
ޓެކުހަށް މަކަރު ހެދި ކަމަށް ތުހުމަތުކޮށް 2 ކުންފުންޏަކަށް ދައުވާކުރަން ފޮނުވައިފި

އައިޝަތު އިނާޝާ - 20 ޖެނުއަރީ 2026 - 14:52
ކޯވިޑް-19ގެ ޕެންޑެމިކާ ގުޅިގެން އެ ދުވަސްވަރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީ.ސީ.އާރ ޓެސްޓިންގގެ ޚިދުމަތް ފޯރުކޮށްދެމުންދިޔަ ދެ ކުންފުނި ކަމުގައިވާ ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް އިން ޓެކުހަށް މަކަރު ހަދައިފައިވާކަމަށް ތުހުމަތުކުރެވޭތީ މި މައްސަލަ ތަހުގީގުކޮށް، ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މޯލްޑިވްސް އިންލޭންޑް އެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ހުށަހަޅައިފިއެވެ.
މީރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި މައްސަލައަކީ، ކޯވިޑް-19ގެ ޕެންޑެމިކާ ގުޅިގެން ޕީ.ސީ.އާރ ޓެސްޓިންގގެ ޑިމާންޑް އެންމެ ބޮޑު ދުވަސްވަރު މި ޚިދުމަތް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ ފަރާތްތަކެއްކަމަށް ފާހަގަކުރެވިފައި ވީނަމަވެސް، އެ ފަރާތްތަކުން މީރާއަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި ޓެކްސް ނެގޭ އާމްދަނީ ބޮޑުތަނުން ދަށްކޮށް ރިޕޯޓުކޮށްފައިވާކަމަށް ފާހަގަކުރެވިގެން މީރާއިން ތަހުގީގުކުރަން ފަށައިފައިވާ މައްސަލައެއް ކަމަށެވެ.
މީރާ އިން ބުނީ ޓެކްސް އަހަރު 2020، 2021 އަދި 2022ވަނަ އަހަރުގައި، ޕީ.ސީ.އާރ ޓެސްޓިންގގެ އިތުރުން އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގަމުންގެންދާ "ޕާލް މެޑިކަލް ސެންޓަރ" ކްލިނިކު މެދުވެރިކޮށް އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދީފައި ވީނަމަވެސް، މި ޚިދުމަތްތަކުން ލިބިފައިވާ ފުރިހަމަ އާމްދަނީ ވެސް މީރާއަށް ރިޕޯޓުކޮށްފައިނުވާކަން މީރާގެ ތަހުގީގުގައި ވަނީ ހޯދިފައި ކަމަށެވެ.
ހަމަ މިއާއެކު، ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަކީ ޕީ.ސީ.އާރ ޓެސްޓިންގ ޚިދުމަތް އެންމެ އަވަހަށް ފެށި އެއް ފަރާތްކަމާއި 2020 އަދި 2021ވަނަ އަހަރު އާންމު ފަރާތްތަކުގެ އިތުރުން ޓޫރިސްޓް ފެސިލިޓީތަކަށް މި ޚިދުމަތް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދީފައިވީނަމަވެސް، މި ޚިދުމަތުން ލިބިފައިވާ އެންމެހައި އާމްދަނީ މީރާއަށް ހުށަހަޅައިފައިވާ މާލީ ހިސާބުތައް އަދި އިންކަމް ޓެކްސް ބަޔާންތަކުގައި ހިމަނައިފައިނުވާކަން މީރާގެ ތަހުގީގަށް ހޯދިފައިވާ ކަމަށާއި އަދި މި ޚިދުމަތް ފޯރުކޮށްދީގެން ޓެކްސް އަހަރު 2021އަށް ލިބިފައިވާ އާދަޔާޚިލާފު ބޮޑު އާމްދަނީއާ ގުޅިގެން މީރާއަށް ދައްކަންޖެހޭ ޓެކުހުގެ އަދަދު ދަށްކުރުމުގެ ނިޔަތުގައި މި އަހަރުގެ މާލީ ހިސާބުތަކުގައި 'ކޮސްޓް އޮފް ސޭލްސް' އަދި އިދާރީ ޚަރަދުގެ ގޮތުގައި ސައްހަ ނޫން އަދަދުތަކެއް އުނިކޮށްފައިވާކަން ވެސް ވަނީ ފާހަގަކުރެވިފައި ކަމަށް މީރާއިން ވަނީ ބުނެފައެވެ.
މީރާ އިން ބުނިގޮތުގައި ޓެކްސް އަހަރު 2020، 2021 އަދި 2022 އަށް، އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް އިން މީރާއަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި 31.9 މިލިއަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ އަދި ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޓެކްސް އަހަރު 2020 އަދި 2021އަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި 102.7 މިލިއަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ ހިމަނަފައިނުވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މި ތަހުގީގާ ގުޅިގެން މީރާއިން ކުރިއަށް ގެންދިޔަ އޮޑިޓުތަކުގައި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޖުމުލަ 4.3 މިލިއަން ރުފިޔާ އަދި ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް 23.7 މިލިއަން ރުފިޔާ އިތުރަށް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައި އެ ޓެކްސް މީރާއަށް ދައްކަން އަންގައިފައިވެއެވެ. މި މައްސަލައިގައި މި ދެ ކުންފުނީގެ އިތުރުން، މައްސަލައިގައި އިސްކޮށް އުޅެފައިވާކަމަށް ފާހަގަކުރެވިފައިވާ، ދެ ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި ހިމެނޭ ޑރ. އިކްލީލް ޝަރީފް، އަދި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއްކަމުގައިވާ ޑރ. ޢަލީ ޢަބްދުﷲ ލަޠީފުގެ މައްޗަށް ދައުވާކޮށްދިނުމަށް މީރާއިން އެދިފައިވެއެވެ. އަދި މީގެ އިތުރުން އެނގިހުރެ ސައްހަނޫން މައުލޫމާތުހިމެނޭ މާލީ ހިސާބު އަދި ޓެކްސް ބަޔާން ތައްޔާރުކޮށްދީފައިވާކަމުގެ ތުހުމަތުގައި މި މުއްދަތުތަކަށް މި ދެ ކުންފުނީގެ މާލީހިސާބާއި ޓެކްސް ބަޔާން ތައްޔާރުކޮށްދީފައިވާ، ޢަލީ ފަޔާޟްގެ މައްޗަށް ދައުވާކޮށްދިނުމަށް ވެސް މީރާއިން އެދިފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ކަމަދޫގައި އިއާދަކުރަނިވި ހަކަތައިގެ އައު ނިޒާމެއް ގާއިމުކުރަނީ
2 ގަޑިއިރު ކުރިން

ރައީސް މުއިއްޒު އަކީ ދިވެހި ރައްޔިތުން އެންމެ ލޯބިވާ ރައީސް: ފަލާހު
2 ގަޑިއިރު ކުރިން
-1768927769896.webp&w=3840&q=75)
ރާއްޖެއިން ސީޝެލްސް އަށް ކަނޑައެޅި ނޮން-ރެޒިޑެންޓް ސަފީރު، ފަތްކޮޅު އަރުވައިފި
2 ގަޑިއިރު ކުރިން

މަޖިލީހުގެ ރައީސް ސަޢޫދީގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި
5 ގަޑިއިރު ކުރިން


