logo
ބްރާގާގެ އެސްޓާޑިއޯ މުނިސިޕަލްގައި ކުޅުނު މެޗުގެ ތެރެއިން

ބްރާގާގެ އެސްޓާޑިއޯ މުނިސިޕަލްގައި ކުޅުނު މެޗުގެ ތެރެއިން

4-1 ގެ ބޮޑު ނަތީޖާއަކުން ޕޯޗުގަލް ބަލިކޮށް، ޑެންމާކުން ހައިރާންކުރުވަނިވި މޮޅެއް ހޯދައިފި

profile

އާމިނަތު ޝަޒްލާ - 15 ނޮވެމްބަރު 2026 - 13:18

ހުކުރު ދުވަހުގެ ރޭ ބްރާގާގެ އެސްޓާޑިއޯ މުނިސިޕަލްގައި ކުޅުނު މެޗުގައި ޑެންމާކުން މޮޅު ކުޅުމެއް ދައްކައި، 4-1 ގެ ނަތީޖާއަކުން ޕޯޗުގަލް ބަލިކޮށްފިއެވެ.

https://wamco.com.mv/

މިއީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔަރ ކުރިކަން އިއުލާނުކުރި ފަހުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗަށް ވުމުން، މިއީ އެ ގައުމަށް ވަރަށް ހާއްސަ މެޗެކެވެ.

މެޗު ފެށުމުގެ ކުރިން ޕޯޗުގަލްގެ ކުޅުންތެރިން ވަނީ އެ ޓީމުގެ ކުރީގެ ކެޕްޓަނަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އޭނާގެ ނަމާއި ހަތެއް ނަންބަރު ޖަހާފައިވާ ޖާޒީތަކެއް ލައިފައެވެ. މީގެ އިތުރުން، ދަނޑަށް ހާޒިރުވި ސަޕޯޓަރުން ވެސް ވަނީ ފުޓްބޯޅައިގެ މި ލެޖެންޑަށް ނިސްބަތްކޮށް ތަފާތު ޝުއޫރުތައް ފާޅުކޮށްފައެވެ.

ނަމަވެސް، މި އަސަރުގަދަ މުނާސަބަތު ނިމިގެންދިޔައީ އެ ގައުމުގެ ސަޕޯޓަރުން މާޔޫސްކޮށްލަމުންނެވެ.

މެޗުގެ ކުރީކޮޅު ޕޯޗުގަލްއިން ވަރުގަދަ ކުޅުމެއް ދެއްކި ނަމަވެސް، މަޑުމަޑުން ޑެންމާކުން ވަނީ އެޓޭކްތައް ވަރުގަދަކޮށް ޕްރެޝަރު ބޮޑުކޮށްފައެވެ.

ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް، 43 ވަނަ މިނެޓުގައި ޕިއޭ-އެމީލް ހޮއިބިއާ ކާމިޔާބުކުރި ޕެނަލްޓީއަކުން ޑެންމާކުން ވަނީ ލީޑު ނަގައިފައެވެ. މިއީ ޕޯޗުގަލްގެ ޑިފެންޑަރު ރޫބެން ޑިއާޒް އަތުގައި ބޯޅަ ޖެހުމާ ގުޅިގެން ވީ.އޭ.އާރް ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ.

ދެވަނަ ހާފު ފަށައިގެން ވެސް ޑެންމާކުން ވަނީ އެ ޓީމުގެ މޮޅު ކުޅުން ކުރިއަށް ގެންގޮސްފައެވެ.

ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި، މިކެލް ޑަމްސްގާޑް ހުރަސްކޮށްދިން ބޯޅައަކުން ރަސްމަސް ހޮއިލުންޑް ވަނީ ލަނޑެއް ޖަހައި ޑެންމާކުގެ ލީޑު ފުޅާކޮށްދީފައެވެ.

އަދި 57 ވަނަ މިނެޓުގައި ހޮއިލުންޑް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، ޑެންމާކަށް ތިން ލަނޑުގެ ލީޑެއް ހޯދައިދީފައެވެ. މި ލަނޑަކީ ޕޯޗުގަލްގެ ކީޕަރު ޑިއޯގޯ ކޯސްޓާއަށް އެއްވެސް ފުރުސަތެއް ނުދީ، އޭނާ ފޮނުވާލި ބާރު ހަމަލާއެކެވެ.

ޑެންމާކުގެ އެޓޭކްތައް ހުއްޓުމެއްނެތި ކުރިއަށްދިޔައިރު، 75 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ބޯޅަ ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޑިފެންޑަރު ޔަކީމް އެންޑަސަން ވަނީ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބެނާޑޯ ސިލްވާ ޕޯޗުގަލްއަށް ލަނޑެއް ކާމިޔާބުކޮށްދިން ނަމަވެސް، އެއީ މެޗުގެ ނަތީޖާއަށް ބަދަލެއް ގެނެވޭވަރުގެ ލަނޑަކަށް ނުވިއެވެ.

މެޗު ނިމުނުއިރު 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޑެންމާކު ވަނީ މޮޅުވެފައެވެ.

މި މެޗުން ބަލިވި ނަމަވެސް، 12 ޕޮއިންޓާއެކު ގްރޫޕް އޭ4 ގެ އެއްވަނައިގައި އަދިވެސް އޮތީ ޕޯޗުގަލްއެވެ. އެ ޓީމުން ވަނީ މީގެ ކުރިން ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކޮށްފައެވެ.

ޑެންމާކު ވަނީ ލިބުނު ނުވަ ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް ޖެހިލައި، މުބާރާތުގެ ކުރިއަށް އޮތް ބުރަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފައެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގައި ޑެންމާކު ނުކުންނާނީ ނޯވޭއާ ދެކޮޅަށެވެ. އަދި ޕޯޗުގަލް ބައްދަލުކުރާނީ ވޭލްސްއާއެވެ.

މި ނަތީޖާއަކީ ޑެންމާކަށް ލިބުނު މުހިންމު ކާމިޔާބީއެއް ނަމަވެސް، މިއީ ރޮނާލްޑޯއާ ނުލައި ޕޯޗުގަލްއިން ފެށި އާ ދައުރުގެ މާޔޫސީ ފެށުމެކެވެ.

https://wamco.com.mv/
tel:+9607331319