logo

ރާއްޖެއިން ސީޝެލްސް އަށް ކަނޑައެޅި ނޮން-ރެޒިޑެންޓް ސަފީރު، ފަތްކޮޅު އަރުވައިފި

profile

އައިޝަތު އިނާޝާ - 20 ޖެނުއަރީ 2026 - 17:15

ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު ޢިމާދު، ދިވެހިރާއްޖެއިން ސީޝެލްސް އަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުކަމުގެ ފަތްކޮޅު ސީޝެލްސްގެ ރައީސް ހިޒް އެކްސެލެންސީ ޑޮކްޓަރ ޕެޓްރިކް ހަރމިނީ އަށް މިއަދު އަރުވައިފިއެވެ.

https://wamco.com.mv/

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދުގެ ހެނދުނު، ސީޝެލްސްގެ ވެރިރަށް ވިކްޓޯރިއާގައި ހުންނަ ސްޓޭޓް ހައުސްގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ސަފީރު މަސްޢޫދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން، ސީޝެލްސްގެ ރައީސަށާއި، ސީޝެލްސްގެ ސަރުކާރަށާއި އަދި އެ ޤައުމުގެ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ސަފީރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަންދެއްވައި، ދެ ޤައުމުގެ ދެމެދު ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ސީޝެލްސްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއިން ސީޝެލްސް އަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރުކަމުގެ ފަތްކޮޅު އެރުވުމުން އެމަނިކުފާނަށް ތަހުނިޔާ ދަންނަވައި، ސަފީރުގެ ހައިސިއްޔަތުން އަދާކުރައްވަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެއްބާރުލުން ދެއްވާނެކަމަށް ހާމަކުރެއްވިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ސަފީރު މަސްޢޫދު އިމާދު ސީޝެލްސްގެ ނައިބު ރައީސް ހިޒް އެކްސެލެންސީ ސެބަސްޓްޔެން ޕިލާއިގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ސަފީރުގެ އަރިހުގައި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ މިނިސްޓަރ-ކައުންސެލަރ، އިސްމާއިލް މަމްދޫހް އާއި ސީޝެލްސްގައި ހުންނަ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް، މރ. ލެމްބަރޓް ބޮން ބައިވެރިވެވަޑައިގެންނެވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay