logo

ޑރ. މުއިއްޒުގެ ރިޔާސަތަށް ދެ އަހަރު: ތަރައްޤީގެ ދޯދިތައް ރަށްރަށަށް ފެތުރިގެންދަނީ

profile

މުހައްމަދު މުޝްރިފް - 19 ނޮވެމްބަރު 2025 - 16:05

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް ދެ އަހަރު ފުރިހަމަވެގެން ދާއިރު، އެމަނިކުފާނުގެ ސަރުކާރުން އެންމެ ބޮޑު އިސްކަންދެއްވާފައިވާ "ރަށްރަށް ތަރައްޤީކުރުމުގެ" ވައުދުތަކުގެ ޢަމަލީ މަސައްކަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދަނީ އެއްގޮތަށް ވުރެގިނަ ގޮތްގޮތުންނެވެ. ތަރައްޤީގެ މި ދޯދިތައް ފެތުރިގެންދާއިރު، މައިގަނޑު ސިޔާސަތު ބިނާވެފައިވަނީ އިޤްތިޞާދީ ހަމަޖެހުމާއި، ރައްޔިތުންނަށް ދިރިއުޅުމުގެ ފަސޭހަ ކޮށްދިނުމުގެ މައްޗަށެވެ.

https://wamco.com.mv/

ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހަލުވިކުރުން

ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު އެންމެ ބޮޑު އިސްކަމެއް ދެއްވީ ހުއްޓިފައިހުރި ނުވަތަ މަޑުޖެހިފައިހުރި ތަރައްޤީގެ ބިޔަ މަޝްރޫޢުތައް އަލުން ދިރުވައި، ހަލުވި ދުވެލީގައި ކުރިއަށް ގެންދިއުމަށެވެ. މީގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ޕެސެންޖަރ ޓަރމިނަލްގެ މަސައްކަތްތަކާއި، މާލެ ސަރަޙައްދު ގުޅުވައިދޭ ތިލަމާލެ ބްރިޖްގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. މިފަދަ މަޝްރޫޢުތަކުގެ ސަބަބުން އިޤްތިޞާދީ ހަރަކާތްތައް އިތުރުވެ، ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ހުޅުވިގެންދިއުމަކީ އެމަނިކުފާނުގެ ސަރުކާރުން ދައްކަވާފައިވާ ކާމިޔާބީއެކެވެ.

ރަށްރަށުގެ ތަރައްޤީއަށް ހާއްސަ އިސްކަމެއް

މާލެ ސަރަޙައްދުގެ އިތުރުން ރަށްރަށުގެ ތަރައްޤީއަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާކަން ފެނެއެވެ. ސަރުކާރުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 200 އަށްވުރެ ގިނަ ތަރައްޤީގެ މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި ކުޅިވަރުގެ ދާއިރާއާއި، ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއާއި، ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިމެނެއެވެ. ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް 13 ރަށެއްގައި ފެށުމަށް ނިންމާފައިވާއިރު، މާލެ ސަރަހައްދުގެ އެންމެ ބިޔަ މަޝްރޫޢު ކަމަށްވާ "ރަސްމާލެ" ހިއްކުމުގެ މަސައްކަތް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ. މީގެ އިތުރުން، މަސްވެރިކަން ތަރައްޤީކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި އައިސް ޕްލާންޓްތައް ޤާއިމުކުރުމާއި، މަސްވެރިންނަށް ފައިސާގެ ފަހިކަން ވަނީ ހަމަޖެހިފައެވެ. އަތޮޅިތެރޭގެ އެއަރޕޯޓްތައް ތަރައްޤީކުރުމުގެ ގިނަ މަޝްރޫޢުތައްވެސް ވަނީ ފެށިފައެވެ.

ބައިނަލްއަޤްވާމީ ގުޅުންތަކާއި އިޤްތިޞާދީ އެހީ

ޑރ. މުޢިއްޒުގެ ސަރުކާރުން ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމަށްވެސް އިސްކަންދެއްވާފައިވާކަން ފާހަގަކުރެވެއެވެ. ޚާރިޖީ ގުޅުންތައް ބަދަހިކުރުމުގެ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ މާލީ އެހީ ހޯދުމަށް މަސައްކަތް ތައް ދަނީ ކުރަމުންނެވެ. ޗައިނާއާއި ކުވޭތު ފަދަ ޤައުމުތަކުން ތަރައްޤީގެ އިތުރު މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ލިބިފައިވާއިރު، އިންޑިއާއިންވެސް މާލީ އެހީތެރިކަން ފޯރުކޮށްދެމުން ދާތީ ތަރައްޤީގެ މަސައްކަތްތައް ހުއްޓުމަކަށް ނާންނާނެކަން ކަށަވަރުކުރުވެގެން ދެއެވެ.

ޑރ. މުއިއްޒުގެ ވެރިކަމުގެ ދެ އަހަރުގެ ތެރޭގައި ފެނިގެންދާ މަންޒަރަކީ، ރާއްޖޭގެ މަރުކަޒީ ސަރަޙައްދުތަކާއި ރަށްރަށަށްވެސް ތަރައްޤީގެ މަސައްކަތްތައް ފުޅާވެ، ހަލުވިކަމާއެކު ކުރިއަށްދާ މަންޒަރެވެ. ހުއްޓިފައި ހުރި މަޝްރޫޢުތައް އަލުން ފެށުމާއި، އަމިއްލަ ކުންފުނިތަކަށް ގިނަ އަދަދެއްގެ މަޝްރޫޢުތައް ހަވާލުކުރުމަކީ ތަރައްޤީގެ ދުވެލި ބާރުކުރުމަށްޓަކައި ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅުތަކެކެވެ.

ތަރައްޤީގެ މިމަޝްރޫޢުތަކުގެ ދިގުދެމިގެންދާނެ މަންފާތައް ރައްޔިތުންނަށް ލިބި، ރާއްޖޭގެ އިޤްތިޞާދު ހަމަޖެހޭނެ ގޮތަކަށް މިކަންކަން ކުރިއަށް ގެންދިއުމަކީ ރައީސް ޑރ މުއިއްޒުގެ ސަރުކާރުގެ މައިގަނޑު އަމާޒެވެ. ތަރައްޤީގެ ދޯދިތައް ރާއްޖޭގެ ކޮންމެ ރަށަކަށް އެއްފެންވަރެއްގައި ފޯރުކޮށްދެވޭތޯ ކުރާ މި މަސައްކަތްތަކުގެ ނަތީޖާ، ކުރިއަށް އޮތްތަނުގައި އިތުރަށް ފެނި އޭގެ ފޮނިމީރުކަށް ރައްޔިތުންނަށް ލިބިގެންދާނެ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay