
ތިލަފުށި ޕޯޓްގެ މަސައްކަތް ހަވާލްކޮށްފައިވަނީ ގާނޫނީ އިމުގެ ތެރެއިން: އިކޮނޮމިކް މިނިސްޓްރީ

މުޙައްމަދު ފަޟްލޫން - 09 ސެޕްޓެމްބަރު 2026 - 12:52
ތިލަފުށީގައި އަލަށް ތަރައްގީކުރާ އިންޓަރނޭޝަނަލް ޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެކަމަށް އެކަށައަޅާފައިވާ ގާނޫނުތަކާއި ގާވާޢިދުތަކުގެ ތެރެއިން ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ، މި މަޝްރޫޢާ ގުޅޭގޮތުން މީޑިއާތަކުގައި ފެތުރެމުންދާ ޚަބަރުތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
މި ބަޔާނުގައި ވާގޮތުން، މި މަސައްކަތް ހަވާލުކުރުމުގައި ސަރުކާރުން ވަކިއަތަކަށް ބުރަވެފައިވާ ކަމަށް ބުނެ ދެކެވެމުންދަނީ ހަގީގަތާއި ހިލާފު ދޮގު ވާހަކަތަކެއް ކަމަށް ވަނީ ބުނެފައެވެ.
އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ތިލަފުށީ އިންޓަރނޭޝަނަލް ޕޯޓް މަޝްރޫޢަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވާޢިދުތަކުގެ އިމުގެ ތެރެއިން، މިފަދަ ބޮޑެތި ޢުމްރާނީ ތަރައްގީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ކަނޑައެޅިފައިވާ ހަރުދަނާ އުސޫލުތަކާއި އިޖުރާއާތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މީގެއިތުރުން، ބައިނަލްއަޤްވާމީ ކުންފުންޏަކާ މި މަސައްކަތް ޙަވާލުކުރަން ނިންމީ، ދިވެހިރާއްޖޭގެ ދުރުރާސްތާގެ އިގްތިސާދީ އަދި ތަރައްޤީގެ އިސްތިރާތީޖީ ލަނޑުދަނޑިތަކަށް އެކަނި ރިޢާޔަތްކުރުމަށްފަހު ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ. އަދި މި ނިންމުމަކީ ރާއްޖެއާ ގުޅުން އޮންނަ އެއްވެސް ބައިނަލްއަޤްވާމީ ބައިވެރިއަކާމެދު އޮތް ހާރިޖީ ގުޅުމަކަށް ނުވަތަ ދެކޭގޮތަށް އައި ބަދަލަކާ ގުޅިގެން ނިންމާފައިވާ ނިންމުމެއް ނޫންކަންވެސް އެ ބަޔާނުގައި ވަނީ ސާފުކޮށްދީފައެވެ.
ތިލަފުށީގައި ތަރައްގީ ކުރަން ހަމަޖެހިފައިވާ ބައިނަލްއަގްވާމީ ބަނދަރު ތަރައްގީކުރުމާއި، މިލްކުވެރިކަމުގެ އިތުރުން، އެތަން ހިންގުމުގެ އެންމެހައި ބާރުތައް ދެމިއޮންނާނީ ފުރިހަމައަށް ދިވެހި ސަރުކާރުގެ ބާރުގެ ދަށުގައި ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި އެކަމަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަކީ އެއްވެސް ހާލަތެއްގައި ދޫދެވޭނެ ކަންކަމެއް ނޫން ކަމަށާއި ރާއްޖޭގެ ތަރައްގީގެ ނިންމުންތަކުގެ މައްޗަށް، ގާނޫނާއި ގައުމީ މަސްލަޙަތު ހުއްދަކުރާ މިންވަރަށްވުރެ އިތުރަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ފުރުސަތެއް، ކުރީގެ ވިޔަސް އަދި މިހާރުގެ ވިޔަސް އެއްވެސް ބައިނަލްއަޤްވާމީ ފަރާތަކަށް ދެވިފައެއް ނުވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.
ގުޅުން ހުރި ޙަބަރުތައް

އެމްޑީޕީގެ ކޮންގްރެސް އޮކްޓޯބަރު 1 ގައި ބާއްވަން ނިންމައިފި
ގަޑިއިރެއް ކުރިން

ހުޅުމާލެ ފޭސް 2 ގައި އެކްސިޑެންޓެއް ހިނގައިފި
ގަޑިއިރެއް ކުރިން
މިދިޔަ ހުރިހާ ސަރުކާރަަކަށްވުރެ މިސަރުކާރުގެ ދަރަނިބޮޑު: މޮސްޓާ
17 ގަޑިއިރު ކުރިން

އެކަނިވެރި މައިންބަފައިންނަށް މިދިޔަ މަހު އެހީގެ ގޮތުގައި 17.7 މިލިއަން ރުފިޔާ ދޫކޮށްފި
18 ގަޑިއިރު ކުރިން


