logo

ކަމަދޫގައި އިއާދަކުރަނިވި ހަކަތައިގެ އައު ނިޒާމެއް ގާއިމުކުރަނީ

profile

އައިޝަތު އިނާޝާ - 20 ޖެނުއަރީ 2026 - 17:57

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތިމާވެށީގެ ސިޔާސަތުގެ ދަށުން، ބ. ކަމަދޫގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

https://wamco.com.mv/

މިކަމުން އަހަރަކު 92،919 ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެއެވެ.

މި މަޝްރޫޢުގެ ދަށުން ކަމަދޫގައި ގާއިމުކުރަނީ 198 ކިލޯވޮޓް ޕީކް ގެ ސޯލާ ފޮޓޯވޮލްޓައިކްނިޒާމަކާއި 172 ކިލޯވޮޓް އަވާގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް އެކެވެ. މިއީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފަރުމާކޮށްގެން ގާއިމުކުރެވޭ ހައިބްރިޑް ނިޒާމެކެވެ.

މި ނިޒާމުގެ މަސައްކަތް ނިމި އޮޕަރޭޝަނަށް އައުމުން، ކަމަދޫގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލްގެ މިންވަރު ވަރަށް ބޮޑަށް ދަށްވެގެންދާނެއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ނިޒާމުގެ ސަބަބުން އަހަރަކު 92،919 ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެއެވެ. މީގެ އިތުރުން، މިއީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އެގޮތުން ޖައްވަށް ބޭރުކުރާ ކާބަން ޑައިއޮކްސައިޑް ގެ ތެރެއިން އަހަރަކު 228 ޓަނުގެ ގޭސް މި ނިޒާމުގެ ސަބަބުން މަދުކުރެވޭނެއެވެ.

މި މަޝްރޫޢަކީ 2028 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ކަރަންޓުގެ ބޭނުންތަކުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ރާއްޖެއިން ތެލަށް ކުރާ ހޭދަ ކުޑަވެ، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމުގެ ގާބިލުކަން ރަށްރަށުގައި އިތުރުވެގެންދާނެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay