logo

މި މަހުގެ 2 އިން 8 އަށް ސްކޭމްގެ 53 މައްސަލައެއް ރިޕޯޓްކޮށްފައިވޭ: ފުލުހުން

profile

އާމިނަތު ޝަޒްލާ - 15 އޯގަސްޓު 2026 - 13:41

މި ހިނގާ އޮގަސްޓް މަހުގެ 2 އިން 8 އަށް، މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ ނުވަތަ ސްކޭމްގެ ޖުމްލަ 53 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ.

https://wamco.com.mv/

ފުލުހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގެ ތެރޭގައި އެކަނިވެސް އާންމުންގެ އަތުން ޖުމްލަ 475,275.76 (ހަތަރު ލައްކަ ހަތްދިހަ ފަސް ހާސް ދުއިސައްތަ ހަތްދިހަ ފަސް ރުފިޔާ ހަތްދިހަ ހަ ލާރި) ވަނީ ގެއްލިފައެވެ. ނަމަވެސް، ފުލުހުން ކުރި ހަލުވި މަސައްކަތުން މީގެ ތެރެއިން 269,631.27 (ދެ ލައްކަ ފަސްދޮޅަސް ނުވަ ހާސް ހަ ސަތޭކަ ތިރީސް އެއް ރުފިޔާ ހަތަވީސް ލާރި) ވަނީ އަނބުރާ ހޯދިފައެވެ.

ސްކޭމްތައް ހިންގުމުގައި ބޭނުންކޮށްފައިވާ ވަސީލަތްތަކަށް ބަލާއިރު، އޮންލައިން މެސެޖިންގ ޕްލެޓްފޯމްތަކާއި، ފޯނު ކޯލް، އައިބޭ، ފޭސްބުކް މާކެޓް ޕްލޭސް އަދި ސައްހަ ނޫން ލިންކުތައް ބޭނުންކޮށްގެން އޮޅުވާލާފައިވާކަން ފުލުހުން ފާހަގަކުރެއެވެ. މި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން އީ-ކޮމާސްގެ 22 މައްސަލައެއް މިދިޔަ ހަފުތާގައި އެކަނިވެސް ވަނީ ރިޕޯޓްކޮށްފައެވެ.

މީގެ އިތުރުން، ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ 12 މައްސަލައަކާއި، ބުކިންގ ކެންސަލްކުރުމާއި ރިފަންޑް ދިނުމުގެ ނަމުގައި ހިންގާފައިވާ 7 މައްސަލައެއް ވެސް ފުލުހުންނަށް ވަނީ ހުށަހެޅިފައެވެ. އަދި އެހެން މީހެއްގެ ސިފަޖެހިގެން (އިމްޕާސަނޭޝަން) އޮޅުވާލައިގެން ފައިސާ ހޯދުމުގެ 3 މައްސަލައަކާއި، އެހެނިހެން ބާވަތްތަކުގެ 9 މައްސަލައެއް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

މަކަރާއި ހީލަތުން ފައިސާ އަތުލާ މައްސަލަތައް އިތުރުވަމުންދާތީ، އާންމުން މިފަދަ ކަންކަމަށް ހޭލުންތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

https://wamco.com.mv/
tel:+9607331319