logo

ފެނިގެންދަނީ ނަމޫނާ މަޖިލީހެއް!

profile

އާމިނަތު ޝަފާ - 23 އޯގަސްޓު 2024 - 17:36

ރައްޔިތުންގެ މަޖިލީހުގެ ތަޅުން --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ތަޅުން --- ފޮޓޯ: މަޖިލިސް

20 ވަނަ ރައްޔިތުންގެ މަޖިލިސް މިއަދުން ފެށިގެން އޮންނާނީ ޗުއްޓީގައެވެ. 20 ވަނަ މަޖިލީހުގެ ފުރަތަމަ ޗުއްޓީ ފެށުނުއިރު ކުރެވުނު މަސައްކަތްތަކަށް ބަލާލަންޖެހެވެ.

ސަރުކާރު ވެރިކަމާ ހަވާލުވީ 19 ވަނަ މަޖިލީހުގެ ދައުރުގެ ތެރޭގައި ނަމަވެސް އިދިކޮޅު ފަރާތްތައް ކޮންޓްރޯލްކުރި އެ މަޖިލީހުގެ ތެެރެއިން ސަރުކާރުން ބޭނުންވާ ކަންކަން ކުރުމަށް އޮތީ ހުރަސްއެޅިފައެވެ. އެއާއެކު 20 ވަނަ މަޖިލިސް ސަރުކާރަށް އޮތީ މުހިންމުވެފައެވެ.

20 މަޖިލީހުގައި ސަރުކާރަށް ލިބުނު 75 މެމްބަރުންގެ ސުޕަމެޖޯރިޓީއާއެކު ސަރުކާރުން ކުރަންޖެހޭ ކަންކަން ވަނީ އިތުރުވެފައެވެ.

މަޖިލީހުގެ ފުރަތަމަ ދައުރު ނިންމާލައި ޗުއްޓީއަށް ދިޔައީ މަސައްކަތުގެ 82.9 އިންސައްތަ ނިންމާފައެވެ.

މަޖިލީހުގެ އިދާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މި ދައުރު ޖުމްލަ 23 ބިލެއް މަޖިލީހަށް ހުށަހެޅުނުއިރު އޭގެ ތެރެއިން 11 ބިލުގެ މަސައްކަތްވަނީ ނިންމާލާފައެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަސް އިސްލާހު ހުށަހެޅުމުގެ ބިލާއި އަރބަން ޑިވެލޮޕްމަންޓްގެ ބިލާއި ދައުލަތުގެ ދަރަންޏާ ބެހޭ ބިލުގެ އިތުރުން ސޮވްރިން ޑިވެލޮޕްމަންޓުގެ ބިލާއި އިމިގްރޭޝަނުގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލު ހިމެނޭހެން ސަރުކާރުގެ ފަރާތުންވަނީ މުހިންމު ބިލުތަކެއް ވަނީ ހުށަހެޅިފައެވެ.

މި ބިލުތަކުގެ ތެރޭގައި ހައްލު ނުވެ އޮތް ގައުމީ ބޮޑެތި މައްސަލަތަކާ ގުޅޭ ބިލުތައް ހިމެނެއެވެ. އެގޮތުން ސަރުކާރު ވެރިކަމާ ހަވާލުވީއިރު ދައުލަތް ދަރުވާލާފައިއޮތް މިންވަރަށް ބަލައި ހުށަހެޅިގެން ދިޔަ ދަރަންޏާ ބެހޭ ބިލުގައި ދަރަންޏަށް ޒިންމާދާރުކުރުވުމާއި ދައުލަތުގެ ދަރަންޏާ ބެހޭ ބިލުގައި ދައުލަތުގެ ދަރަނި ނެގުމާ ބެހޭ އުސޫލުތަކާއި ދަރަނި މެނޭޖް ކުރުމާ ބެހޭ އުސޫލުތަކާއި ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކުން ނަގާ ދަރަންޏަށް ދައުލަތުގެ ސޮވިރިން ގެރެންޓި ދިނުމާ ބެހޭ އުސޫލުތަކާއި ދައުލަތުގެ ދަރަންޏާ ބެހޭ މައުލޫމާތު ހާމަކުރުމާއި ރިޕޯޓް ކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރެވިފައިވެއެވެ.

މީގެ އިތުރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހުށަހެޅިގެންދިޔަ އިމިގްރޭޝަނުގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލު ފާހަގަކޮށްލެވެއެވެ.

މަޖިލީހުން މި ދައުރުގައި ފާސްކޮށްފައިވާ މުހިންމު ބިލުތަކަށް ބަލާއިރު ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، މާލީ ސެކިއުރިޓީ އާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެއެވެ.

މި ދައުރަށް ސަރުކާރުގެ ފަރާތުން 9 މައްސަލަ ހުށަހަޅާފައިވާއިރު ރިޔާސަތުން 13 މައްސަލައެއްވަނީ ހުށަހަޅާފައެވެ. މި ހުރިހާ މަސައްކަތް ނިންމާފައިވާއިރު މި ދައުރަށް ހުށަހެޅި 12 މައްސަލަވެސް ވަނީ ނިންމާފައެވެ. 9 ކުއްލި މައްސަލައެއް ހުށަހެޅުނުއިރު މި ހުރިހާ މައްސަލަތަކެއްވެސް ވަނީ ނިންމާފައެވެ.

މި ދައުރުގައި ޖުމްލަ 33 ޖަލްސާއެއް ބާއްވާފައިވާއިރު މުޅި ޖުމްލަ 76 މަސައްކަތުގެ ތެރެއިން 63 މަސައްކަތް ވަނީ ނިންމާލާފައެވެ.

މިއަދު ހަނދާނަށް އަންނަނީ މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެއްކެވި ވާހަކަފުޅެވެ. މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެން ފުރަތަމަވެސް އަބްދުއްރަހީމް ވިދާޅުވީ ދާއިރާތަކުގެ ރައްޔިތުންގެ ތާއިދު ހޯއްދަވައިގެން މެމްބަރުން މަޖިލީހަށް ވަޑައިގެންނެވީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ކަމަށާއި މަޖިލީހަކީ ގައުމީ ބަހުސްތައް ހިނގާނެ ތަންކަމަށެވެ. ކޮނޑުގައި އެޅުނީ ބޮޑު މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތަކުގަ އާއި ބަހުސްތަކުގައި ތަފާތު ހިޔާލާއި ވިސްނުމަށް ފުރުސަތު ލިބެންވާނެ ކަމަށެވެ. އެހެންނަމަވެސް އެކަންކަން ހިނގާންވާނީ މަޖިލީހުގެ ކަރާމާތާއި ގަދަރުހިފެހެއްޓޭ ގޮތަށްކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ. 19 ވަނަ މަޖިލީހާ ހިލާފަށް މަޖިލިސް މެމްބަރުންގެ އަގު ހިފަހައްޓުވާނެ އަހުލާގީ ގޮތުން ރަނގަޅު މަޖިލީހަކަށް މި މަޖިލިސް ވެގެންދާނެކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ކޮންމެއަކަސް 19 ވަނަ މަޖިލީހާ ހިލާފަށް 20 ވަނަ މަޖިލިސް އަދި ފެނިގެންމިދަނި ނަމޫނާ މަޖިލީހެއްގެ ގޮތުގައެވެ.

tel:+9607331319