logo

ބޭންކުން ޑޮލަރު މާރު ކުރަން ކުންފުނިތަކަށް މަޖުބޫރު ވާ ގޮތަށް ހަދާނަން: ރައީސް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 27 އޯގަސްޓު 2024 - 11:47

ރޭ ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާގަ ރައީސް ވާހަކަދައްކަވަނީ (ފޮޓޯ/ ޕީއެންސީ)

ރޭ ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާގަ ރައީސް ވާހަކަދައްކަވަނީ (ފޮޓޯ/ ޕީއެންސީ)

ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ކަޅު ބާޒާރުގައި ޑޮލަރު މާރުކުރުން ނިމުމަކަށް ގެނެސް، ސީދާ ބޭންކުތަކުން ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވާއިދަށް ބަދަލު ގެންނަވާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑޮލަރު ލިބުން ދަތިވެ، ބީއެމްއެލްގެ ކާޑުތަކަށް ދީފައިވާ ލިމިޓްތަކަށް ބަދަލުގެނައުމަށްފަހު، އޭގެ ގަޑިއިރުތަކެއް ފަހުން އެ ބޭންކުން ވަނީ އެ ނިންމުން ބާތިލުކޮށްފަ އެވެ. ބޭންކުން އެ ނިންމުން ބަދަލުކުރީ ސަރުކާރުގެ މަޝްވަރާގެ މަތިން ނެވެ. އެކަމާ ގުޅިގެން ސަރުކާރުން ވަނީ ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖަހައި، ޑޮލަރުގެ ރިޒާވް އިތުރުކުރަން ފިޔަވަޅުތަކެއް އަޅަން ނިންމާފަ އެވެ.

ރޭ ބޭއްވި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި އެ ފިޔަވަޅުތަކާ ގުޅިގެން ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މަރުކަޒީ ބޭންކުގެ ރެގިއުލޭޝަންތަކަށް ކުރިއަށް އޮތް ދުވަސްތަކުގައި ބަދަލުތަކެއް ގެންނާނެ ކަމަށެވެ. އަދި އެ ބަދަލުތަކާ ގުޅިގެން ސަރުކާރުގެ ލަފާ ވެސް މިހާރު އަރުވާފައިވާނެ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ގެންނަ އެއް ބަދަލަކީ ރައީސް ވިދާޅުވި ގޮތުގައި، ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ސީދާ ބޭންކުން ޑޮލަރު މާރުކުރަން ޖެހޭ ގޮތް ހެދުމެވެ. .

"މި ފައިސާ ބްލެކް މާކެޓުގަ މިހާރު މާރުކުރަ މާރުކުރުން ނިމުމަކަށް އައިސް ހަމައެކަނި ބޭންކަށް މާރުކުރުން މަޖުބޫރުވާނެ. ވަރަށް ގިނަ ބަޔަކު ރުޅި އައިސްދާނެ އަޅުގަނޑު ދެކެ. އެކަމަކު އަޅުގަނޑު ހުންނާނީ ރައްޔިތުންގެ ފަޅީގަ." ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން، ރާއްޖެއަށް ލިބޭ އެކި ކަހަލަ ފޮރިން އިންވެސްޓްމެންޓްގެ ނަފާ ރާއްޖޭގެ ބޭންކުތަކުގައި ހިފެހެއްޓުމަށް ހިތްވަރު ލިބޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް އަދި އަދި ޕްރޮފިޓް ޓެކްސްގެ ރެގިއުލޭޝަން ވެސް ބަދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އޭގެ ސަބަބުން ރާއްޖޭގަ ޑޮލަރު ހިފެހެއްޓުމަށް ހިތްވަރު ދެވި، ގިނަ ދުވަސްވަން ދެން ރާއްޖޭގައި ޑޮލަރު ހިފެހެއްޓޭނެ އެވެ.

ރައީސް ވިދާޅުވީ އެ ބަދަލުތަކާ އެކު ރާއްޖޭގައި ހިންގާ މަނީ އެކްސްޗޭންޖްތައް ވެސް ބޭންކިން ނިޒާމާ ގުޅިގެންދާނެ ކަމަށެވެ. އަދި އެ ތަންތަނުން ޑޮލަރު މާރުކުރަނީ ބޭންކު ރޭޓާ އެއްގޮތަށްތޯ ބޭންކުތަކުން ފާރަވެރިވާނެ ކަމަށެވެ.

މި ބަދަލުތަކުގެ ނަތީޖާ ފެންނަން ވަގުތު ނަގާނެކަން ފާހަގަކުރައްވަމުން ރައީސް އެދިވަޑައިގެންނެވީ ހުރިހާ ރައްޔިތުންގެ އެއްބާރުލުމަށެވެ.

"އެހެންމަ ހުރިހާ ފަރާތްތަކެއް، ވިޔަފާރިވެރިންނާއި އާއްމު ރައްޔިތުންނާއި ދިވެހި ހުރިހާ ރައްޔިތުން އެއްބާރުލުން ދޭ ކަމުގައި ވާނަމަ، އެންމެން އެކުގައި ކުރިއަށްދާނަމަ ޑޮލަރުގެ މި ބްލެކް މާކެޓް ވަރަށް ބޮޑު ތަނުން ހަމައަކަށް އެޅުވި، ޑޮލަރު ރޭޓު ހިފެހެއްޓި، ކުޑަކުރެވި، ބޭންކުގެ ތެރޭގައި ޑޮލަރު ރިޒާވް އިތުރުކުރެވި، ކަންތައްތަކެއް ވާނެ." ރައީސް ވިދާޅުވި އެވެ.

tel:+9607331319