logo

ުސުންނަތުން ސާބިތުވާ ބައެއް ދުޢާތައް

profile

ޒިދާން މުޙައްމަދު - 29 ސެޕްޓެމްބަރު 2025 - 03:05

ދީނީ އަދި ދުނިޔަވީ ހުރިހާކަމެއްގައި ރެއާއި ދުވާލު ދުޢާ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އުފާވެރިކަމާއި ހިތާމާގައިވެސް ދުޢާކުރުން ގިނަކުރުމަށް މާތްﷲ ވަނީ އަންގަވާފައިވެއެވެ. އެހެންކަމުން ދުޢާ ކުރާށެވެ. މާތްﷲ އިޖާބަކުރައްވާނެއެވެ. ނަބިއްޔާ صلى الله عليه و سلم ގެ ސުންނަތުން ވަނީ މުހިންމު ދުއާތަކެއް ވާރިދުވެފައެވެ.

https://wamco.com.mv/

ދުޢާކުރުމުގެ އަދަބުތަކާއި، އަދި ދުޢާ އިޖާބަވުމުގެ ސަބަބުތަކަށް ބަލާއިރު ﷲ ތަޢާލާ އަށް އިޚްލާޞްތެރިވުމާއި ﷲ ތަޢާލާއަށް ހަމްދާއި ޘަނާއިން ފެށުން އަދި މާތްނަބިއްޔާ صلى الله عليه وسلمގެ މައްޗަށް ފަށާއިރުއާއި ނިންމާލަމުން ޞަލަވާތްކިޔެވުމާއި ﷲ ތަޢާލާ ދުޢާ އައްސަވާވޮޑިގެންވާކަމާއި، އިޖާބަކުރައްވާނެކަމުގެ ޔަޤީންކަން އޮތުން އަދި ދުޢާކުރުމުގައި އަވަސްވެ ދެމިހުރުމާއި، އަދި އިޖާބާއިގައި އަވަސްވެނުގަތުމަކީ ދުޢާތައް އިޖާބަކުރައްވާނެ ކަމަށް ސުންނަތުން ދަލީލުދޭ ސަބަބުތަކެވެ.

ދުޢާ އިޖާބަކުރެއްވުމުގައި ވަނީ ތިން ގޮތެކެވެ. އެއީ މާތްނަބިއްޔާ صلى الله عليه وسلمގެ ޙަދީޘްތަކުން ދޭހަވާފަދައިން ދުޢާކުރާ މީހާ ދުޢާކުރާހިނދު ފާފަޔަކަށް ނޭދި އަދި ރަޙިމުގެ ގުޅުމެއް ކަނޑާލުމަށް ނޭދޭމީހާއަށް ފުރަތަމަ ގޮތަކީ އެދުޢާއެއް އިޖާބަކުރެއްވުމެވެ. ދެވަނަ ގޮތަކީ އިޖާބަ ޤިޔާމަތްދުވަހާ ހަމައަށް ލަސްކުރައްވައި އޭގެ ބަދަލުގައި ޘަވާބާއި ދަރުމަ ދެއްވުމެވެ. ތިންވަނަ ގޮތަކީ އޭނާއަށް ދިމާވާ މުޞީބާތަކުން މިންޖުކުރެއްވުމެވެ.

ދުޢާކުރާއިރު ހިތް ޙާޟިރުކޮއްގެންހުރެ ދުޢާކުރުން މުހިންމެވެ. އުފާ ފާގަތިކަމާއި މުޞީބާތާއި ދަތި ޙާލުގައިވެސް ދުޢާކުރުމާއި ހަމައެކަނި ﷲ ތަޢާލާއަށް ދުޢާދެންނެވުން އަދި މުދަލާއި އަނބިދަރިންނާއި ނަފްސުގެ މައްޗަށް ބަދުދުޢާ ނުކުރުމާއި މެދުމިނެއްގެ އަޑަކުން ދުޢާކުރުން، ފާފަތަކަށް އިޢްތިރާފްވެ، އެކަމުން ތައުބާވެ އިސްތިޣްފާރުކޮށް އަދި ﷲ ތަޢާލާގެ ނިޢްމަތްތަކަށް އިޢްތިރާފްވެ ޝުކުރުވެރިވުން، އަމިއްލަ ނަފްސަށް ބޮޑު ތަކުލީފަކަށް ވާގޮތަށް ދުޢާނުކުރުމުގެ އިތުރުން މަޑުމޮޅިކަމާއި ޚުޝޫޢަތްތެރިކަމާއި ބިރުވެތިކަމާއި އެކީ ﷲ ޙަޟްރަތުން އެދިދެންނެވުން، މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ އެކަމަކުން ތައުބާވެ އެޙައްގު އަދާކުރުން، ދުޢާ ތިންފަހަރު ތަކުރާރުކުރުން އަދި ޤިބުލައަށް ކުރިމަތިލުން، ދުޢާކުރުމުގައި ދެއަތް އުފުލުމުގެ އިތުރުން ބުރަކަމަކަށްނުވާނަމަ ދުޢާކުރުމުގެ ކުރިން ވުޟޫކުރުން، މާބޮޑަށް ތަފްސީލުނުކޮށް ޖުމްލަވީ ކުރު ޢިބާރާތަކުން ދުޢާކުރުމެވެ.

