
ބޮޑެތި އުންމީދުތަކެއް، ތަރައްގީގެ އާ ތާރީޚެއް، ފުރިހަމަ ރިޔާސީ ބަޔާނެއް

ޝަހްޒާ މުޙައްމަދު - 06 ފެބްރުއަރީ 2026 - 12:44
މީގެ ކުރިން ދުވަހަކުވެސް ދިވެހިން އަޑުއަހާފައިނުވާފަދަ އުންމީދީ ވާހަކަތަކެވެ. ދިވެހިރާއްޖޭގެ ސިޔާސީ އަދި އިގްތިސާދީ ތާރީޚުގައި ފާހަގަކޮށްލެވޭނެ މުހިންމު ބަޔާނެކެވެ. ރައީސުލްޖުމްހޫރިއްޔާ އިއްވެވި 2026 ގެ ރިޔާސީ ބަޔާނަކީ ކުރީގެ އަހަރުތަކާ ޚިލާފަށް، ރައްޔިތުންނަށް އުންމީދާއި ޔަގީންކަން ގެނެސްދިން، ގައުމުގެ މުސްތަގުބަލު ބައްޓަންކުރާނެ ވަރުގަދަ މަގުޗާޓެކެވެ. މި ބަޔާނުގައި ގައުމުގެ އިގްތިސާދީ ހާލަތާއި، އިޖުތިމާއީ ރައްކާތެރިކަމާއި، ގައުމީ ސިޔާދަތާ ގުޅޭގޮތުން ހަރުދަނާ ސިޔާސަތުތަކާ ސީދާ ރައްޔޮތުންނާއި ގުޅުން ހުރި ކަންތައްތަކެއް ރައީސް ވަނީ ހާމަކުރައްވާފައެވެ.
އިގްތިސާދީ ކާމިޔާބީ
ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި އުފާވެރިކަމެއް ގެނެސްދިން އެއް ކަމަކީ ރާއްޖޭގެ ރަސްމީ ރިޒާވް 1.13 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރައި، ތާރީޚީ ކާމިޔާބީއެއް ހޯދާފައިވާކަން އިއުލާނު ކުރެއްވުމެވެ. މީގެ އިތުރުން، ދައުލަތުން އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ބިލިއަނުން ގުނޭ ދަރަނިތައް ޚަލާސްކޮށް، އިގްތިސާދީ ނުތަނަވަސްކަމުން ގައުމު ސަލާމަތްކުރައްވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މިއީ ގައުމުގެ މާލީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އިގްތިސާދީ ބަނޑަށްޖެހުމެއްގެ ބިރު ދިވެހިންގެ ހިތްތަކުން ފޮހެލާ، އުންމީދީ ކުރިމަގަކަށް މަސައްކަތް ކުރުމަށް ލިބުނު ހިތްވަރެކެވެ. .
ފަތުރުވެރިކަމުގެ މަންފާ ސީދާ ރައްޔިތުންނަށް
ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާޔަތަށް ބައި ގަރުނު ވެގެން ދިޔައިރު، ދިވެހިންގެ އާންމު ރައްޔިތުންނަށް މިކަމުން މާބޮޑު މަންފާއެެއް ލިބިފައި ނުވާކަމަށް ފާހަގަކުރައްވާ، ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ މަންފާ ސީދާ ރައްޔިތުންގެ ޖީބަށް ވާސިލުކޮށްދިނުމަށްޓަކައި، ސަރުކާރުން ތަރައްގީކުރާ 10 ރިސޯޓެއްގެ ހިއްސާ ކޮންމެ ދިވެހި ރައްޔިތަކަށް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެކަމަށް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.
" ސަރުކާރުން މިހާރު ނިންމާފައިވަނީ، ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިޔަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްޤީކޮށް އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑުބައެއް، ހަމަ އެއްވެސް ރައްޔިތަކު ބާކީނުކޮށް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް، ހަމަހަމަ ކަމާއެކު، އަހަރަކު އެއްފަހަރު، ބޭރު ފައިސާއިން ޖަމާކޮށްދޭން. އަދި ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކީ، މި މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރެވޭ ހުރިހާ ރިސޯޓެއްގެ ހިއްސާދާރެއްކަމުގައި ހަމަހަމަ ކަމާއެކު، ޤާނޫނަކުން ކަނޑައަޅާ ހަމަޖައްސަން. ނަތީޖާއެއްގެ ގޮތުން މި މަޝްރޫޢު ދަށުން ތަރައްޤީ ކުރާ ރިސޯޓުތަކުން ލިބޭ ފައިދާ ދިވެހި ރައްޔިތެއްކަމުގެ އައިޑީކާޑު އޮތް ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާއެކު އަހަރުން އަހަރަށް ލިބި، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ދިވެހި ފަތުރުވެރިކަމުގެ ސީދާ ޙިއްސާދާރަކަށް ދިވެހި ކޮންމެ ރައްޔިތަކުވެ، ދިވެހި ކޮންމެ ރައްޔިތަކަށް ސީދާ ގޮތުން މާލީ މަންފާ އިރާދަކުރެއްވިއްޔާ ޖަމާވާން ފަށާނެ. އަންދާޒާ ކުރެވެނީ މި އިންވެސްޓްމަންޓުން ރައްޔިތުންގެ އެކައުންޓަށް ފައިސާ ޖަމާވާން ފަށާނީ 2030 އަހަރުން ފެށިގެން ކަމަށް. ހިސާބު ހަދާލާއިރު، އެވްރެޖުކޮށް ކޮންމެ ރައްޔިތެއްގެ އެކައުންޓަށް، އިރާދަކުރެއްވިއްޔާ އަހަރަކު މަދުވެގެން، 400 އެމެރިކާ ޑޮލަރު ޖަމާވެގެންދާނެ."ރައީސް ވިދާޅުވިއެވެ.
