logo

ގައުމީ ތަރައްގީގެ ގާނޫނުގެ ބިލެއް އެކުލަވާލައިލަނީ

profile

އައިމިނަތު ރޫޔާ - 06 ނޮވެމްބަރު 2024 - 10:53

ރާއްޖޭގެ ތަރައްގީއާއި ކުރިއެރުން ދެމެހެއްޓުމަށްޓަކައި ޕްލޭންގައި ކަނޑައެޅޭ މުހިއްމު ސިޔާސަތުތަކާއި އަމާޒުތައް ހާސިލްކުރުމަށް މަގުފަހިކުރުމުގެ ގޮތުން ގާނޫނީ ބާރުވެރިކަން ގެނެސްދޭނެ ގައުމީ ތަރައްގީގެ ގާނޫނުގެ ބިލެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ އަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ކުރިއަށް އޮތް 20 އަހަރަށް ގައުމީ ތަރައްގީގެ ޕްލޭން އިފްތިތާޙްކުރުމުގެ ރައްސމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ މި ޕްލޭން ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒުކުރުމަށް ބޭނުންވާ އިތުރު ބާރުވެރިކަން ގެނައުމަށްޓަކައި ގާނޫނު އަސާސީއަށް މާއްދާއެއް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

"މި ޕްލޭން ވެގެންދާނީ ދެމެހެއްޓެނިވި ގޮތެއްގައި ދިވެހިރާއްޖޭގެ ތަރައްގީ ބައްޓަންކުރުމަށްޓަކައި ގައުމު ދަތުރުކުރާނޭ ފަހި މިސްރާބެއް ކަނޑައެޅުމަށް ވަރަށް ވެސް މުހިއްމު މަގު ޗާޓެއްކަމުގައި" މިނިސްޓަރު

މިނިސްޓާރު ވިދާޅުވީ މި ޕްލޭން އެކުލަވާލުމުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގެ އާންމު ދިރިއުޅުމުގެ ހާލަތު ދެނެގަނެ، ދާއިރާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ވަޒަންކޮށް، ހެއްކާއި މައުލޫމާތުގެ އަލީގައި ކަންކަން އިސްލާހުކޮށް ކުރަންޖެހޭ މަސައްކަތްތައް، އިލްމީ ނަޒަރަކުން ދެނެގަނެވޭނެ ކަމަށެވެ.

މީގެއިތުރުން މި ޕްލޭން ވެގެންދާނީ ގައުމު ކުރިމަގު އުޖާލާކޮށް، އަންނަން އޮތް ޖީލުތަކަށް ތަނަވަސް، ފުދުންތެރި، އުފާވެރި މުހިއްމު ފިޔަވަޅަކަށް ކަމަވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު އެކި އުމުރުފުރާތަކާއި އެކި ފަންތީގެ، އެކިއެކި ދާއިރާތަކުގެ އެންމެން ހިމެނޭހެން ހުރިހާ ރައްޔިތުންގެ ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމާއެކު އީޖާދީ އުފެއްދުންތަކާއި މުއާސަލާތުގެ ކުރިއެރުންތަކާއި އެކު، ރާއްޖެ ކުރިއެރުމަށް މަގުފަހިކޮށްދޭނެ ގޮތަތްތައް ދެނެގަނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެފަދަ ކަންތައް ތަންފީޒުކުރުމުގައާއި، މޮނިޓާ ކޮށް އިވަލުއޭޓްކުރުމުގައި ބަލަންޖެހޭ ކަންތައް މި ޕްލޭންގައި ފާހަގަކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319