logo

ފޯމްތައް މުރާޖައާކޮށް ނުނިމޭތީ ފްލެޓް ލިސްޓް އާންމުކުރުން ފަސްކޮށްފި

profile

އައިމިނަތު ރޫޔާ - 16 ނޮވެމްބަރު 2024 - 17:15

ވިނަރެސްގެ ފްލެޓް

ވިނަރެސްގެ ފްލެޓް

"ގެދޮރުވެރިޔާ" ގެ ސްކީމްގެ ދަށުން ހުށަހަޅާފައިވާ ހުރިހާ ފޯމްތަކެއް މުރާޖައާކޮށް ނުނިމޭތީވެ، ފްލެޓް ލިސްޓް އާންމުކުރުން ފަސްކޮށްފިއެވެ.

ހައުސިން މިނިސްޓްރީއިން މީގެ ކުރިން ބުނީ މި ހަފްތާގެ ނިޔަލަށް "ގެދޮރުވެރިޔާ" ގެ ސްކީމްގެ ދަށުން ދޫކުރާ ފްލެޓް ލިސްޓް އާންމުކުރާނެ ކަމަށެވެ.

ހައުސިން މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ގެދިރުވެރިޔާގެ ސްކީމްގެ ދަށުން 20،697 ފޯމް ހުށަަހަޅާފައިވާ ކަމަށެވެ. އަދި އެ ސްކީމްގެ ދަށުން ހުށަހަޅާފައިވާ ފޯމްތައް ބެލުމުގައި ކަށަވަރުކުރަންޖެހޭ ކަންކަން ހުރުމާއި ގުޅިގެން މި މަސައްކަތްތައް ނިންމުމަށް އިތުރު ވަގުތު ބޭނުންވާތީވެ، އެސްކީމްގެ ވަގުތީ ލިސްޓާއި ރީ- އެވަލުއޭޝަންއާއި ގުޅިގެން ކުރިއަށް ގެންދެވުނު މަސައްކަތްތަކުގެ ތަފްސީލުތައް މި މަސައްކަތްތައް ނިމުނުހާ އަވަހަކަށް އަވަހަކަށް ފްލެޓް ލިސްޓް އާންމުކުރާނެ ކަމަށެވެ.

ހަމައެއާެެކު، މިނިސްޓްރީ އިން ބުނީ ފޯމްތައް މުރާޖައާކުރުމަށް އިތުރު މުއްދަތު ދިޔަކަމުގައިވިޔަސް ސަރުކާރުގެ މަގްސަދަކީ ސްކީމުން ފްލެޓް ހޯދުމަށް ހުށަހަޅާފައިވާ އެއްވެސް ފަރާތެއްގެ ހައްގެއް ގެއްލިގެން ނުދާނެކަން ކަށަވަރު ކުރުމާއެކު، ސްކީމްގެ ދަށުން ތަރައްގީކުރާ ފްލެޓްތައް ދޫކުރެވޭނީ ހައްގުވެރިންނަށްކަން ޔަގީންކުރާނެ ކަމަށެވެ.

މާލެ ސަރަހައްދުން ފްލެޓް ދޫކުރުމަށް 2022 ވަނަ އަހަރު ޖޫން މަހުގަައި ފަށާފައިވާ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން މިދިޔަ ސަރުކާރުގެ ދައުރު ހަމަވާން ގާތްވެފައިވަނިކޮށް އިއުލާންކުރި ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އެކުލަވާއިލުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް، ތުހުމަތުކޮށް، އާންމު ފަރާތްތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހަޅާފަައެވެ.

ހައުސިން މިނިސްޓްރީއިން ބުނީ އޭސީސީ އިންް މިނިސްޓްރީއަށް އަންގާފައިވާ ކަންކަން ބެލުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އެކުލަވާއިލި އެޑްވައިޒަރީ ކޮމިޓީއާއި، ހައުސިން ކޮންސަލްޓޭޓިވް ކޮމިޓީގެ ލަފާގެ މަތިން، އެ ސްކީމްގެ ދަށުން ހުށަހަޅާފައިވާ ހުރިހާ ފޯމްތަކެއް މުރާޖައާކުރުމުގެ މަސައްކަތް އެ މިނިސްޓްރީއިން ކުރިއަށް އެބަގެންދާ ކަމަަށެވެ.

https://wamco.com.mv/
tel:+9607331319