
ރ. ވާދޫ: ކޮއިމަލާ ރަސްގެފާނާއެކު އައި ވާވެރިން ފޭބި ކަމަށް ބުނާ ރަށް!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 10 ސެޕްޓެމްބަރު 2025 - 16:56
ރ. ވާދޫއަކީ ރ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގެ ސިލްސިލާއިން އުތުރުން އެންމެ ދެވަނައަށް އޮތް ރަށެވެ. މިރަށުގެ އުތުރުގައި އަތޮޅުގެ އެންމެ އުތުރު ބިތުގައި އޮންނަ އަލިފުށި އަދި ދެކުނަށް ރަސްގެތީމު ވެއެވެ. ރ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގެ އާބާދީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިރަށުގެ އާބާދީއަކީ 661އެވެ.
މިރަށުގެ ވަށައިގެންވާ ފުންވިލާއި ފަޅަކީ ރ. އަތޮޅުގެ އެންމެ ބޮޑު އެއް ވިލުފަޅެވެ. މިރަށުގެ ފަރަކީ ކަނޑުގެ ދިރުންތަކުން މުއްސަނދި މުރަކައިގެ ބަގީޗާއެކެވެ. ޚާއްސަކޮށް މަޑިއާއި ވެލާ ގިނަކަން ފާހަގަކޮށްލެވެއެވެ.
މިރަށަކީ މަސައްކަތްތެރި އީޖާދީ ރައްޔިތަކު ދިރިއުޅޭ ރަށަކަށްވާއިރު މުޅި އަތޮޅުގައިވެސް ސުވެނިއަރ ސާމާނު ހެދުމަށް އެންމެ މޮޅު ރަށެވެ. 2017 ވަނަ އަހަރުގެ "ކަންގަތި އެވޯޑްސް" އަދި ސިވިލް ސަރވިސްއިން ދޭ އިނޮވޭޝަން އެވޯޑްވެސް މިރަށަށް ލިބިފައިވެއެވެ. އިޔާދަކުރަނިވި ހަކަތައަށް ބަދަލުވަމުންދާ ވާދޫއަކީ ރާއްޖޭގެ ފުރަތަމަ ސޯލަރ ޕަވާޑް ޗާޖިންގ ސްޓޭޝަން ގާއިމުކޮށްފައިވާ ރަށެވެ.
އެއް ހާހުން ދަށުގެ އާބާދީއެއް އޮތް ލަފާފުރަން ފަސޭހަ، ބިންބޮޑު، ތަރައްގީގެ ފަހިރަށެކެވެ. އިޤްތިޞާދީ ގޮތުން ކުރާ މަސައްކަތްތަކަކީ މަސްވެރިކަމާއި ޒަމާނީ ދަނޑުވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ މަސައްކަތް ތަކުގައި ވަޒީފާ އަދާ ކުރުމެވެ. އަދި ކޮންޓެކްޓަށް މަސައްކަތްކުރާ މީހުން މިރަށުގެ މަސައްކަތްކުރާ އާބާދީގައި ގިނައެވެ.
ރ. ވާދޫގައި ރެދަންލާފައި–
މި ރަށުގައި ކާޑުގެއެއްގެ ގޮތުގައި ބޭނުންކުރަމުން އައި 200 އަހަރަށްވުރެ ގިނަ ދުވަސްވީ އިމާރާތެއް ހުރެއެވެ. އެތަން ދާރުލްއާސާރަކަށް ހެދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ލްޖީއޭގެ އިންޑެކްސްގައި އެންމެ ގިނައިން ރ. އަތޮޅުގެ އެއްވަނަ ހޯދީ ވާދޫއެވެ. ބައިނަލްއަގުވާމީ ނޫސްތަކުގައި އެންމެ ގިނައިން ލިޔެވިފައިވާ ރާއްޖޭގެ އެއް ރަށަކީ ދޫއެވެ.
ރ. އަތޮޅުގައި ޒަމާނީ ފެންވަރުގެ ފުޓްސަލް ދަނޑެއް އެންމެ ފުރަތަަމަ އެޅި އެއް ރަށަކީ ވާދޫއެވެ. އަތޮޅުގަައި ޒަމާނީ ފެންވަރުގެ ފިޓްނަސް ސެންޓަރެއް އެންމެ ފުރަތަމަ ހެދި ރަށަކީ ވާދޫއެވެ. ޒަމާނީ ފެންވަރުގެ ބެލެނިވެރިންގެ ހިޔާއެއް ފުރަތަަމަ ހެދީ ވެސް ވާދޫގައެވެ.
ރަށެއް ރަށަކަށް ހަދަނީ އެ ރަށެއްގެ ރަށްވެހީންނެވެ. ކިތަންމެ ކުޑަ އާބާދީއަކަށް ވިޔަސް ރަށު ލޯބި ހުރި އިޖުތިމާއި ގުޅުން ރަނގަޅު ބަޔަކު އުޅޭ ނަމަ ކަންކަން ވާނެކަން މިރަށުން ދަނީ ބުނަމުންނެވެ.
