
މަޖިލީހުގެ ރައީސް ސަޢޫދީގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި

އައިޝަތު އިނާޝާ - 20 ޖެނުއަރީ 2026 - 14:52
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ، ސަޢޫދީ ޢަރަބިއްޔާގެ ޤާނޫނު ހަދާ މަޖިލިސް، ޝޫރާ ކައުންސިލްގެ ރައީސް، ޑޮކްޓަރ ޢަބްދުﷲ ބިން މުޙައްމަދު ބިން އިބްރާހީމް އަލްޝައިޚްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި ދީނީ، ސަގާފީ، އަދި ތާރީޚީ ގޮތުން ބިނާވެފައިވާ ވަރުގަދަ ގުޅުމުގެ މައްޗައް އަލިއަޅުއްވާލެއްވިއެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގެ ތަރައްޤީއަށް ސަޢޫދީ ޢަރަބިއްޔާއިން ދެމުންގެންދާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވައި، ޚާއްޞަކޮށް ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސް.އެފް.ޑީ) މެދުވެރިކޮށް ބޯހިޔާވަހިކަމާއި ފެނާއި ނަރުދަމާގެ ނިޒާމު ތަރައްޤީކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގައި އަދާކުރި މުހިންމު ދައުރު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި، ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ފަތުރުވެރިކަމާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި، ރައްޔިތުންގެ މަޖިލީހާއި ޝޫރާ ކައުންސިލާ ދެމެދު އަބަދުވެސް އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި، އެ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ސަޢޫދީ ޢަރަބިއްޔާއިން މެދުއިރުމަތީގެ ސުލްޙައާއި އަމާންކަމާއި ތަރައްޤީއަށް ކުރަމުންގެންދާ މަސައްކަތްތަކަށް ތަޢުރީފުކުރައްވައި، ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްޠީނާ އެކުގައިކަމަށް ވިދާޅުވިއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭކަން ފާހަގަކުރައްވައި، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކޮށް، ތިމާވެށީގެ ގޮތުން ނާޒުކު ޤައުމުތަކަށް އެހީތެރިވުމުގައި ސަޢޫދީ ޢަރަބިއްޔާއިން ކުރައްވަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ.
މީގެއިތުރުން، ދިވެހިރާއްޖެއިން ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ސަޢޫދީ ސަރުކާރުން އެކަމުގެ އިންތިޒާމުތައް ފުރިހަމައަށް ހަމަޖައްސައިދީފައިވާ ކަމަށްޓަކައި ޝުކުރުއަދާކުރައްވައި، ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރުމުގައި އިތުރު ލުއިފަސޭހަތައް ލިބޭނެ ކަމަށް އުންމީދުކުރައްވާކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުން ނިންމަވައިލައްވަމުން، ޝޫރާ ކައުންސިލުން އެ މަނިކުފާނަށާއި ވަފުދުގެ ބޭފުޅުންނަށް އަދާކުރެއްވި މެހެމާންދާރީއަށް ޝުކުރުއަދާކުރައްވައި، ޝޫރާ ކައުންސިލްގެ ރައީސް ދިވެހިރާއްޖެއަށް ޒިޔާރަތް ކުރެއްވުމުގެ ދަޢުވަތު މަޖިލީހުގެ ރައީސް ދެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ކަމަދޫގައި އިއާދަކުރަނިވި ހަކަތައިގެ އައު ނިޒާމެއް ގާއިމުކުރަނީ
2 ގަޑިއިރު ކުރިން

ރައީސް މުއިއްޒު އަކީ ދިވެހި ރައްޔިތުން އެންމެ ލޯބިވާ ރައީސް: ފަލާހު
2 ގަޑިއިރު ކުރިން
-1768927769896.webp&w=3840&q=75)
ރާއްޖެއިން ސީޝެލްސް އަށް ކަނޑައެޅި ނޮން-ރެޒިޑެންޓް ސަފީރު، ފަތްކޮޅު އަރުވައިފި
2 ގަޑިއިރު ކުރިން

ޓެކުހަށް މަކަރު ހެދި ކަމަށް ތުހުމަތުކޮށް 2 ކުންފުންޏަކަށް ދައުވާކުރަން ފޮނުވައިފި
5 ގަޑިއިރު ކުރިން


