logo
މަސްތުވާތަކެތި ނައްތާލާ މަންޒަރުފެންނަ ފޮޓޯއެއް

މަސްތުވާތަކެތި ނައްތާލާ މަންޒަރުފެންނަ ފޮޓޯއެއް

ވޭތުވެދިޔަ 3 އަހަރު ތެރޭ 1.4 ބިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފައިވޭ: ހޯމް މިނިސްޓްރީ

profile

އާމިނަތު ޝަޒްލާ - 19 ނޮވެމްބަރު 2026 - 12:21

ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުނު އަދި އެތެރެކޮށްފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ހާއްސަ އޮޕަރޭޝަންތަކުގައި އަތުލައިގެންފައިވާ އިރު، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 1.4 ބިލިއަން ރުފިޔާއަށް ވުރެ އަގުހުރި މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ހާމަކޮށްފިއެވެ.

https://wamco.com.mv/

ހޯމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި ޖުމްލަ 1،327 ކިލޯގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އަދި މީގެ އިތުރުން ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި 16،852 ބަނގުރާ ފުޅި ވެސް ވަނީ އެކި އޮޕަރޭޝަންތަކުގައި އަތުލައިގެންފައެވެ. މި ތަކެތީގެ މަގުމަތީ އަގު 1.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ރަސްމީ ހިސާބުތަކުން ދައްކައެވެ.

View post on Twitter

ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދާ ނެޓްވޯކްތައް ނައްތާލުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ޑްރަގާ ދެކޮޅަށް ހާއްސަ 508 އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ. ކަނޑުމަގުންނާއި ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށާއި، ރަށްރަށުގައި މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް މި އޮޕަރޭޝަންތަކުގެ ދަށުން ވަނީ އަޅާފައެވެ.

މީގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ މީހުން ހޯދައި، އެމީހުންގެ މާލީ މުއާމަލާތްތައް ތަހުގީގު ކުރުމަށް ވެސް ހާއްސަ އިސްކަމެއް ވަނީ ދީފައެވެ. އެގޮތުން މަސްތުވާތަކެއްޗާ ގުޅުންހުރި މާލީ ކުށްތަކާއި މަނީ ލޯންޑަރިންގެ 23 މައްސަލައެއްގެ ތަހުގީގު މި މުއްދަތުގައި ވަނީ ހިންގާފައެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ އަދި އެފަދަ އަމަލުތައް ހިންގަމުންދިޔަ 11 ތަނެއް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ބަންދުކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ދިވެހިރާއްޖޭގައި އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސްތުވާތަކެތީގެ ވަބާއެވެ. ޒުވާން ޖީލު މި ނުރައްކާތެރި ވަބާއިން ސަލާމަތްކޮށް، ގައުމުގެ އަމާންކަން ގާއިމުކުރުމަށްޓަކައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެތި ނެޓްވޯކްތައް އަތުލައިގަތުމަކީ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް މަސައްކަތެވެ. ހޯމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށާއި އޭގެ ސަބަބުން ގައުމުގެ އިގްތިސާދަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުން މިހާތަނަށް ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކުރިއެރުންތަކެއް ހޯދިފައެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މި މަސައްކަތުގައި ކަމާބެހޭ އެންމެހައި މުއައްސަސާތައް ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާރަވެރިކަން ވަރުގަދަކޮށް، ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އޮޕަރޭޝަންތައް އިތުރަށް ވަރުގަދަކުރާނެ ކަމަށް ސަލާމަތީ ބާރުތަކުން ބުނެއެވެ.

https://wamco.com.mv/
tel:+9607331319