logo

ރައީސް ޞާލިޙްގެ ސަރުކާރުން ކުންފުނިތަކަށް ނުދީ ހުރި ފައިސާތައް މިސަރުކާރުން އަންނަނީ ދޫކުރަމުން: މެމްބަރު ހުސްނީ

profile

ޒިދާން މުޙައްމަދު - 01 އޯގަސްޓު 2024 - 13:42

ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް އަސްލު ޓީވީގައި --- ފޮޓޯ: އަސްލު ޓީވީ

ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް އަސްލު ޓީވީގައި --- ފޮޓޯ: އަސްލު ޓީވީ

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ޕްރޮޖެކްޓްތައް ހަވާލުކުރި އަމިއްލަ ކުންފުނިތަކަށް ނުދީ ހުރި ފައިސާތައް މިސަރުކާރުން އަންނަނީ ދޫކުރަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވިދާޅުވެއްޖެއެވެ.

މެމްބަރު ހުސްނީ މުބާރަކް މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ މުޖުތަމަޢު ހެޔޮ ގޮތުގައި ބިނާކުރުމުގެ ސިޔާސަތުގެ މައްޗަށް އަލިއަޅުވާލައި، އަސްލު ޓީވީން ބުދަ ދުވަހުގެ ރޭ ގެނެސްދިން ހާއްސަ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުންނެވެ.

ބިދޭސީ މަސައްކަތްތެރިންގެ ފީތައް ނުދައްކައިގެން ކޮންސްޓްރަކްޝަން އެކި ކުންފުނިތަކުގެ ނަންތަކުގެ ލިސްޓާއި ތަފްސީލުތައް އާންމުކުރިއިރު ދައުލަތުން ވެސް އެ ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރުވައި ފައިސާ ނުދީ އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލެ އަތޮޅު ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ވިދާޅުވެފައެވެ.

މިކަމާ ގުޅޭ ގޮތުން އަސްލު ޓީވީން ސުވާލުކުރުމުން، މެމްބަރު ހުސްނީ ވިދާޅުވީ، ކޮންޓްރެކްޓަރަކަށް މަސައްކަތް ހަވާލުކުރާ ފަރާތަކުން ދޭންޖެހޭ ފައިސާ އެއް ނުދީ އޮތަތީ މުވައްޒަފުންގެ ހައްގުތަށް ނިގުޅައިގެންނުވާނެ ކަމަށެވެ. އެއީ މަސައްކަތްތެރިންނަށް އުޖޫރަ ނުދޭން އޮތް ހުއްޖަތެއް ނޫން ކަމަށާއި ބަހަނާއެއްގެ ގޮތުގައި އެކަން ބަލައިނުގަނެވޭ ކަމަށެވެ.

މެމްބަރު ހުސްނީ ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ޕްރޮޖެކްޓްތައް ހަވާލުކުރި ސަރުކާރުގެ ކުންފުނިތަކަށް އަދި އަމިއްލަ ކުންފުނިތަކަށް ނުދީ ހުރި ފައިސާތަކުގެ އަދަދު ގިނަ ކަމަށެވެ. އެ ފައިސާތަައް ނުދީ ހުރުމަކީ ދައުލަތުން ވެފައިވާ ބޮޑު އިހުމާލެއް ކަމަށާއި އެކަމާ ހުރެ ބައެއް ކުންފުނިތައް ބަނގުރޫޓުވާ ހާލަތަށްވެސް ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

މެމްބަރު ހުިސްނީ ވަނީ މި ސަރުކާރުން، އެ ކުންފުނިތަކަށް ފައިސާ ދޫކުރާނެ ކަމުގެ ޔަގީންކަން ދެއްވައި، މިހާރުވެސް އެކަން ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ.

29 ޖުލައި 2024 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށް ދިޔައީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި ރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާ ގުޅޭ ގޮތުން ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިސްލާހުކުރުމަށް ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހަޅާފައިވާ ބިލުގެ ބަހުސްއެވެ. އަނާރާ ވިދާޅުވީ ބިލު މަޖިލީހަށް ބަލައިގަނެ، ކޮމިޓީ މަރުހަލާ ކުރިޔަށް ގެންދިއުމުގައި ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއާއި މިފަދަ ޤާނޫނެއް ގެނައުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ދެވޭނެ ފަރުދުދުންނާއި ބައްދަލުކޮށް ހިޔާލު ހޯދުން މުހިންމުކަމަށެވެ.

މި އިސްލާހަށް ބަހުސް ކުރައްވަމުން އަނާރާ ވިދާޅުވީ، ބިދޭސީންނަށް ރާއްޖޭގައި މަސައްކަތް ކުރެވެން ވާނީ ޤާނޫނީ މިންގަނޑުގެ ތެރެއިންކަމަށާއި، އެ މީހުންނަށް ގަވައިދުތަކުގެ ބޭރުން ވަޒީފާ އަދާކުރެވިގެން ނުވާނެކަމަށެވެ. މިކަން ހުރިހާ ދިވެހި ރައްޔިތުން ވެސް ގަބޫލު ކުރާއިރު، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތަކަށް ތާއީދު ކުރާ ސަބަބަކީ ވެސް އެއީކަމަށް އަނާރާ ވިދާޅުވި އެވެ. މެމްބަރު އަނާރާ ވިދާޅުވީ އިސްލާހުގައި ބިދޭސީންގެ އަދަދު ކަނޑައަޅައި، ދާއިރާތައް ކަނޑައެޅުން ހިމަނާފައިވުމުން އެކަމަށް ވެސް ގިނަ މަޝްވަރާތަކެއް ކުރަން ޖެހޭކަމަށެވެ. ބިދޭސީންނަކީ ވެސް އިންސާނީ ހައްގުތައް ލިބިގެންވާބައެއްކަން ފާހަގަކުރައްވައި އަނާރާ ވިދާޅުވީ ކޮވިޑު-19 ގެ ދުވަސްވަރު ވެސް ވަރަށް ހާލުގައި އުޅެމުން ދިޔަ މީހުން ފެނުނު ކަމަށެވެ.

ރާއްޖޭގައި ބިދޭސީންގެ އަދަދު މަދު ކުރުމަށް އަމާޒުހިފައި އެކަމަށް މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވައި އަނާރާ ވިދާޅުވީ، ދެފަރާތަށް ލިބެންވާ ހައްގުތައް ކަށަވަރު ކުރެވެން ޖެހޭ ކަމަށެވެ.

ދައުލަތަށް ކޮންސްޓްރަކްޝަން ކުންފުނިތަކުން ދައްކަން ޖެހޭ ފީތައް ނުދައްކައި، ހުރި މައްސަލަތަކެއް ފެންމަތިވެ ކުންފުނިތަކުގެ ނަންތަކެއް ދާދިފަހުން އާންމު ކުރުމުން އެކަމަށް އަނާރާ ވިދާޅުވީ ދައުލަތުގެ ފަރާތުން ވެސް މަސައްކަތް ކުރުވާފައި، އެ ކޮންސްޓްރަކްޝަން ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ނުލިބި އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް ލިބެން ޖެހޭ ފައިސާ، ވަޒީފާ ދޭ ކުންފުނިތަކަށް ލިބުމުން ބިދޭސީންގެ ފީތައް ދެއްކުމުގައި ފަސޭހަތަކެއްވެ އެ މީހުންގެ ހައްގުތައް ވެސް ކަށަވަރު ކުރެވޭނެކަމަށެވެ.


https://wamco.com.mv/
tel:+9607331319