
ރެއާލް މެޑްރިޑާއި ބަޔާން މިޔުނިކް ވާދަކުރި މެޗުގެ ތެރެއިން .
14 އަހަރަށްފަހު ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ބަޔާން މިޔުނިކް އަތުން ރެއާލް މެޑްރިޑް ބަލިވެއްޖެ

ހަސަން ޝަމްއޫން - 08 އޭޕްރީލު 2026 - 08:11
ޔުއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ޖަރުމަނުގެ ބަޔާން މިޔުނިކާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުން ބަޔާން މިޔުނިކް ޖާގަހޯދީ ރައުންޑް އޮފް 16 ގައި އިޓަލީގެ އެޓަލާންޓާ އާއި ވާދަކޮށް 10-2 ގެ ތަފާތުބޮޑު އެގްރިގޭޓް ނަތިޖާއަކުން ކުރިހޯދައިގެންނެވެ. އަދި ރެއާލް މެޑްރިޑް ކުއާޓާ ފައިނަލުން ޖާގަހޯދީ ރައުންޑް އޮފް 16 ގައި ޕްރެމިއާ ލީގުގެ މެންޗެސްޓާ ސިޓީ 5-1 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކާމިޔާބުކޮށްފައިވާއިރު، މިއީ 2012 ވަނަ އަހަރުގެ ފަހުން ރެއާލްގެ ދަނޑުގައި ބަޔާން މޮޅުވި ފުރަތަމަ މެޗެވެ.
ރެއާލްގެ ސެންޓިއާގޯ ބެރްނަބާއޯގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ އަވަސް ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މިހާފުގައި ރެއާލް އިން ފޮނުވާލި ގިނަ ހަމަލާތަކެއް ބަޔާންގެ ތަޖްރިބާކާރު ކީޕަރު މެނުއެލް ނޯޔާ ދިފާއުކޮށްފައިވާއިރު، ބަޔާން އިން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކޮލަމްބިއާ ފޯވާޑް ލުއިސް ޑިއާޒް އެވެ. މިއީ އެޓީމުގެ ސާޖް ގްނެބްރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ބަޔާން މިޔުނިކް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ބަޔާން މިޔުނިކުންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން 30 ސިކުންތު ނުވަނީސް އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވާޑް ހެރީ ކޭން އެވެ. މިއީ އެޓީމުގެ އޮލީސޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރެއާލް ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ މިމުބާރާތުގައި ކުޅުނު 10 މެޗުގައި އެނާ ކާމިޔާބުކުރި 11 ވަނަ ލަނޑެވެ.
ބަޔާން މިޔުނިކުން ދެލަނޑުގެ ލީޑެއް ހޯދުމާއެކު ރެއާލް މެޑްރިޑުން ވަނީ ބަދަލުތަކަކާއެކު އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި ވެސް އެޓީމުން ވަނީ ބަޔާންގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އަދި ރެއާލް އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް ފޯވާޑް ކިލިއަން އެމްބާޕޭއެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-2 ގެ ނަތީޖާއަކުން ބަޔާން މިޔުނިކް ކުރީގައި އޮވެގެންނެވެ. އަދި މިދެޓީމުގެ މެދުގައި ކުޅެވޭ ދެވަނަ ލެގުގެ މެޗު ބަޔާންގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުުގެ 16 ވަނަ ދުވަހުގެ ރޭ އެވެ.
ގުޅުން ހުރި ޙަބަރުތައް

ސްޕޯޓިންގ އަތުން ރަށުން ބޭރުގައި އާސެނަލްއަށް ތާރީޚީ މޮޅެއް
12 ގަޑިއިރު ކުރިން

އިޓަލީގެ ގައުމީ ޓީމާއި ހަވާލުވުމުގެ ޝައުގުވެރިކަމެއް ނެތް!
ދުވަހެއް ކުރިން

ފަސޭހަކަމާއެކު ޕޯޓް ވޭލް ބަލިކޮށް ޗެލްސީ އިން އެފްއޭކަޕްގެ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި
3 ދުވަސް ކުރިން

އާސެނަލް ކަޓުވާލުމަށްފަހު ސައުތުހެމްޓަން އެފްއޭކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި
3 ދުވަސް ކުރިން


.gif&w=3840&q=75)