
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަން ފެށިތާ ގިނަ އިރުތަކެއް ނުވެ ލަންކާގެ ދެ ބޯޓެއް ހިފަހައްޓައިފި

ރިޟްވާން މޫސާ - 06 ފެބްރުއަރީ 2026 - 18:05
ރާއްޖޭގެ ދެކުނުގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ޓަކައި، އެމްއެންޑީއެފް އެއާ ކޯގެ ޑްރޯން ބޭނުންކޮށްގެން، ހާއްސަ އޮޕަރޭޝަނެއް ފެށިތާ ގިނަ އިރުތަކެއް ނުވެ ސްރީ ލަންކާގެ ދެ ބޯޓް ހިފަހައްޓައިފިއެވެ.
އެމްއެންޑީއެފްގެ މި އޮޕަރޭޝަން އަކީ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ދަރުމަވަންތައާއި އެމްއެންޑީއެފް އެއާ ކޯގެ ޑްރޯން ބޭނުންކޮށްގެން، ހާއްސަ ސަވައިލަންސް އޮޕަރޭޝަން އެކެވެ.
ޑިފެންސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ހިމަނާފައިވާ ފޮޓޯތަކަކުން ފެންނަނީ ސްރީ ލަންކާގެ ދެ މަސް ބޯޓެއް ހުއްޓުވައި، އެ ސަރަހައްދުގައި ރާއްޖޭގެ ކޯސްޓް ގާޑުގެ ދަރުމަވަންތަ މަނަވަރު ހަރަކާތްތެރިވާ މަންޒަރެވެ.
ލަންކާގެ ދެ މަސް ބޯޓު ހުއްޓުވާފައިވަނީ އައްޑޫ ގަމާ 104 ނޮޓިކަލް މޭލު ބޭރުން އިއްޔެއެވެ. އެ ދެ ބޯޓު ވަށާ ކޯސްޓް ގާޑުން ހަރަކާތްތެރިވާ މަންޒަރު ވެސް ފެނެއެވެ.
އެމްއެންޑީއެފް އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގެ އުތުރުން 200 ނޯޓިކަލް މޭލު ނުލިބޭ އަވަށްޓެރި ގައުމުތަކާއެކު، 31 ޖުލައި 1976 ގައި ދިވެހި ސަރުކާރުން އެއްބަސްވެފައިވާ "ޑިޓަމިނޭޝަން: އޮފް ދަ ޓްރައި "ޖަންކްޝަން ޕޮއިންޓް އިން ގަލްފް އޮފް މަނާރު"ގެ އެއްބަސްވުން ފިޔަވައި އެހެން އެއްވެސް ގައުމަކާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން އެއްވެސް، މިންވަރެއް، ގެއްލިގެންދާނެ ފަދަ އެއްވެސް، އެއްބަސްވުމެއް ދިވެހި ސަރުކާރުން އެކުލަވާލާފައިނުވާ ކަމަށެވެ.






