logo
ބަހްރައިން، ފޮޓޯ: ގަލްފް ޓައިމްސް

ބަހްރައިން، ފޮޓޯ: ގަލްފް ޓައިމްސް

އީރާނުން ބަހްރައިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފި

profile

އާމިނަތު ޝަޒްލާ - 15 ނޮވެމްބަރު 2026 - 11:48

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބަހްރައިންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް އިޢުލާންކުރުމާ ގުޅިގެން، ބަހްރައިންގެ އެކި ސަރަހައްދުތަކުގައި ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވި، ނުރައްކަލުގެ ރަނގަބީލު އަޅަން ފަށައިފި ކަމަށް ގަލްފަ ޓައިމްސްއިން ބުނެފިއެވެ.

https://wamco.com.mv/

އޭއެފްޕީގެ ނޫސްވެރިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަމަލާތަކާ ގުޅިގެން މުޅި ސަރަހައްދުގައި ނުރައްކަލުގެ އިންޒާރުދޭ ސައިރަންގެ އަޑު ގުގުމައިގެން ދިޔައެވެ. ބަހްރައިންގެ އިންޓީރިއާ މިނިސްޓްރީން ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް މެދުވެރިކޮށް، އާންމުން ހާސްނުވުމަށާއި، އެންމެ ގާތުގައި ހުރި ރައްކާތެރި ތަނަކަށް ވަނުމަށް އަންގާފައެވެ. އަދި ރަސްމީ ވަސީލަތްތަކުން ލިބޭ މައުލޫމާތަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ނަމަވެސް، އެ އިންޒާރުތައް ނެރުނު ވަގުތު އެއީ ކޮން ފަރާތަކުން އައި ނުރައްކަލެއްކަން ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ހަވާލާދީ ޚަބަރު ފަތުރާފައިވާ ގޮތުގައި، އާދިއްތަ ދުވަހުގެ ފަތިހު 4:00 ހާއިރު ބާރުގަދަ ގޮވުންތަކެއްގެ އަޑު ވަނީ އިވިފައެވެ. އަދި އޭގެ ފަހުން ހެނދުނު 6:30 ހާއިރު ވެސް ދެވަނަ ފަހަރަށް ގޮވުންތަކުގެ އަޑު ވަނީ އިވިގެން ގޮސްފައެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ގައުމުގެ ރިވޮލިއުޝަނަރީ ގާޑުން ބަހްރައިންގެ އަލް-ރިފާ ހެލިކޮޕްޓަރު ބޭހުގައި ހުރި އެމެރިކާގެ ވައިގެ ދިފާއީ ރާޑަރު ސިސްޓަމަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އެ ހަމަލާ ދީފައިވަނީ އީރާނުގެ އޭރޯސްޕޭސް ފޯސްގެ ހަ ޑްރޯން ބޭނުންކޮށްގެން ކަމަށް އެ ގައުމުން ބުނެއެވެ.

މީގެއިތުރުން، އެ ބަޔާނުގައި އީރާނުން އިންޒާރު ދެމުން ބުނެފައިވަނީ، ހޯރްމުޒް ކަނޑުއޮޅި މިހާރު ވަނީ އެއްކޮށް ބަންދުކުރެވިފައި ކަމަށާއި، އެމެރިކާގެ ފަރާތުން ކުރިމަތިވާ ކޮންމެ ހަމަލާއަކަށް، އެއަށްވުރެ މާ ވަރުގަދަ އަދި ހަރުކަށި ރައްދެއް ދެވޭނެ ކަމަށެވެ. މި ހަނގުރާމައިގެ ވޭތުވެދިޔަ އަށް މަސް ދުވަހުގެ ތެރޭގައި، ދުނިޔޭގެ ތެޔޮ އުފުލާ މައިމަގު ކަމަށްވާ ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައެވެ. އަދި އެ ސަރަހައްދުގެ އެއާޕޯޓްތަކަށާއި، ބަނދަރުތަކާއި، ހަކަތަ އުފައްދާ މަރުކަޒުތަކުގެ އިތުރުން އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް ވެސް އީރާނުން ވަނީ އަމާޒުކޮށްފައެވެ.

އެމެރިކާގެ ކަނޑުގެ ސިފައިންގެ ބޮޑު މަރުކަޒެއް ހުންނަ ބަހްރޭނަކީ، ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން ކުއްލި ގޮތަކަށް އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ފެށުނު ހަނގުރާމައިގައި، އީރާނުގެ ހަމަލާތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވި ޚަލީޖުގެ އެއް ގައުމެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބަހްރޭންގައި ހުރި އެމެރިކާގެ ރޭޑާ ނިޒާމަށް ހުކުރު ދުވަހު ހަމަލާދިން ކަމަށް ބުނި ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވަނީ ބަހްރޭނަށް އަމާޒުކޮށް އީރާނުން ފޮނުވާލި ދެ ޑްރޯން ވައިގެ ތެރޭގައި ވައްޓާލާފައިވާ ކަމަށެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ކަށަވަރުކޮށްދިން ގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ އެއްވެސް ތަނަކަށް މާއްދީ ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މި ސަރަހައްދުގެ އެމެރިކާގެ އަސްކަރީ ކަންކަން ބަލަހައްޓާ ސެންޓްކޮމްއިން ހާމަކޮށްފައިވާ ގޮތުގައި، ހަކަތައިގެ ވިޔަފާރީގެ މައިމަގު ކަމަށްވާ ހޯރްމުޒް ކަނޑުއޮޅި މެދުވެރިކޮށް، މިދިޔަ ހޫނު މޫސުމުން ފެށިގެން މިހާތަނަށް 1.5 ބިލިއަން ފީފާ ތެޔޮ ރައްކާތެރިކަމާއެކު ބޭރުކުރުމުގައި ޚަލީޖުގެ ގައުމުތަކަށް އެމެރިކާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

https://wamco.com.mv/
tel:+9607331319