
ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި އެމްއޭސީއެލްގެ މަސައްކަތް ވަރަށް ކާމިޔާބު !

މުޙައްމަދު ފަޟްލޫން - 23 ޖޫން 2026 - 12:48
ރަސްމާލެ މަޝްރޫއުގެ މަސައްކަތުގައި އެމްއޭސީއެލް އާއި ހަވާލްކޮށްފައިވާ ސައިޓް އޭގެ މުޅި މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
ރަސްމާލެ ހިއްކުމުގެ ރައީސް ޑރ މުހައްމަދު މުއިއްޒު މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައި ދިނުމުގެ މަގްސަދުގައި ފެއްޓެވި މުހިއްމު މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ކ ފުށި ދިއްގަރު ފަޅު ހިއްކައިގެން މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު 8 ވަނަ ދުވަހު އިފްތިތާހު ކުރެވުނު މި މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއެވެ.
ރަސްމާލެ ހިއްކުމުގެ މަޝްރޫއު އިފްތިތާހު ކުރުމުގެ ގޮތުން ކުރިއަށްދިޔަ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ކެމްޕޭންގައި ވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވަން ވައުވެ ވަޑައިގެންފައިވާނެ ކަމަށެވެ.
ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހު ކުރައްވައި ދެއްކެވި ވަހާކަފުޅުގައި މާލެ ސަރަހައްދުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަކީ ވެ ވަޑައިގެންނެވި ވައުދުފުޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ޒަމާންތަކެއް ވަންދެން މާލޭގެ ރައްޔިތުން ހައްލު ހޯދައިދޭން އެދިއެދި ތިބި ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ހައްލެއް ގެނެވޭނެ ވަރުގެ ތަރައްގީގެ މަޝްރޫއެއް ހިންގައިދޭނެ ސަރަހައްދަކަށް މާލެ ސަރަހައްދު ހައްދެއްވާނެ ކަމުގެ ވައުދު ވެ ވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ.
ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ހިންގާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
1153 ހެކްޓަރުގެ ބިން ރަސްމާލެ މަޝްރޫއުގަައި ހިއްކަން ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރަސްމާލެ އަކީ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 އެއްކޮށްލުމުން ވާ ވަރުގެ ގާތްގަނޑަށް 3 ގުނަ ބޮޑު ބިމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ޒަމާންތަކެއްވަންދެން މާލޭގެ ރައްޔިތުންނަށް ކުރިމަތިވެ ހައްލު ނުވެފައި އޮތް ބޯހިޔާޥަހިކަމުގެ މައްސަލައަށް ދާއިމީ ހައްލު ލިބި ތާއަބަދަށް އެ މައްސަލައަށް ރަސްމާލެ އިން ހައްލު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްތަކުގެ ރަށްވެހިންނަށް ރަސްމާލެ އާއި ހުޅުމާލެ ދެވަނަ ފިޔަވައްސާއި ގިރާވަރުފަޅާއި ގުޅީފަޅު އަދި ހުޅުމާލޭގެ ފޭސް 2 އަދި ފޭސް 3 މެދުވެރިކޮށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ގޯއްޗާއި ފްލެޓް ހިމެނޭހެން 65،000 ހައުސިންގ ޔުނިޓް އަޅަން އަމާޒުކޮށްފައިވާ ރަސްމާލެ ތަރައްގީ ކުރަނީ ސޭފް އައިލެންޑެއްގެ ގޮތުގައި އިންޓަރނޭޝަނަލް މިންގަނޑުތަކަށް ބަލައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ރަސްމާލެ ތަރައްގީ ކުރެވިގެންދާނީ ފެހިކަން ގަދަ ހިތްގައިމު މާހައުލެއް ލިބިގެންދާނެ ފަދަ ތަނެއްގެ ގޮތުގައި ތިމާވެއްޓާއި ރައްޓެހި ތަނެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރަސްމާލެ ހިންގުމުގައި އިއާދަ ކުރުވަނިވި ހަކަތަ ބޭނުންކުރާނެ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކުރިމަގުގައި ރަސްމާލެ ވެގެންދާނީ އިކޯ ސިޓީ އަކަށް ކަމަށެވެ.
މިސަރުކާރުގެ 5 އަހަރު ނިމިގެންދާއިރު މާލޭގެ ރައްޔިތުންނަށް އަދި މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އެއްކޮށް ހައްލުވެގެންދާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ރަސްމާލެ ބިން ހިއްކުމުގެ އެކި މަރުހަލާތައް ވަރަށް ގާތުން ރައީސް ގެންދަވަނީ ބައްލަވަމުންނެވެ.
އެމްއޭސީއެލް އަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެންމެ މުހިއްމު އެއް ވައުދު ކަމަށްވާ ރަސްމާލެ މަޝްރޫއުގެ މުހިއްމު ބައިވެރިއެކެވެ.
