logo

ތިމާދޭ ވޯޓަކީ ނުފޫޒުން އެއްކިބާވެ މިނިވަންކަމާއެކު ދެވޭ ވޯޓަކަށް ހަދަންޖެހޭ: އެޗްއާރުސީޢެމް

profile

މުޙައްމަދު ފަޟްލޫން - 03 އޭޕްރީލު 2026 - 13:01

ތިމާ ދޭ ވޯޓަކީ އެހެންފަރާތެއްގެ ނުފޫޒެއްނެތި ތިމާ ބޭނުންވާ ކެންޑިޑޭޓަކަށް އަމިއްލަ އިހްތިޔާރުގައި ދެވޭ ވޯޓަކަށް ހެދުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އެޗްއާރުސީއެމް އިން ގޮވާލައިފިއެވެ.

https://wamco.com.mv/

އެޗްއާރުސީއެމް އިން އާއްމުކުރި ބަޔާނެއްގައި ވަނީ އޭޕްރިލް 4 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓްލާ މީހުންނާއި ކެންޑިޑޭޓުންގެ ހައްގަށް ހުރަސް ނޭޅުމަށް ގޮވާލާފައެވެ.

މާދަމާ ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 އޮބްޒަރވް ކުރުމުގެ ގޮތުން އެޗްއާރުސީއެމްގެ ފަރާތުން މާލޭގެ އިތުރުން 18 އަތޮޅެއްގެ 21 ރަށެއްގައި ކޮމިޝަންގެ 78 އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށް އެޗްއާރުސީއެމް އިން އާއްމުކުރި ބަޔާނެއްގައި ވަނީ ބުނެފައެވެ.

ވޯޓުފޮށި އޮބްޒަރވްކުރުމުގެ މަސައްކަތް ކޮމިޝަންގެ މުވައްޒަފުން ހެނދުނު 6:30 އިން ފެށިގެން ވޯޓުލާ ނިމުމާ ހަމަޔަށް ކުރިއަށް ގެންދާނެކަމަށާއި އެގޮތުން، މާލެ ސަރަހައްދުގައި ވޯޓުލާ ދުވަހުގެ އެކި ގަޑިތަކުގައި 208 ފޮށްޓެއް އޮބްޒަރވްކުރުމުގެ އިތުރުން، އަތޮޅުތެރޭގެ 21 ރަށެއްގައި ޖުމްލަ 104 ފޮށްޓެއް އޮބްޒަރވްކުރުމަށް ހަމަޖެހިފައިވެއެވެ.

އަދި މީގެއިތުރުން، ކ. މާފުށި ޖަލުގައި އެޗްއާރުސީއެމްގ އޮބްޒަރވަރުން ހަރަކާތްތެރިވަމުންދާނެކަމަށް ވަނީ ބުނެފައެވެ.

އެޗްއާރްސީއެމްއިން ބުނީ އިންތިޚާބުތަކުގައި ބައިވެރިވުމާއި، ވޯޓުލުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ މުހިންމު އަސާސީ ޙައްގެއް ކަމަށެވެ.

ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވޯޓުލުމުގެ ޙައްޤު އަދާކޮށް، ގައުމުގެ ކަންކަން ރާވާ ހިންގުމާ، ގައުމުގެ މުސްތަގްބަލް ބިނާކުރުމުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ.

ވޯޓުލުމަށް ލިބިދީފައިވާ ހައްގަށް ހުރިހާ ފަރާތަކުންވެސް ފުރިހަމައަށް އިޙްތިރާމް ކުރުމަށް އެޗްއާރުސީއެމް އިން ވަނީ އެދިފައެވެ.

ކެންޑިޑޭޓުންނާއި ވޯޓުލާ މީހުންގެ ޙައްޤުތަކަށް ހުރަސް އެޅޭނޭ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ވަނީ ގޮވާލާފައެވެ.

އެޗްއާރްސީއެމްއިން ބުނީ މުޖްތަމައުގައި އެކަކު އަނެކާއާ ސިޔާސީގޮތުން ހިޔާލު ތަފާތުވުން ހުރިކަމުގައި ވީނަމަވެސް އަމާންކަމާއި ސުލްހަވެރިކަން އިސްކޮށް ގާނޫނުގެ ވެރިކަމުގެ ތަރަހައިގެ ތެރެއިން ޙައްލުތައް ހޯއްދެވުމަށް ކޮމިޝަނުން އެދޭކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk