logo

ހާރިޖީ ގުޅުންތަކުގެ ހެޔޮ ނަތީޖާ ނެރެން ރައީސްގެ ތިން ހުށަހެޅުއްވުމެއް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 22 ސެޕްޓެމްބަރު 2024 - 21:23

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ދުނިޔޭގެ ގައުމުތަކުގެ މެދުގައި އޮންނަ ހާރިޖީ ގުޅުންތަކުގެ ނަތީޖާގެ އެންމެ އެދެވޭ ނަތީޖާ ނެރުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 3 ކަމެއް ހުށަހަޅުއްވައިފި އެވެ.

ރައީސް މިކަންކަން ހުށަހެޅުއްވީ އދ. ގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގައި ކުރިއަށްދާ "ސަމިޓް އޮފް ދަ ފިއުޗާ" ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްވި ތަގުރީރުގަ އެވެ.

ރައީސްގެ ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ ގައުމުތަކުގައި ގާއިމުކުރެވޭ ހާރިޖީ ގުޅުންތަކުގެ މުހިއްމު ކަމުގެ މައްޗަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ހާރިޖީ ގުޅުންތަކުގެ އެންމެ އެދެވޭ ނަތީޖާ ނެރެވެންޖެހެ އެވެ.

މިކަން ކުރުމަށް ރައީސް ހުށަހެޅުއްވީ ތިން ކަމެކެވެ. އެއީ:

  1. ޒުވާނުން ބާރުވެރިކުރުވުން
  2. މޫސުމީ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރަން މަސައްކަތް ކުރުން
  3. ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ ފަންޑިން ހޯދައިދިނުން

ޒުވާނުން ބާރުވެރިކުރުވުމާ ގުޅިގެން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ޒުވާނުންނަކީ މާދަމާ ދުނިޔޭގައި ހިނގާ ކަންކަމުގައި ގޮތް ނިންމަން ތިބޭ މީހުންނަށް ވާއިރު، އެމީހުން ބާރުވެރިކުރުވުމަށް ގައުމުތަކުން އެކަށީގެންވާ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

" ރާއްޖޭގައި އަޅުގަނޑުމެން ގަބޫލުކުރަނީ ޒުވާނުން ބާރުވެރިކުރެވޭނީ އެ މީހުންނަށް ފަހި މާހައުލެއް ގާއިމުކޮށްދީގެންކަން" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް ރާއްޖެއިން އިންވެސްޓްކުރަނީ ވެސް ޒުވާނުން ބާރުވެރިކުރުވުމުގެ މަގްސަދުގައި ކަމަށެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ މޫސުމީ ބަދަލުތަކުން ކުރާ އަސަރުތަކުން އަރައިގަތުމަށް މަސައްކަތް ކުރުމުގެ މުހިއްމު ކަމެވެ. އެމަނިކުފާނު ވިދާޅުވީ މޫސުމީ ބަދަލުތަކަކީ ހިޔާލީ ފްލޯކް ވާހަކައެއް ނޫން ކަމަށާއި އެއީ ދުނިޔޭގެ 62 އިންސައްތަ ޒުވާނުންނަށް ވެސް އެކަމުގެ އަސަރުކުރާ ކަމެއް ކަމަށެވެ. ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އަންނަ މޫސުމީ ކާރިސާތަކުގެ ސަބަބުން އެ ގައުމުތަކަށް މިދިޔަ 50 އަހަރު ތެރޭގައި 153 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.

މިކަން ފާހަގަކުރައްވަމުން ސަމިޓުގެ ބައިވެރިންނަށް ރައީސް ގޮވާލެއްވީ ކުރިން ވެސް މަސައްކަތް ކުރަން ނިންމާފައިވާ ގޮތަށް، މޫސުމީ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކޮށް، އެ އަސަރުތަކުން އަރައިގަތުމަށް މަސައްކަތް ކުރުމަށާއި ކަނޑުގެ ވަސީލަތްތައް ހިމާޔަތް ކުރުމަށެވެ.

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމެއްގެ ގޮތުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ މާލީ އެހީ ނުލިބުމެވެ. ރައީސް ވިދާޅުވީ ރާއްޖެ ފަދަ ގައުމުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކަންކަމަށް މާލީ އެހީތެރިކަން ލިބެންޖެހޭ ކަމަށެވެ. ހާއްސަކޮށް ކްލައިމެޓް ފައިނޭންސިން ލިބުމުގެ މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ޒުވާނުން އެދޭ ކަންކަން އެ ސަމިޓުގެ ބައިވެރިންނަށް އިއްވަވާދެއްމުން ނެވެ. ރައީސް ވިދާޅުވި ގޮތުގައި ޒުވާނުން މިއަދު ބޭނުންވަނީ ނަތީޖާ ނެރެވޭނެ ނިޒާމެކެވެ. ފަލަސްތީނުގައި އިސްރާއިލުން ހިންގަމުންދާ ގަތުލު އާއްމު ހުއްޓުވުމުގެ ހިތްވަރު އދ. ގައި ހުންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

" ފަލަސްތީނަށް އދ. ގެ ފުރިހަމަ މެމްބަރުކަންދީ، އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ކުށްތައް ހިންގާ މީހުން ޖަވާބުދާރީ ކުރުވެންޖެހޭ. މީހުންގެ އަޑުއަހާ ބަޔަކަށް އދ. ވާންޖެހޭ" ރައީސް ވިދާޅުވި އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ "ސަމިޓް އޮފް ދަ ފިއުޗާ" ގެ މަގްސަދަކީ ބައިނަލްއަގްވާމީގޮތުން ވެވިފައި ހުރި އެއްބަސްވުންތަކަށް އަމަލުކުރުން އަވަސްކޮށް، އެކްޝަން އޮރިއެންޓެޑް އައުޓްކަމް ޑޮކިއުމެންޓެއް ކަމުގައިވާ ޕެކްޓް ފޮރ ދަ ފިއުޗަރ މެދުވެރިކޮށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމެވެ.

https://wamco.com.mv/
tel:+9607331319