ރ. ވާދޫ: މިއީ ގުދުރަތީ މުއްސަނދިކަމުން ފުރިފައިވާ ރަށެއް
ތާރީޚީ ގޮތުން ބަލާއިރު މިރަށަކީ ރާއްޖޭގެ ފުރަތަމަ ރަސްކަމާ ކޮންމެވެސް ވަރަކަށް ގުޅިފައިވާ ރަށެކެވެ. މާޅޮސްމަޑުލު ވާދުވަކީ ރާއްޖޭގެ ގަދީމީ ތިނެސްކަނެއްގެ ރަށެކެވެ. އިހު މީހުންގެ ބަހުގައި، މާލެއަށް ރަސްކަން ބަދަލުވުމުގެ ކުރީގައި ކޮއިމަލާ ރަސްގެފާނު ހުންނެވީ ރަސްގެތީމުގައެވެ. މި ގަދީމީ ދައުލަތުގެ އަޅުން (މަސައްކަތްތެރިން) ތިބީ އަނގޮޅިތީމުގައެވެ. ވާވެރިން ތިބީ ވާދޫގައެވެ. ވާވެރިންނަކީ ރާވެރިކަމާއި ވަލުން އާމްދަނީ ނެރުމުގެ މީހުންނެވެ. ފަހަކާ ޖެހެންދެން ވެސް ވާދޫގެ އާމްދަނީ އަކީ ވަލުން އުފައްދާ ތަކެއްޗެވެ. ރާވެރިކަމާއި އޭގެ ނަފައެވެ. މަސްވެރިކަމަކީ ވާދޫގެ ދެވަނަ މަސައްކަތެވެ. ރާވެރިކަމަށް ހާއްސަ ވާދޫގައި ރާވެރިންގެ މާލޫދު ކިޔައި އުޅުނެވެ. ރާވެރިންގެ ވާދޫ މިއަދު ވެފައިވަނީ “ރެދަން ވާދޫ”އަށެވެ.
މިރަށުގައި ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން ކުރީ ސަރުކާރުން ފަށާފައިވާ ބައެއް މަޝްރޫއުތައް މިހާރު ހުރީ މަޑުޖެހިފައެވެ. މިގޮތުން ވާދޫގެ ފެނާއިނަރުދަމާގެ މަޝްރޫއު ފާހަގަކޮށްލަންޖެހެއެވެ. މިރަށުގެ ބަނދަރު އިތުރަށް ތަރައްޤީކުރުމާއި މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި ބިންހިއްކުމުގެ އިތުރުން ގިރާ ސަރަހައްދު ހިމާޔަތްކުރުމަކީ ކުރިއަށް ގެންދަން ހަމަޖެހިފައިވާ އަދި ނުފެށޭ މަސައްކަތްތަކެވެ.
ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިއަހަރު ނިމޭއިރު ވާދޫއަކީ އިޔާދަކުރަނިވި ހަކަތައިން ހުރިހާ ކަމެއްވެސް ކުރާ ރަށަކަށް ހެދުމަށް މިރަށުގައިވަނީ ސޯލަރ ޕެނަލް ހަރުކުރުމުގެ މަޝްރޫއެއް ފަށާފައެވެ. އެންމެ ފަހުން މިރަށުގައި ސަރުކާރުން ގާއިމުކޮށްފައިވަނީ މިސްކިތަކާއި ފެނަކަ އައު އޮފީސް އިމާރާތާއި އައު އިންޖީނުގެއެވެ. މިއީ ކުރީގެ ސަރުކާރުން ހިންގި މަޝްރޫއުތަކެކެވެ.
ރ. ވާދޫ ކައުންސިލް އިދާެރާގައި ސޯލަރ ޕެނަލް ހަރުކުރަނީ ---
ތާރީޚީ ވާހަކައެއް ހިއްސާކޮށްލާނަމެވެ. ރައީސް މައުމޫންގެ ދިގު ތިރީސް އަހަރުގެ ވެރިކަމުގެ ދުވަސްވަރެވެ. ރިޔާސީ ލޯންޗުކޮޅުން ފެން ހުސްވެގެން ފެން އަރުވާން ބޭނުންވި ހާލަތުގައި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމް އަތޮޅުވެރިންނާ ގުޅުއްވައި ދަންނަވައިފިއެވެ. ފެން އަރުވާން އެންމެ ރަނގަޅުވާނީ ކޮން ރަށަކުންތޯއެވެ؟ ޖަވާބުގައި ރ. އަތޮޅުގެ ވެރިޔާ ދަންނަވައިފިއެވެ. މި އަތޮޅުގައި އެންމެ ފެން މީރު، ސާފުތާހިރު ރައްޔިތަކު ދިރިއުޅޭ ރަށަކަށް އޮންނާނީ ވާދޫއެވެ. އެ ދުވަހު ރިޔާސީ ލޯންޗުކޮޅު ރަށާ ގާތްކުރުމުން ވާދޫ ކަނބަލުން ނުކުމެ އަދަބު އިޚްތިރާމާއެކު ބަނޑިޔާތަކުގައި މީރުފެން ގެންގޮސް ރިޔާސީ ލޯންޗުކޮޅަށް އަރުވައިފިއެވެ.
