logo

އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތައް ތަންފީޒުކުރަން ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަނީ

profile

ޖިނާން ޙުސައިން ޖަބީން - 14 އޮކްޓޯބަރު 2026 - 12:41

މާލެ އަދި ހުޅުމާލޭގެ މަގުތަކުގެ ޓްރެފިކް މައްސަލަތައް ހައްލުކޮށް، އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ފިޔަވަޅު އަޅަން ފަށަން ނިންމައިފިއެވެ.

https://wamco.com.mv/

ސަރުކާރުން މިކަން އިއުލާނުކޮށްފައިވަނީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 93 ވަނަ މާއްދާގެ ދަށުން އެއްގަމު ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކޮށް ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައެވެ. މި ނިންމުމާ ގުޅިގެން، އިއުލާނު ޝާއިއުކުރާތާ 7 ދުވަސް ފަހުން، ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތަކާއި ހާއްސަ އެޕްލިކޭޝަންތައް މެދުވެރިކޮށް ތަންފީޒީ އިދާރާތަކުން ގާނޫނީ ޒިންމާ އަދާކުރަން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދު ދުއްވުމަށާއި ބޭނުންކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މި މަސައްކަތްތައް ކުރިއަށް ގެންދާއިރު، ގަވާއިދާ ހިލާފުވެގެން ފިޔަވަޅު އެޅޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތު އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ވަގުތުން ހިއްސާކުރެވޭނެއެވެ. މި އިންތިޒާމުގެ ދަށުން އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު ސީދާ ވެރިފަރާތަށް ލިބޭނެ ގޮތް ހެދުމަށްޓަކައި، އިއުލާނު ގެޒެޓުކުރާތާ 7 ދުވަހުގެ ތެރޭގައި މިހާރު ބޭނުންކުރަމުންދާ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ސިމްސް ޕޯޓަލް މެދުވެރިކޮށް އަޕްޑޭޓް ކުރުމަށް ވެސް އަންގާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ، މާލެ އާއި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު މި ނިޒާމުގެ ދަށުން ފުރަތަމަ މަރުހަލާގައި ފިޔަވަޅު އަޅަން ފަށާނީ މުހިންމު ސަރަހައްދުތަކާއި މަގުތަކުގައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  1. ހޮސްޕިޓަލްތަކާއި ސްކޫލްތައް ކައިރި
  2. ކަފިހިހުރަސްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ ޕާކިންގ ސްލޮޓްތައް
  3. މާލޭގެ މަޖީދީމަގު، އަމީނީ މަގު، ސޯސަން މަގު އަދި ބޮޑުތަކުރުފާނު މަގު
  4. ހުޅުމާލެ ފޭސް 1 ގެ ބޯށިމާ ހިނގުން، ސައިމާ ހިނގުން، ނިރޮޅު މަގު، ހަނދުވަރީ ހިނގުން، ހިތިގަސް މަގު، ބަގީޗާ ހިނގުން އަދި ރީތިގަސް މަގު
  5. ހުޅުމާލެ ފޭސް 2 ގެ ގުލްއަލާމާ ހިނގުން، ނިރޮޅު މަގު، ބެރެބެދިމާ ހިނގުން އަދި ހިތިގަސް މަގު

މި ބަދަލުތަކާއެކު އެއްގަމު ދަތުރުފަތުރުގެ ގާނޫނު ތަންފީޒުކުރުމުގައި އާންމު ރައްޔިތުންގެ ފަރާތުން މިނިސްޓްރީއަށާއި ދިވެހި ފުލުހުންގެ ހިދުމަތަށް ދެމުންގެންދާ އެއްބާރުލުން ފާހަގަކޮށް، އެ ފަރާތްތަކުން ވަނީ ރައްޔިތުންނަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.

https://wamco.com.mv/
tel:+9607331319