logo

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކާމިޔާބީ، ޓްރަމްޕް އިއުލާން ކުރައްވައިފި

profile

ސައިފް އަޒުހަރު - 06 ނޮވެމްބަރު 2024 - 13:17

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރެއްވި ކުރީގެ ރައީސް ޑޯނަލްޑް ޓްރަމްޕް، އިންތިޚާބުގެ ކާމިޔާބީ އިއުލާން ކުރައްވައިފިއެވެ.

ޑޮނަލްޑް ޓްރަމްޕް ކާމިޔާބީ އިއުލާން ކުރެއްވީ، އިންތިޚާބުގެ ނަތީޖާ ކަށަވަރުވެގެންދާ މުހިންމު ސްޓޭޓްތައް ކަމަށްވާ ޕެންސިލްވޭނިއާ، ނޯރތު ކެރޮލައިނާ އަދި ޖޯރޖިއާގެ ނަތީޖާ ޓްރަމްޕްގެ ކޮޅަށް އެނބުރޭނޭކަމަށް ގާތްގަނޑަކަށް ކަށަވަރުވުމާ ގުޅިގެންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޑޮނަލްޑް ޓްރަމްޕަށް މިހާރުވަނީ އިންތިޚާބު ކާމިޔާބުކުރަން ބޭނުންވާ 270 އިލެކްޓޯރަލް ވޯޓު ހަމަވެފައެވެ.

ޓްރަމްޕާއި އޭނާގެ ސަޕޯޓަރުން އުފާފާޅުކުރަން ފަށާފައި ވާއިރު، ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްވަނީ، ކެމްޕެއިންގައި އޭނާ އެމެރިކާގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކުގެ މަތީގައި ދެމި ހުންނަވާނޭ ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ މަތިގޭގެ މެޖޯރިޓީވެސް ލިބުނީ ރިޕަބްލިކަން ޕާޓީއަށް ކަމަށް ވަގުތީ ނަތީޖާތަކުން ދައްކައެވެ.

100 ގޮނޑި ހިމެނޭ ސެނޭޓުގެ 51 ގޮނޑި ކާމިޔާބު ކޮށްފައިވަނީ ރިޕަބްލިކަން ޕާޓީންނެވެ.

މިކަމަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ރައްޔިތުން އޭނާއަށް މުހިންމު ޒިންމާތަކެއް މަތިކޮށްފި ކަމަށާއި، އެކަމަށް ޝުކުރުއަދާ ކުރާ ކަމަށެވެ.

ނައިބް ރައީސަކަށް ޓްރަމްޕް އިޚްތިޔާރު ކުރެއްވި ވެންސް ވިދާޅުވީ، މިއީ އެމެރިކާގެ ތާރީޚްގައިވެސް އައި އެންމެ ވަރުގަދަ "ސިޔާސީ އެނބުރިއައުން" ކަމަށެވެ. އަދި ހަމަ އެއާއެކު، ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ އިގްތިސާދު އަލުން ކޮޅަށް ޖަހާނޭކަމުގެ ޔަގީންކަންވެސް ވެންސް ދެއްވިއެވެ.

https://wamco.com.mv/
tel:+9607331319