
ކުދި ގައުމުތަކަށް އެކަށޭނަ ރިޕޯޓިންގ ނިޒާމަކަށް ރާއްޖެއިން ވަކާލާތުކޮށްފި

އާމިނަތު ޝަޒްލާ - 22 އޯގަސްޓު 2026 - 13:04
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހަގީގީ ހާލަތާ އެކަށޭނަ ގޮތަކަށް، ބިން ހަލާކުވުމާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ މުއާހަދާގެ ރިޕޯޓިންގ ނިޒާމު ބަދަލުކުރުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.
ރާއްޖެއިން މިކަމަށް ގޮވާލާފައިވަނީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެޒަޓިފިކޭޝަން (ޔޫ.އެން.ސީ.ސީ.ޑީ) ގެ ކޮޕް-17 ގެ ހަވާސާގައި، ޗައިނާ ޕެވިލިއަންގައި ބޭއްވި ހާއްސަ ޕެނަލް ޑިސްކަޝަނެއްގައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެން ވާހަކަދެއްކެވީ ޑިރެކްޓަރ އަޙްމަދު ޝާން އެވެ. މި ޕެނަލް މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އިރުމަތީ، ދެކުނު އަދި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ހާލަތާއި، ރިޕޯޓުކުރުމުގައި ދިމާވާ ދަތިތަކާއި އަދި ގައުމުތަކަށް ބޭނުންވާ ޚާއްސަ ގާބިލުކަން އިތުރުކުރުމުގެ މައްޗަށެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝާން ވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް (ސިޑްސް)، ޚާއްސަކޮށް ތިރި ފަރުފަޅުތަކުގެ މައްޗަށް އެކުލެވިގެންވާ ރަށްތަކަށް 'ޕްރައިސް' ރިޕޯޓިންގ ޕްލެޓްފޯމް ބޭނުންކުރުމުގައި ދިމާވާ ފަންނީ ގޮންޖެހުންތައް ތަފްސީލުކޮށްދެއްވާފައެވެ. އެގޮތުން، މިހާރު މި ޕްލެޓްފޯމް އެކުލަވާލެވިފައިވާ ގޮތާއި ބޭނުންވާ މަޢުލޫމާތުތަކަކީ، ރާއްޖެ ފަދަ ބިމުގެ ސަރަހައްދު ކުޑަ، ރަށްތައް ވަކިވަކިން ބެހިފައިވާ އަދި މޮނިޓަރ ކުރުމުގެ ގާބިލުކަން ކުޑަ ގައުމުތަކުގެ ހަގީގީ ހާލަތާ ގުޅޭ ކަންކަން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ބިމުގެ ބޭނުން ހިފާ ގޮތް ދެނެގަތުމަށް މިހާރު ބޭނުންކުރާ ސެޓެލައިޓް ފޮޓޯތަކުގެ ކޮލިޓީ ދަށްވުމުގެ ސަބަބުން، ރާއްޖޭގެ ތިމާވެށި ދެނެގަތުމަށާއި ޕްލޭން ކުރުމަށް މުހިންމުވާ ކުދިކުދި ބިމުގެ ގިރުމުގެ މައްސަލަތަކާއި އައްސޭރިފަށަށް އަންނަ ބަދަލުތައް ސާފުކޮށް ނުފެންނަކަމުގެ ކަންބޮޑުވުންވެސް ޝާން ހިއްސާކުރެއްވިއެވެ.
މި މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި، ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއި ކޮޕް އާ ގުޅިގެން، ކުދި ޖަޒީރާ ގައުމުތަކާ ގުޅޭ އުސޫލުތައް އެކަށައެޅުމަށާއި، ރަނގަޅު ފެންވަރުގެ (ހައި-ރިޒޮލިއުޝަން) ޑޭޓާ ހޯދުމަށް ރާއްޖެއިން އުއްމީދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސައްހަ މައުލޫމާތު ރިޕޯޓުކުރުމަށާއި މި މުއާހަދާ ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި، ގައުމުތަކަށް ބޭނުންވާ ފަދަ ޚާއްސަ ތަމްރީނާއި ގާބިލުކަން އިތުރުކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

އޭޝިއަން ގޭމްސްގެ 7 ކުޅިވަރެއްގައި ރާއްޖެއިން ވާދަކުރަނީ
9 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ކެޔޮދޫން މީހަކު ހައްޔަރުކޮށްފި
9 ގަޑިއިރު ކުރިން

ތ. ބުރުނީގައި ބިދޭސީން ހޭލުންތެރިކުރުމުގެ ހަރަކާތެއް ބާއްވައިފި
9 ގަޑިއިރު ކުރިން

ތިލަމާލެ ބްރިޖު މަޝްރޫއު: މާލެ-ވިލިމާލެ ދެމެދުގެ ފަހު ސެގްމެންޓް ގުޅުވާލައިފި
9 ގަޑިއިރު ކުރިން