ކޮންމެ އަކަސް މިފަދަ ހާދިސާތަކުން އަހަރެމެންނަށް އެނގޭ އެއް ހަގީގަތަކީ ވާދޫއަކީ ޒަމާނުންސުރެ ރ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ފެން މީރު، ސާފުތާހިރު ރަށްކަމެވެ. މިކަމުގެ ހައްގު ކްރެޑިޓް އަހަރެން ދޭނީ ވާދޫގެ ހީވާގި މުރާލި ކަނބަލުންނަށެވެ. ރަށުގެ ތެރެއާއި ގޯތިގެދޮރު ސާފުކުރުމުގައި ވާދޫ ކަނބަލުން ދައްކަނީ ކާބަފައިން ދެއްކި ރީތި މިސާލެވެ. ފަތިހުގެ މުދިމަށް ބަންގި ދިނީމާ ނުވަތަ ހާލާ ކާޅުގެ އަޑު އިވުނީމާ، ނަމާދުކޮށްލައިގެން ނުކުމެ ގޯތި ތެރެއާއި ގެއާ އިންވެގެން އޮންނަ މަގުމަތީ ސަރަހައްދު ކުނިކަހައި ސާފުނުކޮށް ވާދޫގެ އަންހެންވެރިން އެހެން ކަމަކާ ނުވެސް އުޅޭނެއެވެ. މަގުމައްޗާއި ގޯތިތެރެ ހަޑިވެއްޖެ ނަމަ ސާފުނުކޮށް ތިބުމަކީ މި ރަށުގެ އަހުލުންނަށް މާ ކަމުދާ ކަމަކަށް ނުވެއެވެ. ސައިހެދުމާއި ކެއިންބުއިމަށްވެސް އިސްކަންދޭނީ ކުނިކަހައި ގޭދޮށް ރީތި ކުރުމަށްފަހުއެވެ.
ރ. ވާދޫ މަތިން ނަގާފައިވާ ފޮޓޯއެއް ----
ވާދޫގައި އަވަށުު ތެރޭގެ ސާފުތަކާހިރު ކަމާ އެއްވަރަށް މީހުން ނޫޅޭ ސަރަހައްދުގެ މަގުތައް ވެސް ފެންނާނީ ވަރަށް ޗާލުކޮށެވެ. ވާދޫގެ ގޮނޑުދޮށްތަކާއި ތުނޑީ، ފިނޮޅުތައް ވެސް ނިކަން ސާފުތާހިރުވާނެއެވެ. އެތަންތަން ސާފުކުރުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ރަށުގެ ރައްޔިތުން ކުރަމުން އަންނަ ކަމަކެވެ. މޫދަށާއި ގޮނޑުދޮށްތަކަށް ކުނި އެޅުމަކީ މި ރަށު މީހުންގެ ސަގާފަތެއް ނޫނެވެ. މިއީ މީގެ އެތައް އަހަރެއް ކުރިން ވެސް މިރަށު މީހުންގެ ފަހުރެކެވެ. ވާދޫއަކީ އަބަދުވެސް ސާފުތާހިރު ރަށެއްގެ ގޮތުގައި ނަން ކިޔާ ނަމޫނާ ރަށެކެވެ. ރަށުތެރެ، އަދި ގޯތިދޮށް ކުނިކަހައި ރީތިކުރުމަކީ އާދައެކެވެ. ވާދޫ އަންހެނުންގެ ފަރާތުން ތަރުބިއްޔަތުވާ އަންހެން ކުދީންގެ ކިބައިގައިވެސް މިއާދަ ހުރެއެވެ.
އަމަން އަމާންކަމުގެ ވާހަކަ ދައްކާ ނަމަ ބުނެވެން އޮތީ ވެސް މިވަރުގެ އަމާން ރައްކާތެރި ރަށެއް އަތޮޅުގައި ނެތް ކަމަށެވެ. ލާޗާރުބިޗާރަށް އުޅޭ ޒުވާނުންނެއް ނެތެވެ. މާތް ﷲ އިރާދަކުރެއްވީތީ މިރަށުގައި މަސްތުގެ ވަބާއެއް ނެތެވެ. އަދި ﷲ އިރާދަކުރެއްވިއްޔާ މިކަން ދެމި އޮންނާނީ ވެސް މިގޮތުގައެވެ. ވައްކަމާއި މާރާމާރީ ނުހިންގައޭ ދެންނެވިދާނެއެވެ. ކޮންމެއަކަސް ކުށުގެ ވެށީގައި ޒުވާނުން މަދު މިފަދަ ރަށެއް ރާއްޖޭގައި މަދުވާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
3 އަހަރު ކުރިން