
ފިރިހެނުންގެ ހައްގުގައި އެމީހުން ވަކާލާތު ނުކުރަނީ ކީއްވެ؟

އައިޝަތު އިބްރާހިމް - 08 ނޮވެމްބަރު 2025 - 21:29
މުޖުތަމަޢުގައި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ދިފާޢުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، ފިރިހެނުންގެ ހައްގުތަކާ ބެހޭގޮތުން ދެކެވޭ ވާހަކަތައް މަދެވެ. ފިރިހެނުންނަށް ކުރިމަތިވާ މައްސަލަތަކާއި ގޮންޖެހުންތަކާ މެދު އާންމުންގެ ސަމާލުކަން ލިބުން މަދުކަމަށް ފާހަގަކުރެވެއެވެ.
ފިރިހެނުންނަށް އެމީހުންގެ އެންމެ ތުއްތު އިރުން ފެށިގެން ގޭތެރެއިން ބުނެދޭ ހިތި އެހެނަސް އެބައިމީހުންނަށް އެމީހުންގެ ޤާބިލުކަމާ މެދު ޝައްކު އުފައްދާ އެހެން ކަމެއްވެސް ވެއެވެ. އެއީ ފިރިހެނުންނަށް ތަދު އިހްސާސް ނުވާނެ ކަމެވެ. ފިރިހެނުން ނުރޯނެކަމެވެ. މިއީ ހަމަ ތެދު ވާހަކައެއްތޯއެވެ.
އަހަރެމެން އިންސާނުންނަކީ ހުރިހާ އިހްސާސަކާއި ލައިގެން ދުނިޔެއަށް ފޮނުއްވާފައިވާ މަޚްލޫޤުންތަކެކެވެ. މި އިހްސާސް އަންހެނުންނަށް ތަފާތު އަދި ފިރިހެނުންނަށް ތަފާތެއް ނޫނެވެ.
އަހަރެމެން ހޮވާފައިވާ ރައްޔިތުންގެ މަޖިލީހަށް ބަލާލުމުން ފިރިހެނުންގެ ޤާބިލުކަން ފެނެއެވެ. އެހެން ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ 99 އިންސައްތައަކީ ފިރިހެނުން ކަމަށް ވީހިނދުވެސް ފިރިހެނެއްގެ ހައްގުގައި ވަކާލާތުކޮށްލާނެ ދުލެއް ނެތެވެ.
ފިރިހެނުންގެ ހައްގުތަކާއި އެމީހުންގެ ދިރިއުޅުމުގެ ގޮންޖެހުންތައް ދެނެގަތުމަށްޓަކައި، ދާދިފަހުން ކުރެވުނު ދިރާސާއެއްގައި ރާއްޖޭގެ އެކި އުމުރުފުރާގެ ފިރިހެނުންނާ ސުވާލުކުރެވުނެވެ. މި ދިރާސާގެ މައިގަނޑު މަގުސަދަކީ ފިރިހެނުންނަށް ކުރިމަތިވާ އިޖުތިމާޢީ، ނަފްސާނީ އަދި އިގްތިސާދީ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާ މެދު އެމީހުންގެ ހިޔާލުތައް ހޯދުމެވެ.
ދިރާސާގައި ބައިވެރިވި ގިނަ ފިރިހެނުންނަށް އެމީހުންނަށް ލިބިފައިވާ ހައްގުތަކާއި، އެކަންކަމަށްޓަކައި ވަކާލާތުކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މާބޮޑު މައުލޫމާތެއް ލިބިފައިނެތެވެ. އަމިއްލަ ނަފްސަށް ކުރިމަތިވާ ގޮންޖެހުންތަކާއި ދަތިތަކާ ބެހޭގޮތުން އާންމުކޮށް ވާހަކަ ދެއްކުމަށް ފިރިހެނުން ފަސްޖެހޭކަން ފާހަގަ ކުރެވުނެވެ. އެހެން ކަންކަމަށްވުރެ ގިނައިން، ފިރިހެނުން އެމީހުންގެ އަމިއްލަ މައްސަލަތައް ސިއްރުކޮށް، އެކަނި ހައްލުކުރަން މަސައްކަތްކުރާ ކަން ދިރާސާއިން އެނގުނެވެ.
ފިރިހެނުންގެ މައްސަލަތައް ހިއްސާކޮށް، އެކަންކަމަށް ހައްލު ހޯދުމަށްޓަކައި ވަކާލާތުކުރެވޭނެ ޚާއްސަ ޕްލެޓްފޯމްތަކާއި ޖަމުޢިއްޔާތައް ނެތުމަކީ ވެސް މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެވުނެވެ.
މި ދިރާސާއިން ދައްކައިދެނީ، ފިރިހެނުންނަށް ޚާއްސަ ގޮންޖެހުންތަކެއް ކުރިމަތިވާ ކަމާއި، އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުންވިޔަސް، އެފަދަ މަސްރަހެއް ނެތުމުގެ ސަބަބުން އެކަން ނުކުރެވޭ ކަމެވެ.
ފިރިހެނުންގެ ހައްގުތަކާ ބެހޭގޮތުން އަމިއްލައަށް އިސްވެ ވާހަކަ ނުދެއްކުމުގެ ފަހަތުގައި ހިތްވަރު ދެނިވި ސަބަބުތަކެއް ހުރެއެވެ.
މުޖުތަމަޢީ ގޮތުން ފިރިހެނުންނަކީ ވަރުގަދަ، ކެތްތެރި އަދި އެއްވެސް ކަމަކާ ނުކުޅަދޭ ބައެއްގެ ގޮތުގައި ސިފަކުރެވިފައިވެއެވެ. މި އުޞޫލުގެ ސަބަބުން ފިރިހެނުންނަށް ކުރިމަތިވާ ދަތިތަކާއި ނަފްސާނީ ގޮންޖެހުންތައް ހާމަކުރުމަކީ "ފިރިހެންވަންތަ" ކަމެއް ނޫން ކަމަށް ބެލެވެއެވެ. މުޖުތަމަޢުގައި ފިރިހެނުންނަށް ކުރިމަތިވާ މައްސަލަތަކާ ބެހޭގޮތުން ޝަކުވާކުރުމަކީ "ބަލިކަށި" ކަމެއްގެ ގޮތުގައި ބެލުމުގެ ސަބަބުން، އެފަދަ ވާހަކަތައް ދެއްކުމަށް ފިރިހެނުން ފަސްޖެހެއެވެ.
އަމިއްލަ ނަފްސަށް ދިމާވާ ދަތިތައް ހާމަކުރުމުން އެހެން ފިރިހެނުން ނުވަތަ މުޖުތަމަޢުން ފުރައްސާރަކޮށްފާނެ ކަމުގެ ބިރު ފިރިހެނުންގެ ތެރޭގައި އެބަހުއްޓެވެ. އަދި މިކަމުގެ ސަބަބުން މުޖުތަމައުން އަތުވެދާނެ ލަދުވެތިކަމާއި ފުރައްސާރައިގެ ބިރަކީވެސް ފިރިހެނުންނަށް ދިމާވާ ކަންކަމުގެ ވާހަގަދައްކަން ފަސްޖެހޭ ސަބަބެކެވެ.
ބައެއް ފިރިހެނުންނަށް އެމީހުންގެ މައްސަލަތައް ހިއްސާކުރުމުން "ފިރިހެނެއް ނޫން" ކަމަށް ބެލިދާނެ ކަމަށް ހީވެއެވެ. މިފަދަ ކަންކަން މަދުން ނަމަވެސް ދިމާވެފައިވެސް އެބަހުއްޓެވެ. ދިމާވާ ކަމެއްގެ ސަބަބުން އެކަމާ މާޔޫސްވެ ރަހުމަތްތެރިއަކާއި ހިއްސާކޮށްލުމުން "އަޅެ ދެން ކަލޭތީ އަންހެނެއްހޭ ކޮންކަމަކާހޭ ތިވަރަކަށް ތިވިސްނަނީ" މިފަދަ ބަސްތައް ބުނެހެދުންވެސް މިއީ އަހަރުމެންގެ މި ކުޑަ މުޖުތަމައުގައި ހިނގާ ކަންކަމެވެ.
ފިރިހެނުންގެ ހައްގުތަކާ ބެހޭގޮތުން ވާހަކަ ދެއްކިޔަސް، އެކަމަށް ސަމާލުކަމެއް ނުލިބޭނެ ކަމަށް ނުވަތަ އެކަމަށް އެހީތެރިކަމެއް ނުލިބޭނެ ކަމަށް ގަބޫލުކުރުމުގެ ސަބަބުން، އިސްވެ ވާހަކަ ދެއްކުމަށް ހިތްވަރު ކުޑަވެއެވެ. އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ދިފާޢުކުރާ ގިނަ ޖަމުޢިއްޔާތައް ހުރިއިރު، ފިރިހެނުންނަށް ޚާއްސަކޮށް އެފަދަ އެހީތެރިކަމެއް ދޭނެ ޖަމުޢިއްޔާއެއް ނުވަތަ ޕްލެޓްފޯމްތައް މަދެވެ.
ފިރިހެނުންނަށް ދިމާވާ ޚާއްސަ މައްސަލަތަކަށް ހައްލު ހޯދުމަށް ސަރުކާރުން ނުވަތަ އެހެނިހެން މުއައްސަސާތަކުން ޚާއްސަ ސިޔާސަތުތަކެއް ނެތުމަކީ ވެސް އެކަމަށް ވަކާލާތުކުރުމަށް ހުރަހެކެވެ. ބައެއް ފިރިހެނުންނަށް އެމީހުންގެ އަމިއްލަ ހައްގުތައް ބަލައިގަތުމާއި، އެކަންކަމަށް ވަކާލާތުކުރުން މުހިންމުކަމަށް ގަބޫލުނުކުރެވުމަކީ ވެސް މައްސަލައެކެވެ.
ފިރިހެނުންގެ ހައްގުތަކަށްޓަކައި އެމީހުން އަމިއްލައަށް ވަކާލާތު ނުކުރުމަކީ ހަމައެކަނި ފިރިހެނުންނަށް ކުރިމަތިވާ މައްސަލައެއް ނޫނެވެ. މިއީ މުޅި މުޖުތަމަޢަށް ވެސް އަސަރުކުރާ ކަމެކެވެ. ފިރިހެނުންގެ ނަފްސާނީ، އިޖުތިމާޢީ އަދި އިގްތިސާދީ ދުޅަހެޔޮކަން ހިމާޔަތްކުރުމަށްޓަކައި، އެމީހުންނަށް ދިމާވާ މައްސަލަތަކާ ބެހޭގޮތުން ހުޅުވާލެވިފައިވާ މަސްރަހެއް ގާއިމްކުރުމަކީ މުހިންމު ކަމެކެވެ.
މުޖުތަމަޢީ އުޞޫލުތައް ބަދަލުކޮށް، ފިރިހެނުންނަށް ލިބިފައިވާ ހައްގުތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމުން، ފިރިހެނުންގެ ހައްގުތައް ދިފާޢުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހިތްވަރު ލިބިގެންދާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން


