
ރާއްޖޭގައި ބިނާކުރެވޭ އެންމެ ބޮޑު މިސްކިތް ސެޕްޓެމްބަރު މަހު ފަށަނީ

އައިޝަތު އިނާޝާ - 06 ފެބްރުއަރީ 2026 - 12:45
ހުޅުމާލޭގައި ބިނާކުރާ ގްރޭންޑް މޮސްކް ނުވަތަ ބޮޑު މިސްކިތުގެ ޢަމަލީ މަސައްކަތް 13 ސެޕްޓެމްބަރު 2026 ފެށިގެންދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި މި ބޮޑު މިސްކިތް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި މިސްކިތް ބިނާކުރާނީ ކޮމްޕްލެކްސްގައި ވަޤުފު ބިނާތަކާއި ކޮމާޝަލް ބިލްޑިންގއާއި ޕާކިންވެސް ހިމެނޭހެންކަމަށާއި، ވަޤުފު ޢިމާރާތުން ލިބޭ ނަފާ ހޭދަކުރެވިގެންދާނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށްކަމަށެވެ. އަދި ޤުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމުކަންކަންވެސް މިސްކިތުގައި ހިމެނޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މިސްކިތުގެ ކޮންސެޕްޓްގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށް ދަނީ ތަފްޞީލު ޑިޒައިން އެކުލަވައިލުމުގެ މަސައްކަތެވެ.
މި މަޝްރޫޢަށް ރާއްޖެއިން ބޭރުގެ ހެޔޮ އެދޭ ފަރާތަކުން ފަންޑު ހަމަޖެހިފައިވާކަމަށާއި، މިއީ ރާއްޖޭގެ މުސްތަޤުބަލަށްޓަކައި ރާއްޖޭގައި ޤާއިމު ކުރެވޭ ވަރަށް މުހިންމު އިސްލާމީ މަޝްރޫޢަކަށް ވެގެންދާނެކަމަށް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިސްކިތް ޑިޒައިން ކުރަމުންދަަނީ ރާއްޖެއިން ބޭރުގެ ކަމުގެ ތަޖުރިބާކާރުންކަމަށާއި، މި މަޝްރޫޢުގެ ޑިޒައިނިންއާއި ހުރިހައި މަރުޙަލާއަކަށް ފަންޑުކުރަނީ މިސްކިތުގެ މަޝްރޫޢަށް ފަންޑުކުރާ ފާރާތުންކަމަށެވެ. އަދި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި މިސްކިތުގައި ގާތްގަނޑަކަށް 10 ހާސް މީހުންނަށް ނަމާދުކުރެވޭނެކަމަށް ލަފާކުރެވޭކަމަށާއި މިސްކިތުގައި ޑިޒައިން އެއްކޮށް ނިމުމުން ޢަދަދު ކަށަވަރުވެގެންދާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މިއީ ރާއްޖޭގައި ބިނާކުރެވޭނެ އެންމެ ބޮޑު އެއް މިސްކިތަށް ވެގެންދާނެކަމަށާއި، މި މިސްކިތް ބިނާކުރެވިގެންދާނީ ހުޅުމާލޭ ފޭސް 2 އަދި ފޭސް 3 ދެމެދުގައިކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ބޮޑެތި އުންމީދުތަކެއް، ތަރައްގީގެ އާ ތާރީޚެއް، ފުރިހަމަ ރިޔާސީ ބަޔާނެއް
4 ގަޑިއިރު ކުރިން

ގަމުގައި ހެޔޮއެދޭ ފަރާތަކުން ބިނާކުރި އައު މިސްކިތް "ތުނޑީ ބަނދަރު މިސްކިތް" ރަސްމީކޮށް ހުޅުވައިފި
4 ގަޑިއިރު ކުރިން

ސަރުކާރުގެ އަމާޒަކީ ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް، އެޕްރީލް މަހުގެ ނިޔަލަށް ނިންމުން
4 ގަޑިއިރު ކުރިން

ހުސްވި އަހަރުގެ އެކަނިވެސް 41 މަސްކަނދުފަތި އަޅައިފިން: ރައީސް
4 ގަޑިއިރު ކުރިން


