logo

އެމެރިކާގެ ރިޔާސީ އިންތިޚާބުން ކޮންމެ ނަތީޖާއެއް ނުކުތަސް ފިކުރު ބޮޑެއްނުވޭ: ،ހަމާސް

profile

ސައިފް އަޒުހަރު - 05 ނޮވެމްބަރު 2024 - 14:46

އެމެރިކާގެ ރިޔާސީ އިންތިޚާބުން ކޮންމެ ނަތީޖާއެއް ނުކުތަސް އެކަމާމެދު ފިކުރު ބޮޑު ނުވާކަމަށް، ފަލަސްތީނުގެ ހަމާސް ޖަމާއަތުން ބުނެފިއެވެ.

ހަމާސް ޖަމާއަތުގެ އިސް ލީޑަރެއް ކަމަށްވާ އުސާމާ ހަމްދާން މިހެން ވިދާޅުވީ، އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ބޭފުޅެއްގެ ސަބަބުން ޣައްޒާ ހަނގުރާމައަށް ކޮށްފާނެ އަސަރަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

އުސާމާ ހަމްދާން ވިދާޅުވީ، އެމެރިކާގެ ރިޔާސީ އިންތިޚާބު ކޮންމެ ބޭފުޅަކު ކާމިޔާބު ކުރެއްވި ނަމަވެސް، އެ ބޭފުޅަކު އެމެރިކާގެ ރައްޔިތުންގެ އަޑު އައްސަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އިސްރާއީލުން ފަލަސްތީނު އިސްތިއުމާރު ކޮށްގެން އޮތް އޮތުމާއި އަދި ޣައްޒާ ހަނގުރާމައާ ދެކޮޅު ހަދަމުންދާ އެމެރިކާ ރައްޔިތުންގެ އަޑު އައު ރައީސް އައްސަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 24 ކެންޑިޑޭޓުން ވާދަކުރައްވާއިރު، އޭގެ ތެރެއިން އިލެކްޓޯރަލް ކޮލެޖް ވޯޓާހަމައަށް ވަޑައިގަތުމުގެ ފުރުސަތު އޮތީ އެންމެ 4 ކެންޑިޑޭޓުންނަށެވެ. އޭގެތެރެއިންވެސް އެންމެ ވާދަވެރިކޮށް އުޅުއްވަނީ މިހާރު ވެރިކަމުގައި އޮތް ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ މިހާރުގެ ނައިބް ރައީސް ކަމަލާ ހެރިސްއާއި، އިދިކޮޅު ރިޕަބްލިކަން ޕާޓީން ވާދަކުރައްވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.

ދެ ބޭފުޅުންނަކީވެސް އިސްރާއީލުން ޣައްޒާގައި ހިންގާ އުދުވާނަށް ތާއީދުކުރައްވާ، "އަމިއްލަ ދިފާއުގައި ހަމަލާދިނުމުގެ ހައްގު" އިސްރާއީލަށް ލިބިގެންވާ ކަމަށް ގަބޫލުކުރައްވާ ދެ ބޭފުޅުންނެވެ.

ޣައްޒާ ހަނގުރާމަ ހުއްޓުވުމުގައި އެމެރިކާގެ މިހާރުގެ ސަރުކާރު ނުކުޅެދިފައި ވާއިރު، ޑޮނަލްޑް ޓްރަމްޕްވަނީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ހަނގުރާމަ ހުއްޓުވާނޭ ކަމަށް ވައުދުވެވަޑައި ގެންފައެވެ.

އުސާމާ ހަމްދާން ވިދާޅުވީ، ޣައްޒާ ހަނގުރާމަ ހުއްޓުވުމުގެ ވާހަކަތަކެއް ދައްކައި، ކުރިއެރުންތަކެއް ލިބޭކަމަށް އެމެރިކާގެ މިހާރުގެ ސަރުކާރުން ދެއްކި ދެއްކުމަކީ އިންތިޚާބަށް ކުރި ކަމެއް ކަމަށެވެ. އެއީ، އެމެރިކާގެ މުސްލިމުންގެ ވޯޓުކޮޅު ހޯދަން ކުރި ކަމެއް ކަމަށެވެ.

https://int.etukuri.mv/
tel:+9607331319