މިސާލަކަށް ސުވަރުގޭގެ ނުވަތަ ނަރަކައިގަވާ އެއްޗެތި ވަކިވަކިން ނަންގަތުމުގެ ބަދަލުގަ ސުވަރުގެ ވަންތަވެރިއެއް ކަމުގައި ލެއްވުމަށް ނޫނީ ނަރަކައިން މިންޖުކުރެއްވުމަށް ދުޢާކުރުން، އެހެންމީހަކަށް ދުޢާއެއް ކޮށްދޭއިރު އެންމެ ފުރަތަމަ ތިމާގެ ނަފުސުން ފެށުން އަދި ދުޢާކުރާއިރު ވަސީލަތެއްގެ ގޮތުގައި الله ގެ ރިވެތި އިސްމުފުޅުތަކާއި މަތިވެރިވެގެންވާ ސިފަތަށް ބޭނުން ކުރުން، ނުވަތަ ތިމާއަށް ކުރެވިފައިވާ ޞާލިޙް ޢަމަލެއް މެދުވެރިކޮށް، ނުވަތަ ދުނިޔޭގަ ދިރިހުރި ޞާލިޙް މީހެއް މެދުވެރިކޮށް ދެންނެވުން ފަދަ ކަންކަމަކީ ދުއާ އިޖާބަކުރައްވަން މެދިވެރިވާނެ ހަލާތްތަކާއި އަދަބުތަކެވެ.

ކައިބޮއި ހަދާ އެއްޗިއްސާއި ލައި އަންނައުނަކީ ހަލާލު އެއްޗެތިކަމުގާއިވުމާއި ނުބައި ކަމަކަށް ނުވަތަ ރަޙިމުގެ ގުޅުން ކަނޑާލުމަށް ދުޢާނުކުރުމާއި ރަނގަޅު ކަންތަކަށް އަމުރުކޮށް ނުބައި ކަންތަށް މަނާކުރުން އަދި ހުރިހާ ނުބައި ކަމަކުން ދުރުވެގަތުން ވެސް ދުއާ އިޖާބަކުރައްވަން މެދުވެރިކުރައްވަތެވެ.

ދުޢާ ޢިޖާބަ ކުރަނިވި ވަގުތުތަކާއި ޙާލަތުތަކާއި ތަންތަނަށް ބަލާއިރު، ليلة القدر ވިލޭރޭ، ރޭގަނޑު ދަންވަރުގެ ފަހުބާއި، ކޮންމެ ފަރުޟު ފަސްނަމާދެއްގެ ފަހުގައި، ބަންގި އާއި ގަމަތާއި ދެމެދު، ފަރުޟު ފަސްނަމާދަށް ގޮވާލެވޭހިނދު، ވާރޭ ވެހޭ ހިނދު، ހަނގުރާމައިގައި އެއްބަޔަކު އަނެއްބަޔަކާއި ކުރިމަތިލާ ހިނދު، ހުކުރު ދުވަހުން ބައެއްގައި ދުއާކުރުން ވާރިދުވެގެންވެއެވެ. އަދި ސަޖިދާގަވާ ވަގުތާއި ރޭގަނޑު ނިދިންހޭލާއިރު ކުރެވޭ ދުޢާއާއި ތެދުވެރި ނިޔަތަކާއެކު ޒަމްޒަމް ފެން ބޯހިނދު ކުރާ ދުޢާއާއި މިފަދައިން ދުޢާކުރުމާއި ޢަރަފާތު ދުވަހު ކުރެވޭ ދުޢާއާއި މުޞީބާތެއް ދިމާވާހިނދު ކެތްތެރިވެ ، އެކަމަށް އަޖުރުލިބުމަށް އެދި ބަދަލުގައި ރަނގަޅު ގޮތެއް މެދުވެރިވުމަށް ކުރާ ދުޢާގެ އިތުރުން މައިންބަފައިން ދަރިންނަށް އަދި ދަރިން މައިންބަފައިންނަށް ކުރާ ދުޢާ އަދި ދަތުރުކުރާއިރު ދަތުރުވެރިޔާގެ ދުޢާގެ އިތުރުން ރޯދަވީއްލާއިރު ކުރެވޭ ދުޢްވެސް އިޖާބަކުރައްވާނެ ކަމަށް ނަބިއްޔާގެ ރިވާޔަތުގައިވެއެވެ.

މުއުމިނުން ކޮންމެތާކުވިޔަސް ކޮންމެހާލެއްގައި ވިޔަސް الله سبحانه و تعالى އަށް ދުޢާކުރުމުގައި ދެމިތިބޭނެއެވެ. އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަން الله ގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް إيمان ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ.

https://etukuri.mv/
https://www.aslu.com.mv