logo

މިދިޔަ އަހަރު 557.6 ބިލިއަން ރުފިޔާ އެކައުންޓުތަކުން ޓްރާންސްފާ ކުރި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 02 ސެޕްޓެމްބަރު 2024 - 13:30

މަރުކަޒީ ބޭންކް ، އެމްއެމްއޭ

މަރުކަޒީ ބޭންކް ، އެމްއެމްއޭ

މިދިޔަ 2023 ވަނަ އަހަރުގެ ތެރޭގައި 557.6 ބިލިއަން ރުފިޔާ އެކައުންޓުތަކުން ޓްރާސްފާކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭގެ 2023 ޕޭމެންޓް ބުލެޓިން ރިޕޯޓުގައި ބުނެފައިވަނީ އެކައުންޓް ޓްރާންސްފާ އަކީ ފައިސާ ދެއްކުމަށް ރާއްޖޭގައި އެންމެ މަގުބޫލު ގޮތް ކަމަށެވެ. އެގޮތުން އިންސްޓެންޓް އިންޓަ ބޭންކް ޓްރާންސެކްޝަންތަކަށް މަގުފަހިކޮށްދޭ "ފަވަރާ' ތައާރަފްކުރުމާއެކު ވެސް ކުރިއަށް އޮތް އަހަރުތަކުގައި އެކައުންޓް ޓްރާންސްފާ އިތުރުވާނެ ކަމަށް ވެސް އަންދާޒާކޮށްފައިވެ އެވެ.

އެގޮތުން މިދިޔަ އަހަރު 109.6 މިލިއަން ފަހަރު އެކައުންޓުތަކުން ފައިސާ ޓްރާންސްފާކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އޭގެ ތެރެއިން 97 އިންސައްތަ އަކީ އެއް ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓުތަކުން ކުރި ޓްރާންސެކްޝަންތަކެވެ. އަނެއް 3 އިންސައްތަ އަކީ އެކި ބޭންކުތަކުގެ މެދުގައި ކުރެވުނު ޓްރާންސެކްޝަން ތަކެވެ.

އެމްއެމްއޭ އިން ބުނީ މިދިޔަ އަހަރު 557.8 ބިލިއަން ރުފިޔާ އެކި އެކައުންޓުތަކުގެ މެދުގައި ޓްރާންސްފާކުރެވުނު ކަމަށެވެ. އޭގެ ތެރެއިން 64 އިންސައްތައަކީ އެއް ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓުތަކުން ކޮށްފައިވާ ޓްރާންސެކްޝަންތަކެވެ. މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 25 އިންސައްތަ އިތުރު އަދަދެއް ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ ފައިސާ ޓްރާންސްފާކުރުމަށް ގިނައިން ބޭނުންކޮށްފައިވަނީ އިންޓަނެޓް ބޭންކިންގެ ހިދުމަތާއި މޯބައިލް އެޕްލިކޭޝަން ކަމަށެވެ.

މީގެއިތުރުން މިދިޔަ އަހަރުގެ ތެރޭގައި 1.34 މިލިއަން ކާޑު އެކި ފަރާތްތަކަށް ދޫކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. އެއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 7 އިންސައްތަ އިތުރު އަދަދެއް ކަމަށް ވެސް ބުނެފައި ވެއެވެ. ހުސްވި އަހަރު ދޫކުރި ކާޑުތަކުގެ 62 އިންސައްތަ އަކީ ޑެބިޓް ކާޑެވެ. އޭގެ 34 އިންސައްތަ އަކީ ޕްރީޕެއިޑް ކާޑުތަކެވެ. އަނެއް 4 އިންސައްތަ އަކީ ކްރެޑިޓް ކާޑެވެ.

މަރުކަޒީ ބޭންކުން ބުނީ މިދިޔަ އަހަރު ކާޑު ބޭނުންކޮށްގެން 56.5 މިލިއަން ޓްރާންސެކްޝަން ހިނގާފައިވާ ކަމަށެވެ. އެގޮތުން މުޅި ޖުމްލަ 22.6 މިލިއަން ރުފިޔާގެ މުއާމަލާތްތައް ހިނގާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އެމްއެމްއޭ އިން ބުނިގޮތުގައި މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 24 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.

tel:+9607331319