އެމްއޭސީއެލް އާއި ހަވާލްކުރެވުނު ސައިޓް އޭގެ މަސައްކަތުގެ އަދާހަމަ އަށް ބަލާއިރު:
2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި 30 އިންސައްތަ މަސައްކަތް ނިންމައި ކަނޑު އަޑިން ވެލިއަޅަމުން ފެނުން މައްޗަށް 40 ހެކްޓަރު ހިއްކައި ނިންމާލިއެވެ.
2026 ވަނަ އަހަރު (މިއަހަރު) ގެ ޖަނަވަރީ މަހުގެ ތެރޭގައި އެމްއޭސީއެލް އިން ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއުގެ ދުވެލި ބާރުކުރުމުގެ ގޮތުން އިތުރު ޑްރެޖަރުތަކެއް ރާއްޖެ ގެނެސް ބިިން ހިއްކުމުގެ މަސައްކަތް ހަލުވި ކުރިއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒުވެސް ވަނީ އިތުރު ޑްރެޖަރު ތަކެއް ރާއްޖެ ގެނެސް ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލް އިން ބާރު ސްޕީޑްގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާކަން 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އިއުލާން ކުރައްވާފައެވެ.
ކްރިސްޓޮބަލް ކޮލޮންގެ ނަމުން ނަންދެވިފައިވާ މި ޑްރެޖަރުތަކަކީ 46.000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާ ޑްރެޖަރެކެވެ.
މި ޑްރެޖަރުގެ އެހީގައި އެމްއޭސީއެލް އިން ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތުގެ ދުވެލި ހަލުވިކޮށް 41 ހެކްޓަރުގެ ބިން ޖަނަވަރީ މަހުގެ ތެރޭގައި ހިއްކައި ނިންމާލިއެވެ.
އެމްއޭސީއެލް އިން ޖެނުއަރީ މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށް މަޝްރޫއުގެ 64 އިންސައްތަ މަސައްކަތް ނިންމައި އެކަން އިއުލާން ކުރިއެވެ.
އެމްއޭސީއެލް އިން މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރަސްމާލެ ސައިޓް އޭ ހިއްކުމަށް ކަނޑައެޅިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 71 ހެކްޓަރުގެ ބިން މިހާތަނަށް ވަނީ ހިއްކާ ނިންމާފައިވާ ކަން އިއުލާނު ކުރިއެވެ.
ޖޭން ޑި ނަލް ކުންފުނީގެ ކްރިސްޓޮބަލް ކޮލޮން ކޮންނަ ބޯޓު ބޭނުންކޮށްގެން ކުރިއަށްގެންދާ މި މަސައްކަތްތައް ބަލަހައްޓަމުންދަނީ ކަނޑައެޅިފައިވާ އިންޖިނިއަރިންގ މިންގަނޑުތަކާ އެއްގޮތަށް ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ރަސްމާލެ މަޝްރޫއުގެ ސައިޓް އޭ ގައި ހިއްކަން ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 116 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަން އެމްއޭސީއެލް އިން އިއުލާނު ކުރިއެވެ.
މަސައްކަތުގެ ތާވަލާ އެއްގޮތަށް މި މަޝްރޫޢުގެ މަސައްކަތްތައް ބާރުމިނުގައި ކުރިއަށްދާކަން އެމްއޭސީއެލް އިން ވަނީ ފާހަގަކޮށްފައެވެ.
ސައިޓް އޭ ހިއްކުމުގެ މަސައްކަތް ޖޭން ޑި ނަލް އިން ކުރިއަށްގެންދަނީ ދުނިޔޭގެ އެންމެ ބޮޑެތި 'ޓްރެއިލާ ސަކްޝަން ހޮޕަރ ޑްރެޖަރު' ތަކުގެ ތެރޭގައި ހިމެނޭ ކްރިސްޓޮބަލް ކޮލޮން ބޭނުންކޮށްގެންނެވެ.
46,000 ކިއުބިކް މީޓަރުގެ ތަކެތި އުފުލުމުގެ ގާބިލުކަން ލިބިފައިވާ މިފަދަ ޒަމާނީ އުޅަނދެއް މި މަސައްކަތުގައި ބޭނުންކުރުމަކީ، މި މަޝްރޫޢުގެ ބިޔަކަމާއި، ފަންނީ މާހިރުކަމުގެ އިތުރުން ހިންގުމުގެ ދާއިރާއިން މި މަސައްކަތް ކުރިއަށްދާ ހަލުވިކަމާއި ފުރިހަމަކަން ރަމްޒުކޮށްދޭ ކަމެއް ކަަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
ރަސްމާލެ ސައިޓް އޭ ހިއްކުމުގެ މަސައްކަތް ރަސްމީކޮށް އެމްއޭސީއެލް އިން ފަށާފައިވަނީ 1 ޑިސެމްބަރު 2025 ގައެވެ.
ރަސްމާލެ އަކީ މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ގެނެސްދޭނެ މަޝްރޫއެއް ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ.
ރަސްމާލެ އަކީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒު ކުރުމުގައި ވަރަށް މުހިއްމު މަޝްރޫއެކެވެ.
ގުޅުން ހުރި ޙަބަރުތައް

ވަޓްސްއެޕްގެ ސީއީއޯ އަކަށް އިންޑިއާ މީހަކު ހަމަޖައްސައިފި
20 މިނިޓު ކުރިން

ވެލާނާ އެއާޕޯޓުން މިލިއަނަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި
20 މިނިޓު ކުރިން

އާންމު ޚިދުމަތްތެރިންގެ ޚިދުމަތްތަކަށް ރައީސުލްޖުމްހޫރިއްޔާ، ޝުކުރު ދަންނަވައިފި
20 މިނިޓު ކުރިން

ހިމަބިހީގެ ކޭސްތަކުގެ އަދަދު 22 އަށް އަރައިފި
ގަޑިއިރެއް ކުރިން


.gif&w=3840&q=75)