކިބައި ނިގުޅައިގަންނަ ގޮތަށް

މި މައްސަލައަށް ތަދައްހުލްވާކަން އިއުލާންކޮށް ދަ ޑިމޮކްރެޓުން ނެރުނު ބަޔާނުގައި ބުނީ އެ އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ ބާރާއި ބޭނުން ކަނޑުވާލާ ގޮތަށް ގެނެވިފައިވާ ބަދަލެއް ކަމަށެވެ. ޑިމޮކްރެޓުން ވެސް ބުނީ މި އިސްލާހުގެ ސަބަބުން ރައްޔިތުންގެ ބާރު ކަނޑުވާލާ ކަމަށެވެ. އެގޮތުން އެ ޕާޓީން ފާހަގަކުރި ކަންކަމަކީ:

- ބާރުތައް ވަކިވެފައިވާ ނިޒާމު ގެއްލި ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ހުރިހާ ބާރުތަކެއް ލިބުން

- މަޖިލީހުގައި ޕީއެންސީގެ މެމްބަރުންގެ އަދަދަކީ ޖަލްސާގެ ކޯރަމަށް ވުރެ ގިނަ އަދަދަކަށް ވެފައި، އެ ޕާޓީން ގިނަ ގޮނޑިތަކެއް ހުސްވެއްޖެ ނަމަ މަޖިލިސް ހުއްޓި ގާނޫނީ ހުސްކަމެއް އައުން

- ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ މިނިވަންކަން ގެއްލި، މެމްބަރުންގެ ޒިންމާއަދާކުރެވޭނެ ޖާގަ ހަނިވުން

މި ސަބަބުތަކަށް ރިއާޔަތްކޮށް މައްސަލައަށް ތަދައްހުލްވުމުގެ މަސައްކަތް އެ ޕާޓީގެ ގާނޫނީ ވަކީލުން ކުރަމުން އަންނަ ކަމަށް ބަޔާނުގައިވެ އެވެ.

ގާނޫނު އަސާސީ އަށް ގެނައި އިސްލާހުގެ ދަށުން، ގޮނޑި ގެއްލުމުގެ އިތުރުން ވެސް ކަންތައްތަކެއް ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ ކަމަށް އޮންނަ މާއްދާ އިސްލާހުކުރާ ނަމަ، އެކަމަށް ވެސް ރައްޔިތުންގެ ރުހުން ހޯދަންޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފައިވެ އެވެ.

https://wamco.com.mv/
tel:+9607331319