logo

އިންތިޚާބު ކާމިޔާބު ކުރެއްވި ޓްރަމްޕަށް ރައީސް ޑރ. މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ

profile

ޝާމާ ޝުޢައިބު - 06 ނޮވެމްބަރު 2024 - 17:33

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ޑޮނަލްޑް ޓްރަމްޕަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ އެމެރިކާއާ ދިވެހިރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށެވެ. އަދި އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕަށް މަރުހަބާ ވިދާޅުވާ ކަމަށާ ޓްރަމްޕްގެ ވެރިކަމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވީ ދުނިޔޭގެ ގައުމުތަކަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޓްރަމްޕާއި އޭނާގެ ސަޕޯޓަރުން އުފާފާޅުކުރަން ފަށާފައި ވާއިރު، ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްވަނީ، ކެމްޕެއިންގައި އޭނާ އެމެރިކާގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކުގެ މަތީގައި ދެމި ހުންނަވާނޭ ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ މަތިގޭގެ މެޖޯރިޓީވެސް ލިބުނީ ރިޕަބްލިކަން ޕާޓީއަށް ކަމަށް ވަގުތީ ނަތީޖާތަކުން ދައްކައެވެ. 100 ގޮނޑި ހިމެނޭ ސެނޭޓުގެ 51 ގޮނޑި ކާމިޔާބު ކޮށްފައިވަނީ ރިޕަބްލިކަން ޕާޓީންނެވެ. މިކަމަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ރައްޔިތުން އޭނާއަށް މުހިންމު ޒިންމާތަކެއް މަތިކޮށްފި ކަމަށާއި، އެކަމަށް ޝުކުރުއަދާ ކުރާ ކަމަށެވެ.

ނައިބް ރައީސަކަށް ޓްރަމްޕް އިޚްތިޔާރު ކުރެއްވި ވެންސް ވިދާޅުވީ، މިއީ އެމެރިކާގެ ތާރީޚްގައިވެސް އައި އެންމެ ވަރުގަދަ "ސިޔާސީ އެނބުރިއައުން" ކަމަށެވެ. އަދި ހަމަ އެއާއެކު، ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ އިގްތިސާދު އަލުން ކޮޅަށް ޖަހާނޭކަމުގެ ޔަގީންކަންވެސް ވެންސް ދެއްވިއެވެ.

އެމެރިކާގެ 47 ވަނަ ރައީސްއަކަށް އިންތިޙާބުވެވަޑައިގަތް ޑޮނާލްޑް ޓްރަމްޕް ވަނީ އެ ޤައުމުގެ 45 ވަނަ ރައީސްކަންވެސް ކުރައްވާފައެވެ.

https://int.etukuri.mv/
tel:+9607331319