ދިވެހިރާއްޖޭގައި އަމަން އަމާންކަމާއި ސިޔާދަތު ރައްކާތެރިކުރުމާއި، ޢަދުލު އިންޞާފު ޤާއިމް ކުރުމާއި، ޤާނޫނީ އަދި ޝަރުޢީ ނިޒާމު ހަރުދަނާ ކުރުމާއި، ދައުލަތުން ކުރާ ދަޢުވާތަކާއި ދައުލަތަށް ދަޢުވާ ލިބޭ މައްސަލަ ތަކުގައި ވަކާލާތުކުރުމަށްޓަކައި ބަންޑާރަނައިބުގެ މަޤާމެއް އުފެދިފައިވާކަން ތާރީޚުން އެނގެން އޮވެއެވެ.
އެގޮތުން 1932 ވަނަ އަހަރު ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީގައި ބަންޑާރަނައިބުގެ މަޤާމަކީ ކޮބައިކަމާއި، މި މަޤާމުގައި ހުންނަވާ ބޭފުޅެއްގެ މަސްއޫލިއްޔަތާއި ވާޖިބުތައް ސާފުކޮށް ބަޔާކޮށްފައިވާއިރު 1968 ގައި "ބަންޑާރަނައިބުގެ އޮފީސް" ގެ ނަން "އެޓަރނީ ޖެނެރަލްގެ އޮފީސް" ގެ ނަމަށް ބަދަލުކޮށްފައިވެއެވެ. ހަމަ އެ އަހަރު ބަންޑާރަނައިބުގެ މަޤާމަކީ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ މަޤާމަކަށްވެ، ސަރުކާރުގެ އިދާރާތަކަށް ދޭންޖެހޭ ޤާނޫނީ ލަފާއެރުވުމަކީ އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރަންޖެހޭ މަސައްކަތްތަކެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ.
އެއަށްފަހު 2008 އޮގަސްޓް 27 ގައި ޢަމަލުކުރަންފެށުނު "ފެހި" ޤާނޫނުއަސާސީގައި، ބަންޑަރަނައިބުގެ މަޤާމަކީ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ މަޤާމެއްގެ ގޮތުގައި ހަމަޖައްސައި، ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގައި ބަންޑާރަނައިބުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވެއެވެ. ކޮންމެއަކަސް ދިގު ތާރީޚެއް އޮތް މި އޮފީހުން އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ފާއިތުވެ މިދިޔަ 365 ދުވަހު ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައެވެ.
އޭޖީ އޮފީހުން ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި 11 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވެއެވެ. އެގޮތުން އިޖްތިމާއީ ބޯހިޔާވަހިކަމުގެ ބިލު، ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދިނުމާ ބެހޭ ބިލު، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލު، ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލުގެ އިތުރުން ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު، ދައުލަތުގެ ދަރަންޏާ ބެހޭ ބިލު، ކޮޕީރައިޓާ އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އަދި އަރބަން ޑިވެލޮޕްމަންޓްގެ ބިލާ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވެސް ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ހުށަހަޅާފައިވެއެވެ.
އެ ބިލުތަކުގެ އިތުރުން ފާއިތުވި 365 ދުވަހުގެ ތެރޭގައި އިތުރު 18 ބިލު ފޮނުވާފައިވެއެވެ. އޭގެތެރެއިން ފާހަގަކޮށްލެވޭ މުހިއްމު ބައެއް ބިލްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާ ފީ ނެގުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން މުދަލާ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ، އިންޝުއަރެންސްގެ ބިލު އަދި ބިނާވެށި ޕްލޭންކުރުމާ ހިންގުމުގެ ބިލު ވެސް ފާހަގަކޮށްލެވެއެވެ.