މިއީ ދިވެހި ތާރީޚުގައި މުޅިން އަލަށް ރައްޔިތުންނަށް އިވިގެންދިޔަ ސިޔާސަތެކެވެ. ހަމަޔަގީނުންވެސް މިއީ ދިވެހިންގެ ފުދުންތެރިކަން އިތުރުކުރުމަށް އެޅޭ ތާރީޚީ ފިޔަވަޅެކެވެ.
އިޖުތިމާއީ ތަރައްގީއާއި ދުރުރާސްތާގެ ތަސައްވުރު
ބޯހިޔާވަހިކަމާއި، ސިއްހަތާއި، ތައުލީމީ ދާއިރާއިން ރައްޔިތުންގެ ލާބައަށްޓަކައި ގިނަގުނަ މަޝްރޫއުތަކެއް ރައީސް ހުށަހަޅުއްވިއެވެ. ގައުމުގެ ދަރަންޏާއި އެހެނިހެން ނުރައްކާތަކުން ސަލާމަތްކޮށް، އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ރައްޔިތުން ހެދުމަކީ ސަރުކާރުގެ މައިގަނޑު އަމާޒުކަން ހާމަކުރެއްވިއެވެ. މިގޮތުން ރާއްޖޭގެ އައިޑެންޓިޓީއާއި މުސްތަގުބަލު ރައްކާތެރިކުރުމާއެކު، އާ އުންމީދުތަކެއް ރައްޔިތުންނަށް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެކަން ބަޔާނުގައި ފާހަގަކުރެއްވިއެވެ.
ސިޔާދަތާއި މިނިވަންކަން ހިމާޔަތްކުރުން
ގައުމުގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިގުލާލު ހިމާޔަތްކުރުމަށް ރައީސް ދެއްވާ ހާއްސަ އަހަންމިއްޔަތުކަން މި ބަޔާނުން ވަރަށް ސާފުކޮށް ފެނިގެންދިޔައެވެ. ރާއްޖޭގެ ބިމާއި ކަނޑުގެ ސަރަހައްދުން އެންމެ އިންޗިއެއްވެސް ދޫނުކުރައްވާނެކަމުގެ ވަރުގަދަ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. ޗާގޯސް ނުވަތަ ފޯޅަވަހީގެ މައްސަލައިގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމުގެ ޔަގީންކަން ރައީސްދެއްވިއެވެ. އެގޮތުން ފޯޅަވަހި މޮރިޝަސްއަށް ދިނުމާ ދެކޮޅަށް ރާއްޖޭގެ ފަރާތުން އިނގިރޭސިވިލާތަށް ރަސްމީކޮށް އިއުތިރާޒު ހުށަހަޅާފައިވާކަން ހާމަކުރެއްވިއެވެ. ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ބަންޑާރަ ނައިބުގެ އޮފީހުން މިހާރު ވަނީ ފަށާފައިވާކަމަށް ވިދާޅުވިއެވެ. އަދި ކުރީގެ ރައީސް މޮރިޝަސްއަށް ފޮނުއްވި ސިޓީ އަނބުރާ ގެންނަވަން ނިންމަވައި، ރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީހެއް އުފެއްދުމަށް ވަނީ ނިންމާފައިވާކަން ވެސް ހާމަކުރެއްވިއެވެ. ހަމަ އެއާއެކު، އެ ސިޓީ މިހާރު ގެންނަވާފައިވާކަންވެސް ވަނީ އެނގިފައެވެ.
2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަކީ ދިވެހި ގައުމު އާ އުސްމިންތަކަކަށް ގެންގޮސްދޭނެ އުންމީދުތަކެކެވެ. އިގްތިސާދީ މިނިވަންކަމާއި، ރައްޔިތުންގެ ފުދުންތެރިކަމާއި، ގައުމީ ސިޔާދަތު ރައްކާތެރިކުރުމަށް ކުރެއްސެވި މި ތަސްވީރަކީ ދިވެހިންނަށް ތާރީޚީ މަގުޗާޓެކެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖޭގައި ބިނާކުރެވޭ އެންމެ ބޮޑު މިސްކިތް ސެޕްޓެމްބަރު މަހު ފަށަނީ
4 ގަޑިއިރު ކުރިން

ގަމުގައި ހެޔޮއެދޭ ފަރާތަކުން ބިނާކުރި އައު މިސްކިތް "ތުނޑީ ބަނދަރު މިސްކިތް" ރަސްމީކޮށް ހުޅުވައިފި
4 ގަޑިއިރު ކުރިން

ސަރުކާރުގެ އަމާޒަކީ ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް، އެޕްރީލް މަހުގެ ނިޔަލަށް ނިންމުން
4 ގަޑިއިރު ކުރިން

ހުސްވި އަހަރުގެ އެކަނިވެސް 41 މަސްކަނދުފަތި އަޅައިފިން: ރައީސް
4 ގަޑިއިރު ކުރިން


