logo
ސިއްހަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސިއްހަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޕޯސްޓްމޯޓަމް ހިދުމަތް ރާއްޖޭގައި ދެވޭ މެޑިކަލް ޔުނިޓެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 08 ޖުލައި 2026 - 12:22

ދިވެހިރާއްޖޭގައި އަލަށް ތަޢާރަފުކުރާ ޕޯސްޓްމޯޓަމްގެ ޚިދުމަތާއެކު، ލެވެލް 2 ގެ މެޑިކަލް ޔުނިޓެއް ބިނާކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ސިއްހަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު، ގީލާ އަލީ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މަޝްރޫޢު ކުރިއަށް ގެންދަނީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ބެލުމުގެ ދަށުން ކަމަށެވެ.

މި ޔުނިޓް ޤާއިމްވުމުން މުޅި ރާއްޖެއަށް ބޭނުންވާ ކްލިނިކަލް ފޮރެންސިކް، މެޑިކޯ ލީގަލް އަދި ޕޯސްޓްމޯޓަމްގެ ޚިދުމަތްތައް ފުޅާ ދާއިރާއެއްގައި ލިބިގެންދާނެއެވެ.

މިކަމަށް ބޭނުންވާ ބިން މިހާރު ވަނީ ކަނޑައެޅި ހަމަޖެހިފައެވެ.

މި ޔުނިޓުގެ ދައުރާ ގުޅޭގޮތުން ވަޒީރު އިތުރަށް ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، ޝަރުޢީގޮތުން ބަލަންޖެހޭ މަރުގެ މައްސަލަތަކުގައި މަރުވި ސަބަބު ދެނެގަތުމަށް ކުރެވޭ ތަހުލީލުތަކުގެ އިތުރުން، ޖިސްމާނީ އަދި ޖިންސީ ގޯނާގެ މައްސަލަތަކުގެ ފޮރެންސިކް ތަހުލީލުތައްވެސް މިތަނުން ކުރިއަށްދާނެ ކަމަށެވެ.

މީގެ އިތުރުން ލާއިންސާނީ އަނިޔާތަކާއި ބަންދުގައި ތިބޭ މީހުންނަށް ލިބޭ އަނިޔާތައް ދެނެގަތުމުގެ ހިދުމަތްވެސް މި ޔުނިޓުން ފޯރުކޮށްދޭނެއެވެ.

ޕޯސްޓްމޯޓަމްގެ ޚިދުމަތަކީ 2015 ވަނަ އަހަރުން ފެށިގެން ޤާނޫނީގޮތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތެއް ނަމަވެސް، މިއަދާ ހަމައަށްވެސް އެ ޚިދުމަތް ރާއްޖޭގައި ޤާއިމްކުރެވިފައި ނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ޕޯސްޓްމޯޓަމް ހެދުމަށް 23 ހަށިގަނޑެއް ރާއްޖެއިން ބޭރަށް ފޮނުވާފައިވާއިރު، އެއިން ކޮންމެ މައްސަލައަކަށް އެވްރެޖްކޮށް 55,000 ރުފިޔާ ވަނީ ހަރަދުވެފައެވެ.

މި ޔުނިޓާއެކު މިފަދަ ޚަރަދުތައް ކުޑަވެ، ތަހުގީގީ މަރުހަލާތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މި ހިދުމަތް ރަސްމީކޮށް ފެށުމުގެ ކުރިން، ފޮރެންސިކް ޕެތޮލޮޖީއާ ގުޅޭ ގަވާއިދުތައް އެކުލަވާލައި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރައްވާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

މި ހިދުމަތަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން ލިބޭނެ ފަދަ ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރިއަށްދާނެ ކަމެއް ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk