
ސައުދީ އަރަބިއްޔާއިން އިސްރާއީލާ ގުޅުން ގާއިމްކުރާނޭކަމުގެ ޔަގީންކަން އެބައޮތް: ޓްރަމްޕް

ސައިފް އަޒުހަރު - 25 އޭޕްރީލު 2025 - 18:33
ސައުދީ އަރަބިއްޔާއިން އިސްރާއީލާއެކު އާދައިގެ ގުޅުމެއް ގާއިމްކުރެވޭނޭ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ޓްރަމްޕް މިހެން ބުނެފައިވަނީ، ޓައިމް މެގަޒިންއަށް ދިން އިންޓަރވިއުއެއްގައެވެ.
އެމެރިކާގެ ރައީސް ބުނެފައިވަނީ، އަބްރަހަމް އެއްބަސްވުމުގެ ތެރެއިން ސައުދީ އަރަބިއްޔާއިން އިސްރާއީލާ ގުޅުން ގާއިމްކުރާނެ ކަމަށާއި، އެކަން ހަގީގަތަކަށް ވެގެންދާނެ ކަމަށެވެ.
އަބްރަހަމް އެއްބަސްވުމަކީ، ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަން ކުރި ފުރަތަމަ ދައުރު ނިމެމުން ދަނިކޮށް 2020 ވަނަ އަހަރު ޓްރަމްޕް އެކަށައެޅި އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ ދަށުން، އެމެރިކާގެ އިގްތިސާދީ އަދި އަސްކަރީ ޕެކޭޖްތަކުގެ ބަދަލަށް، މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމުތައް ކަމަށްވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް-ޔޫއޭއީއާއި، ބަހްރެއިނާއި، ސޫދާނާއި އަދި މޮރޮކޯއިން އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކުރިއެވެ.
އެ ފަހަރުވެސް، ސައުދީ އަރަބިއްޔާއާއި އިސްރާއީލާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރެވޭތޯ އެމެރިކާގެ ރައީސް ވަރަށް މަސައްކަތް ކުރިއެވެ. އެކަމުގައި ވަރަށް ގިނަ ސިއްރު ވާހަކަތައްވެސް ދެކެވުނެވެ. ނަމަވެސް، ޓްރަމްޕްގެ ވެރިކަމުގެ ދައުރު ނިމިގެން ދިޔައިރުވެސް އެކަމެއް ނުވިއެވެ.
އެއްދައުރުގެ މެދުކެނޑުމަކަށްފަހު ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމަށް އަލުން އައުމުން، މި މަސައްކަތް އަލުން ފެށޭނޭ ކަމަށް ކުރިންވެސް އޮތީ ހީކުރެވިފައެވެ.
ގުޅުން ގާއިމްކުރުމާ ގުޅޭގޮތުން ސައުދީ އަރަބިއްޔާއާއި އިސްރާއީލާ ދެމެދު ސިއްރު ވާހަކަތައް ބާއްވަމުންދާ ކަމުގެ ރިޕޯޓްތައް ފެތުރުނު ނަމަވެސް، ސައުދީ އަރަބިއްޔާއިން ކުރަމުންދާ ޑިމާންޑާހެދި އެކަމުގައި ކުރިއެރުންތަކެއް ނުލިބިގެން އުޅެނީއެވެ.
ސައުދީ އަރަބިއްޔާއިން ޑިމާންޑް ކުރަމުންދަނީ، އިރުމަތީ ގުދުސް ވެރިރަށުގެގޮތުގައި ހިމަނައިގެން ފަލަސްތީނުގެ މިނިވަން ދައުލަތް ގާއިމްކުރުމުން އިސްރާއީލާ އާދައިގެ ގުޅުމަކަށް ދާނޭ ކަމަށެވެ.
މުޖުރިމު ނަތަންޔާހޫ މިއަހަރު އެންމެ ފުރަތަމަ ވޮޝިންޓަނަށް ކުރި ދަތުރުގައި އޭނާއާ ބައްދަލުކޮށް ޓްރަމްޕް ބުނެފައިވަނީ، ސައުދީ އަރަބިއްޔާއާއި އިސްރާއީލާ ދެމެދު "ވަރަށް އަވަހަށް" ގުޅުން ގާއިމް ކުރެވޭނޭ ކަމަށާއި، އެކަމުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
އަދި އިސްރާއީލާ ގުޅުން ގާއިމްކުރުމުގެ ބަދަލަށް ފަލަސްތީނުގެ މިނިވަން ދައުލަތް ގާއިމްކުރަން ސައުދީން މިހާރު ޑިމާންޑް ނުކުރާ ކަމަށް މީޑިއާގެ ކުރިމަތީގައި ޓްރަމްޕް ބުނިވަގުތު ނަތަންޔާހޫގެ ގާތަށް އުފަލުން ހިނިވެސް އައެވެ.
ޓްރަމްޕާއި އަދި ނަތަންޔާހޫގެ ވާހަކަތަކަށް ރައްދުދީ ސައުދީ އަރަބިއްޔާއިން ފަހުން ބުނެފައިވަނީ، ފަލަސްތީނުގެ މިނިވަން ދައުލަތް ގާއިމްކުރުމުގެ ޑިމާންޑް ސައުދީން ދޫކޮށްނުލާ ކަމަށާއި، ސައުދީ އަރަބިއްޔާ އޮތީ އަދިވެސް އެގޮތުގައި ކަމަށެވެ.
އެކަމާ ރުޅިއައިސްގެން ނަތަންޔާހޫ ބުނީ، އިސްރާއީލާ ގުޅުން ގާއިމްކުރުމުގެ ޝަރުތަކަށް ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވާހަކަ ދައްކާނަމަ، ސައުދީ އަރަބިއްޔާގެ ހުސް ބިމެއްގައި ފަލަސްތީނު މީހުންނަށް ދައުލަތެއް ގާއިމްކުރަން ފެންނަ ކަމަށެވެ.
މި މައްސަލާގައި ސައުދީއާއި އިސްރާއީލާ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންނަ މަހު ސައުދީ އަރަބިއްޔާއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.
ވެރިކަމަށް އައި ފުރަތަމަ ފަހަރު ޓްރަމްޕް ގައުމުން ބޭރުން ފުރަތަމަ ދިޔައީ ސައުދީ އަރަބިއްޔާއަށެވެ. މިފަހަރުވެސް ރޭވިފައިއޮތީ އެގޮތަށެވެ. ނަމަވެސް، ކްރިސްޓިއަނުންގެ އެންމެބޮޑު ރާހިބުގެ ޖަނާޒާގައި ބައިވެރިވުމަށް އިޓަލީގެ ރޯމަށް ދިއުމަށް ހަމަޖެހުމާ ގުޅިގެން ސައުދީ ވެގެންދާނީ ޓްރަމްޕްގެ ދެވަނަ މަންޒިލަށެވެ.
ޓްރަމްޕާއި ސައުދީގެ ގުޅުން ވަރަށް ރަނގަޅެވެ. އެހެންކަމުން، ސައުދީއަށް ކުރާ ދަތުރުގައި އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކުރަން ސައުދީ އަރަބިއްޔާއަށް "ޕްރެޝަރ" ކުރާނޭ ކަމަށް ބެލެވިފައި ވެއެވެ.
މުޖުރިމު ނަތަންޔާހޫ ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާއި، ޣައްޒާއާއި މުޅި ހުޅަނގު އައްސޭރީގެ ބިންތަކަށް ވެރިވެގަތުމަށް ޒަޔަނިސްޓުން ކުރަމުންދާ މަސައްކަތާއި، ފަލަސްތީނުގެ މިނިވަން ދައުލަތް އުފެއްދިޔަ ނުދިނުމަށް ނަތަންޔާހޫ ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން، ޓްރަމްޕްގެ ވާހަކަތަކަށް ސައުދީން މާބޮޑު ސަމާލުކަމެއް ދޭނޭ ކަމަށް ނުފެންނަ ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ގުޅުން ހުރި ޙަބަރުތައް

އެމެރިކާއަށް ފިނީގެ ތޫފާނެއް، 16 މީހުން މަރުވެއްޖެ
2 އަހަރު ކުރިން

އެމެރިކާ އާއި ޗައިނާގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ދެ ޤައުމު ދެމެދުގައި މަޝްވަރާކޮށްފި
2 އަހަރު ކުރިން

އެމެރިކާ އާއެކު ނިއުކްލިޔާ މަސައްކަތްތައް ކުރުމަށް މަޝްވަރާ ކުރެވިއްޖެ- ދެކުނު ކޮރެއާ
2 އަހަރު ކުރިން

އެމެރިކާގެ ވައިގެ ސަރަހައްދުން ދަތުރުކުރި "ގޮތް ނޭނގޭ އެއްޗެއް" ވައްޓާލައިފި
2 އަހަރު ކުރިން