logo
އާސެނަލް އާއި ސްޕޯޓިންގ ވާދަކުރި މެޗުގެ ތެރެއިން..

އާސެނަލް އާއި ސްޕޯޓިންގ ވާދަކުރި މެޗުގެ ތެރެއިން..

ސްޕޯޓިންގ އަތުން ރަށުން ބޭރުގައި އާސެނަލްއަށް ތާރީޚީ މޮޅެއް

profile

ހަސަން ޝަމްއޫން - 08 އޭޕްރީލު 2026 - 08:34

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން ސްޕޯޓިންގ ލިޒްބަން ބަލިކޮށް އާސެނަލް އިން ތާރީޚީ ކާމިޔާބެއް ހޯދައިފިއެވެ.

https://wamco.com.mv/

މުބާރާތުގެ ކުއާޓާ ފައިނަލުން ސްޕޯޓިންގ ޖާގަހޯދީ ރައުންޑް އޮފް 16 ގައި ނޯވޭގެ ބޯޑޯ / ގްލިމްޓް އާއި ވާދަކޮށް 5-3 ގެ އެގްރިގޭޓް ނަތިޖާއަކުން ކުރިހޯދައިގެންނެވެ. އަދި އާސެނަލް ކުއާޓާ ފައިނަލުން ޖާގަހޯދީ ރައުންޑް އޮފް 16 ގައި ޖަރުމަނުގެ ބަޔާ ލެވަކޫސަން 3-1 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.

ސްޕޯޓިންގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އާސެނަލް އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 63 ވަނަ މިނެޓުގައި އާސެނަލް އިން ލަނޑެއް ވެސް ކާމިޔާބުކުރިއެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ. އަދި މިމެޗުން އާސެނަލް މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަރުމަނު ފޯވާޑް ކައި ހަވަޓްޒް އެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ. އަދި މިއީ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް މެޗެއްގައި ޕޯޗުގަލް ކުލަބެއް އަތުން ރަށުން ބޭރުގައި އާސެނަލް މޮޅުވި ފުރަތަމަ މެޗެވެ.

މީގެ ކުރިން ރަށުން ބޭރުގައި ޕޯޗުގަލްގެ ކުލަބުތަކާއި ދެކޮޅަށް އާސެނަލް އިން ކުޅުނު ނޮކްއައުޓް އަށް މެޗުގެ ތެރެއިން ހަތަރު މެޗުން އެޓީމު ބަލިވެފައިވާއިރު، އަނެއް ހަތަރު މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. އަދި މި ދެޓީމުގެ މެދުގައި ކުޅެވޭ ކުއާޓަ ފައިނަލްގެ ދެވަނަ ލެގުގެ މެޗު އާސެނަލްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ އެވެ

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk