logo

ޑްރަގް ޓްރެފިކް ކުރުން: 2 ދިވެއްސަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި

profile

އާމިނަތު ޝަޒްލާ - 11 ސެޕްޓެމްބަރު 2026 - 12:57

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރުމުގެ ދެ މައްސަލައެއްގައި ހިމެނޭ ދެ ދިވެއްސަކު އުމުރަށް ޖަލަށްލުމާއެކު ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

https://wamco.com.mv/

އޭގެ ތެރެއިން ފުރަތަމަ މައްސަލާގައި އުމުރަށް ޖަލަށްލުމަށް ހުކުމް އިއްވާފައިވަނީ، މަސްތުވާތަކެތީގެ ގިނަ ރެކޯޑްތަކެއް އޮންނަ ވ. ފެލިދޫ، އަބުގަސްދޮށުގޭ، ސާޖިދު ޢަބްދުލްމުހައިމިންގެ މައްޗަށެވެ. މި މައްސަލައަކީ 10 ސެޕްޓެންބަރު 2021 ދުވަހު މާލޭ މއ. ޓްވައިލައިޓް ކައިރިން ސައިކަލެއްގެ ފަހަތުގައި އިންދައި އޭނާ ހުއްޓުވައި ފުލުހުން ބަލައިފާސްކުރިއިރު، އޭނާ ލައިގެން ހުރި ޖީންސްގެ ފައިކުރި ތެރެއިން 50.8562 ގްރާމްގެ ޑައިމޯފިން ފެނުނު މައްސަލައެކެވެ.

މި މައްސަލައިގެ ޝަރީޢަތުގެ މަރުހަލާގައި ސާޖިދުގެ ފަރާތުން ދަޢުވާއަށް އިންކާރުކުރި ނަމަވެސް، މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް އިހުސާން ނިންމެވީ ފުލުހުންގެ ހެކިބަހާއި ޗެއިން އޮފް ކަސްޓަޑީގެ ލިޔެކިޔުންތަކަށް ބަލާއިރު، އެ ތަކެތި ފެނުނީ އޭނާގެ ހަގީގީ ހިޔާޒަތުގެ ތެރެއިން އޭނާއަށް އެނގިހުރެ ކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން ދައުލަތުން ކުރި ދަޢުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، ކޯޓުން ވަނީ ސާޖިދު އުމުރަށް ޖަލަށްލުމާއެކު، 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައެވެ. އަދި މި ފައިސާ 12 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކައި ހަލާސްކުރުމަށްވެސް ވަނީ އަމުރުކޮށްފައެވެ. މި މައްސަލައިގެ ތަޙުޤީޤު މަރުޙަލާގައި އޭނާ ބަންދުގައި ހޭދަކުރި 39 ދުވަސް ޖަލު އަދަބުން އުނިކުރުމުން، ސާޖިދު ތަންފީޛު ކުރަންޖެހޭ އަދަބަކީ 24 އަހަރާއި 10 މަހާއި 21 ދުވަހުގެ ޖަލު ބަންދެކެވެ.

މީގެ އިތުރުން، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެވަނަ މައްސަލައިގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ގދ. ވާދޫ، އަސްރަފީގެ، އުމުރުން 49 އަހަރުގެ މުޙައްމަދު ޝަރީފްގެ މައްޗަށެވެ.

އޭނާގެ މައްޗަށް މި ހުކުމް އައީ ހުޅުމާލޭގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހަ ކިލޯއަށްވުރެ ގިނަ ކެނަބިސް އަތުލައިގަތް މައްސަލައިގައި، ކުށް ސާބިތުވުމާ ގުޅިގެންނެވެ. މި ކުށުގެ އުޤޫބާތެއްގެ ގޮތުން ކްރިމިނަލް ކޯޓުން ވަނީ މުޙައްމަދު ޝަރީފް 25 އަހަރަށް (އުމުރަށް) ޖަލަށްލުމާއެކު، 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ޙުކުމް ކޮށްފައެވެ.

https://wamco.com.mv/
tel:+9607331319