.jpg&w=3840&q=75)
ފޯޅަވަހީގެ މައްސަލައިގައި ކުރީ ސަރުކާރުން ފޮނުވި ސިޓީ އަނބުރާ ގެންނަވައިފި

މުޙައްމަދު ފަޟްލޫން - 06 ފެބްރުއަރީ 2026 - 07:03
ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއް ކަމަށް ބަލައިގަތުމަށް ރާއްޖެއިން ދެކޮޅު ހަދަމުން ދިއުމަށް ފަހު އެ ސްޓޭންޑް ބަދަލުކޮށްފައިވާކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަނބުރާ ގެންނަވައިފިއެވެ.
ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޮރިޝަސްގެ ކުރީގެ ބޮޑުވަޒީރު ޕްރަވިންދު ކުމާރު ޖަގްނައުތަށް 22 އޯގަސްޓް 2022 ގައި ފޮނުއްވި ސިޓީފުޅު އަނބުރާ ގެންދެވުމަށް ދިވެހި ސަރުކާރުން ނިންމެވި ނިންމެވުން، ރައީސް މުއިއްޒު ވަނީ ރަސްމީކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް އަންގަވާފައެވެ.
އަނބުރާ ގެންދެވި މި ސިޓީފުޅަކީ، 1965 ވަނަ އަހަރު މޮރިޝަސްގެ އަތުން ފޯޅަވަހި (ޗާގޯސް އާކިޕެލާގޯ) ވަކިކުރުމުގެ ޤާނޫނީ ނަތީޖާއާ ގުޅޭގޮތުން ބައިނަލްއަޤުވާމީ ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އިން ނެރުނު އިސްތިޝާރީ ލަފަޔާ ގުޅިގެން އދ. ގެ ޢާންމު މަޖިލީހުން ފާސްކޮށްފައިވާ ޤަރާރާ މެދު ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތަށް ގެނައި ބަދަލާ ގުޅޭ ސިޓީފުޅެކެވެ.
މި ނިންމެވުމަކީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި އިޢުލާނުކުރެއްވި ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން ނިންމެވި ނިންމެވުމެކެވެ.
17 ނޮވެންބަރު 2023 ގައި މި ސަރުކާރުން މަގާމާ ހަވާލުވި ފަހުން، އިންޑިއާ ކަނޑުގައި މޮރިޝަސް އާއި ދިވެހިރާއްޖެއާ ދެމެދު އުފެދިފައިވާ ކަނޑުގެ ސަރަޙައްދީ އިން ކަނޑައެޅުމުގެ މައްސަލަ ބައިނަލްއަޤުވާމީ ކަނޑުގެ ޤާނޫނާ ބެހޭ ޓްރައިބިއުނަލް (އިޓްލޮސް) ގައި ކުރިއަށްދިޔަ އިރު، ކުރީގެ ސަރުކާރުން ނިންމާފައިވާ ނިންމުންތަކާއި ގެންގުޅުނު ސިޔާސަތުތައް މި ސަރުކާރުން ވަނީ ފުރިހަމައަށް މުތާލިއާކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، އިޓްލޮސްގެ މައްސަލަ ހިނގަމުންދަނިކޮށް، އެއްވެސް ތަފްޞީލެއް ނެތި ކުއްލިއަކަށް ކުރީގެ ސަރުކާރުން ގެންގުޅުނު ސިޔާސަތު ބަދަލުކުރުމުގެ ސަބަބުން، މި މައްސަލައިގައި ދިވެހިރާއްޖޭގެ މަޞްލަޙަތަށް ވަނީ ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެ، އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިފައެވެ.
މީގެ އިތުރުން، މި ބަދަލަކީ އެއްވެސް ހަމައެއް ނެތް، އެކަށީގެންވާ ސަބަބެއް ދެއްކިފައި ނުވާ، އަދި ރަނގަޅު އިޖުރާއާތުތަކާ ޚިލާފަށް ގެނެސްފައިވާ ބަދަލެއްކަން ވެސް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
މޮރިޝަސްއާއި އެ ޤައުމުގެ ވެރިރަށް ޕޯޓް ލުއީ އޮންނަނީ ފޯޅަވައްސާ ގާތްގަނޑަކަށް 1،300 މޭލު ދުރުގައެވެ. ނަމަވެސް ދިވެހިރާއްޖޭގެ ވެރިރަށް މާލެއާއި ފޯޅަވައްސާ ދެމެދު ހުރީ އެންމެ 310 މޭލުގެ ދުރުމިނެކެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތި އެތެރެކުރި 65 އަހަރުގެ މީހަކު އުމުރަށް ޖަލަށް!
5 ގަޑިއިރު ކުރިން

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަން ފެށިތާ ގިނަ އިރުތަކެއް ނުވެ ލަންކާގެ ދެ ބޯޓެއް ހިފަހައްޓައިފި
5 ގަޑިއިރު ކުރިން

ރޯދަ އަށް މާލެތެރެ ސާފުކުރަނީ
5 ގަޑިއިރު ކުރިން

ރާއްޖޭގައި ބިނާކުރެވޭ އެންމެ ބޮޑު މިސްކިތް ސެޕްޓެމްބަރު މަހު ފަށަނީ
10 ގަޑިއިރު ކުރިން


