logo

ޑިވެލޮޕްމެންޓް ބޭންކު ވާނީ އިންވެސްޓަރުންގެ ހަބަކަށް: ރައީސް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 26 އޯގަސްޓު 2024 - 12:25

ރައީސް މުއިއްޒު

ރައީސް މުއިއްޒު

ރާއްޖޭގެ ތަރައްގީގެ ބޭންކު، ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް ވެގެންދާނީ ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތަކުގެ ހަބަކަށް ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިގޮތަށް ވިދާޅުވީ އަލަށް އުފެއްދި ޑިވެލޮޕްމެންޓް ބޭންކްގެ ސީއީއޯ އަދި ޗެއާމަނަކަށް އައްޔަނުކުރައްވާ ބޭފުޅުންނާއި ބައްދަލުކުރެއްވުމުގެ ކުރިން ސޯޝަލް މީޑިއާއަށް ދޫކުރެއްވި ވީޑިއޯ މެސެއްގަ އެވެ.

ޑިވެލޮޕްމެންޓް ބޭންކަކީ ރާއްޖޭގެ އިގްތިސޯދު ފުޅާކޮށް ސިންދަފާތުކުރަން ކުރިއަށް ގެންދިއުމަށްޓަކައި، ސަރުކާރުގެ މެނިފެސްޓޯގައި އޮތް އެންމެ މުހިއްމު އެއް ވައުދުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ބޭންކު ވެގެންދާނީ ރިސޯޓުތައް ހެދުމަށާއި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިންނާއި އެ ނޫންވެސް ދާއިރާތަކުން ރާއްޖޭގައި އިންވެސްޓްކުރާނެ ފަރާތްތަކަށް އޮތް ހަބަކަށް ކަމަށެވެ.

މިދިޔަ މެއި މަހުގެ 16 ގައި އުފެއްދި ޑިވެލޮޕްމެންޓް ބޭންކުގެ ބޯޑަށް މި މަހުގެ 21 ގައި ވަނީ ތިން މެމްބަރަކު އައްޔަނުކޮށްފަ އެވެ.

މި ބޭންކަކީ ދެމެހެއްޓެނިވި އިގްތިސޯދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފައްދާފައިވާ ކުންފުންޏެކެވެ.

https://int.etukuri.mv/
tel:+9607331319