
އިކޮނޮމިކް މިނިސްޓަރ ސައީދު މަގާމުން ވަކިކުރަން އެމްޑީޕީއިން މަޖިލީހަށް ހުށަހަޅައިފި

މުޙައްމަދު ފަޟްލޫން - 03 އޯގަސްޓު 2026 - 14:25
އިކޮނޮމިކް މިނިސްޓަރ ސައީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އެމްޑީޕީއިން މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީ އަށް ނިސްބަތްވާ 13 މެމްބަރަކު ސޮއިކޮށް މިނިސްޓަރ ސައީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.
މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ނިންމި މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލި ތަކެތީގެ އަގު ބޮޑުވަމުންދިއުމާއި، ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގައި އިހުމާލުވުން ހިމެނެއެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއެޅުއްވުމާއި، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކޮށްނުދެވުމުގެ އިތުރުން، އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުން ގައުމުގެ ސިޔާދަތަށް ނުރައްކާވާ ކަމުގެ ތުހުމަތުވެސް އެ ގަރާރުގައި ކޮށްފައިވެއެވެ.
އިގްތިސާދީ އިންގިލާބެއް އަންނާނެ ކަމަށް ބުނެ އިއުލާންކުރި ބިޔަ މަޝްރޫއުތައް މަޑުޖެހިފައިވާކަން ފާހަގަކޮށް، ބަންކަރިންގެ ހިދުމަތުން ލިބޭނެ ކަމަށް އުންމީދުކުރި 400 މިލިއަން ޑޮލަރު ނުލިބުމާއި، އިކޮނޮމިކް ގޭޓްވޭ އަދި ޑިވެލޮޕްމެންޓް ބޭންކް ފަދަ މުހިންމު މަސައްކަތްތައް އަމަލީ ގޮތުން ފެށިފައިނުވާކަން އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.
ހަމައެއާއެކު، މަޖިލީހުގެ މެންބަރުން ކުރައްވާ ސުވާލުތަކަށް ސީދާ ޖަވާބެއް ނުދެއްވައި، ސިޔާސީ އުޒުރުތައް ދައްކަވައިގެން މަސްއޫލިއްޔަތުން ރެކިވަޑައިގަންނަވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އެ ގަރާރުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އަމިއްލަ ވިޔަފާރިތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ބަދަލުގައި، ސަރުކާރު ކުންފުނިތައް މާކެޓަށް ވައްދައިގެން އާންމު ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ކުރިމަތިކުރުވާފައެވެ.
އެސްއީޒެޑް ގާނޫނުގެ ތެރެއަށް އަލަށް ތައާރަފުކުރި 'ޓައުންޝިޕް' މަފްހޫމުގެ ދަށުން، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދޫކޮށް، ބޮޑެތި ޓެކްސް އިނާޔަތްތަކެއް ދިނުމަކީ ދައުލަތުގެ އާމްދަނީއަށާއި ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އެމްޑީޕީ އިން ވަނީ ސިފަކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ގުރައިދޫގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފި
4 ގަޑިއިރު ކުރިން

ވާހަކަ - ބަދުނާމު ( އެޕިސޯޑް 1 )
8 ގަޑިއިރު ކުރިން

މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ޕާސްޕޯޓު ދޫކުރަން ފަށަނީ
10 ގަޑިއިރު ކުރިން

ތޮއްޖެހުން ކުޑަކުރުމަށް އެމްޑީޕީގެ ސަރުކާރުން ފެށި އާރްޓީއެލްގެ ޚިދުމަތަކީ މުހިންމު މަޝްރޫޢެއް: އާޒިމް
10 ގަޑިއިރު ކުރިން


