logo

އަންނަ ނޮވެމްބަރަށް ފޮރިން ރިޒާވް ރަނގަޅު ކުރެވޭނެ: ރައީސް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 27 އޯގަސްޓު 2024 - 12:39

މަރުކަޒީ ބޭންކް ، އެމްއެމްއޭ

މަރުކަޒީ ބޭންކް ، އެމްއެމްއޭ

ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސޯދީ ހާލަތުން އަރައިގަތުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކާ އެކު، މި އަހަރުގެ ނޮވެމްބަރު މަސް އަންނަން ވާއިރަށް ރާއްޖޭގެ ފޮރިން ރިޒާވް ވަރުގަދަކުރެވޭނެ ކަމުގެ ޔަގީންކަން ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ވެރިކަން ކުރާ ކޮންގްރެސް ޕާޓީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ މައްޗަށެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ރާއްޖޭގެ އިގްތިސާދު ފުން އަނދަވަޅަކަށް ވައްޓާލާފަ އޮތް ވަރު އިހުސާސް ކުރެވުނީ، އެކަމާ ގުޅޭ މަސައްކަތްތައް ކުރަން ފެށުމުން ކަމަށެވެ. ރާއްޖޭގެ އިގްތިސޯދު ހީނަރުވެގެންދިޔައީ، ރައީސް ވިދާޅުވި ގޮތުގައި، މިދިޔަ ފަސް އަހަރު ތެރޭ ދިވެހި ރުފިޔާ ޗާޕުކުރުމާއި ބޮޑެތި އިންޓްރެސްޓް ރޭޓުތަކުގައި ލޯނު ނަގައި، ކޮވިޑް-19 ގެ ދުވަސްވަރު ބޭކާރު ހަރަދުތަކެއް ކުރުމުގެ ސަބަބަބުން ނެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ފައިސާ ޗާޕުކުރުމަކީ ފަސޭހަ ގޮތް ކަމަށާއި، އެގޮތް ހިޔާރުކުރައްވަން ބޭނުންވެވަޑައިނުގަންނަވާ ކަމަށެވެ. އަދި ކުރީ ސަރުކާރާއި ހިލާފަށް، މި ސަރުކާރުން އިގްތިސޯދު ހަމަޔަކަށް އަޅުވާނީ ދެމެހެއްޓެނިވި ގޮތްތަކެއް ހޯދައިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

" އަޅުގަނޑުމެން ބޭނުންވީ އަޅުގަނޑުމެންގެ އިގްތިސޯދު ހަރުދަނާކުރުމަށް. ދެމެހެއްޓެނިވި ގޮތެއްގައި ސަސްޓެއިން ކުރެވޭ ގޮތެއްގައި އަޅުގަނޑުމެންގެ އިގްތިސޯދު ހަރުދަނާ ކުރެވޭތޯ މަސައްކަތް ކުރަން. އެއީ އިހުލާސްތެރިކަމާ އެކީގައި މަސައްކަތް ކުރަން ބޭނުންވާތީ. އީޒީވޭ އައުޓްއެއް ބޭނުމެއް ނޫން." ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ކުރީ ސަރުކާރުން ވިޔަފާރިތަކަށް ނުދައްކާ ހުރި ޕޭމެންޓްތަކަށް މި ސަރުކާރުން ފައިސާ ދައްކައި އުސޫލުތަކަށް ބަދަލު ގެނެސްގެން ވެސް ރާއްޖޭގެ ފޮރިން ރިޒާވް ވަރުގަދަކުރައްވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ރައްޔިތުންނަށް ދެވޭނެ ޔަގީންކަމަކީ، ދޭ ޔަގީންކަމަކީ މި މަސައްކަތް މިގޮތަށް ކޮށް މިއަހަރުގެ ނޮވެމްބަރު މަސް އަންނަން ވާއިރަށް އަޅުގަނޑުމެންނަށް ވަރަށް އުއްމީދު އެބައޮތް" ރައީސް ވިދާޅުވި އެވެ.

tel:+9607331319