އޭޖީ އޮފީހުން ވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް އެ އޮފީހަށް ހުށަހެޅުނު 57 ޝަކުވާގެ ތެރެއިން 30 ޝަކުވާއަށް ޖަވާބު ދީފައެ ވެ. އޭގެތެރޭގައި ބޯހިޔާވަހިކަމާ ގުޅުން ހުރި މައްސަލަތަކުގެ ޝަކުވާތަކާ، ވަޒީފާއާ ބެހޭ މައްސަލަ އަދި ޕެންޝަންގެ ހައްގާ ގުޅޭ މައްސަލަތައް އެ އޮފީހަށް ހުށަހެޅި ޖަވާބު ދެވިފައިވެއެވެ.
ފާއިތުވި 365 ދުވަހުގެ ތެރޭގައި އެ އޮފީހުން ވަނީ ބައިނަލްއަގްވާމީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކުގައި ވެސް ބައިވެރިވެފައެވެ. އެގޮތުން އިރުމަތީ ގުދުސް ހިމެނޭ ގޮތަށް، އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އަމަލުކުރަމުންދާ އިސްރާއީލުގެ ސިޔާސަތުތަކާ ހަމަތަކުން އުފެދޭ ގާނޫނީ ނަތީޖާތަކާ ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އިސްތިޝާރީ ލަފަޔަށް އެދި އދ. ގެ އާންމު މަޖިލީހުން ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު އެ ކޯޓަށް ހާޒިރުވެ ބަޔާން ދީފައެވެ.
އަދި އައިސީޖޭގައި ކުރިއަށްދާ އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް، (ދަ ގެމްބިއާ ވ. މިޔަންމާ) މައްސަލައަށް ތަދައްޚުލުވުމަށް އެދި ދިވެހިރާއްޖެއިން ހުށަހެޅި ޑިކްލެރޭޝަން އޮފް އިންޓަރވެންޝަން ބައްލަވައިގަތުމަށް އައިސީޖޭގެ ފަނޑިޔާރުންގެ އިއްތިފާގުން މި އަހަރުގެ ޖުލައި މަހުގެ ތިން ވަނަ ދުވަހު ނިންމަވާފައިވެއެވެ.
މީގެ އިތުރުން އައިސީޖޭގައި ކުރިއަށްދާ އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް އިން ދަ ގާޒާ ސްޓްރިޕް (ސައުތު އެފްރިކާ ވ. އިސްރާއީލް) މައްސަލައަށް ދިވެހިރާއްޖެއިން ތަދައްޚުލުވުމަށް މިހަރުގެ ޖެނުއަރީ 28 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމުމާއެކު އެ މައްސަލައިގައި ރާއްޖެ ތަމްސީލުކުރާނެ ބައިނަލްއަގްވާމީ ވަކީލުން އައްޔަނުކޮށް، ހުށަހަޅަންޖެހޭ ޑިކްލެރޭޝަން އޮފް އިންޓަރވެންޝަން ތައްޔާރުކޮށް މިދިޔަ އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހު އައިސީޖޭ އަށް އެ ޑިކްލެރޭޝަން އޮފް އިންޓަރވެންޝަން ވަނީ ހުށަހަޅާފައެވެ.
މިއީ އެ އޮފީހުން ފާއިތުވި އެއް އަހަރު ކޮށްފައިވާ ބައެއް މަސައްކަތްތަކުގެ ކުރު ޚުލާސާއެކެވެ. ކޮންމެއަކަސް މިވީ 365 ދުވަހުގެ ތެރޭގައި ބަންޑާރަނައިބު އަހުމަދު އުޝާމު އިސްވެ ހުންނަވާ ބައިނަލްއަގްވާމީ ކޯޓުތަކުގައި ދިވެހިރާއްޖޭގެ އަޑު މިވަނީ އިއްވާލަދީފައެވެ. އަދި ރާއްޖޭގެ ގާނޫނުއަސާސީ އިތުރަށް ހަރުދަނާ ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ވެސް ހަމައެކަނި ހުށަހެޅި ބިލުތަކަށް ބަލާލިއަސް އެނގެއެވެ.