logo

ޕީޖީ ކަމަށް އައްޔަނުކުރަން ރައީސް ހުށަހެޅުއްވި އައްބާސް އަކީ ކާކު؟

profile

މަރްޔަމް އުމްނާ އިސްމާޢީލް - 16 ސެޕްޓެމްބަރު 2024 - 12:27

ރައީސް އޮފީހުގެ ލީގަލް ސެކެޓްރީ އައްބާސް ޝަރީފް (ފޮޓޯ/މިހާރު ނޫސް)

ރައީސް އޮފީހުގެ ލީގަލް ސެކެޓްރީ އައްބާސް ޝަރީފް (ފޮޓޯ/މިހާރު ނޫސް)

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމު އުފެދުނީއްސުރެ އެއްވެސް ބޭފުޅަކަށް އެ މަގާމުގެ ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރެއްވިފައެއް ނުވެ އެވެ. އެ މަގާމަށް މިހާތަނަށް އައްޔަނުކުރެވުނު 4 ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކު މަގާމުން ވަކިކުރުމުގެ ކުރިން އިސްތިއުފާދެއްވި އެވެ. އަނެއް ދެ ބޭފުޅުން މަޖިލީހުން ވަކިކުރީ އެވެ.

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ޕީޖީ ކަމަށް އައްޔަނުކުރި ހުސެއިން ޝަމީމް މަގާމުން ވަކިކުރީ، ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހެއް އިންތިހާބުވި ފަހުން މިދިޔަ މަހުގެ 22 ގަ އެވެ. ޕީޖީގެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަނުކުރަން ޖެހޭ ކަމަށް ގާނޫނުގައި އޮތް ނަމަވެސް، އޭގެ މާކުރިން އެ މަސައްކަތް ފަށައިފި އެވެ. މަޖިލީސް ޗުއްޓީގައި އޮތް ނަމަވެސް މިކަމަށްޓަކައި ހާއްސަކޮށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި، އެ މަގާމަށް އައްޔަނުކުރަން ރައީސަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަން ވަނީ ހުށަހަޅުއްވާފަ އެވެ. އެއީ ރައީސް އޮފީހުގެ ލީގަލް ސެކެޓްރީ އައްބާސް ޝަރީފް ނަން ފުޅެވެ.

އައްބާސް ޝަރީފަކީ ރާއްޖޭގެ ޝަރުއީ ދާއިރާއަށާއި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މަތީ ތައުލީމު ހާސިލުކުރެއްވީ ގާނޫނީ ދާއިރާއިން ނެވެ.

އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ޓެސްމޭނިއާއިން 2000 ވަނަ އަހަރު ބެޗްލަރ އޮފް ލޯ ޙާސިލުކުރައްވައިގެން ހުންނެވި އައްބާސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެސިސްޓެންޓް ލީގަލް އޮފިސަރުކަމާއި، ލީގަލް އޮފިސަރުކަމާއި އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްގެ މަގާމު ފުރުއްވާފަ އެވެ. ޖުޑީޝަލް ސާވިސް ސާވިސް ކޮމިޝަނަށް ރައިސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރުކަމުގެ މަގާމުވެސް ފުރުއްވިއިރު އޭނާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެޕީލްސް ކޮމިޓީގެ ނާއިބު ރައީސްކަން ވެސް ކުރެއްވި އެވެ.

ހައި ކޯޓުގެ ފަނޑިޔާރަކަށް އައްބާސް އައްޔަނުކުރީ 2011 ވަނަ އަހަރު އެވެ. ފަނޑިޔާރަކަށް އައްޔަނުކުރުމުގެ ކުރިން އެބޭފުޅާ މަޝްހޫރުވެފައި ވަނީ ކުޅަދާނަ ވަކީލެއްގެ ގޮތުގަ އެވެ. ރާއްޖޭގެ ހުރިހާ މަރުހަލާއެއްގެ ޝަރުއީ ކޯޓުތަކުގައި ވަކަލާތު ކުރެއްވި އައްބާސް ވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމުގެ ވަކީލުކަން ވެސް ކުރައްވާފަ އެވެ.

އެގޮތުން، 2015 ވަނަ އަހަރު ފަނޑިޔާރުކަމުން ރިޓަޔަރ ކުރެއްވުމަށްފަހު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަބުރުފުޅާ އެމްޑީޕީން ބެހުނު މައްސަލައެއްގައި އެމަނިކުފާނުގެ ވަކީލެއްގެ ގޮތުގައި އުޅުއްވި އައްބާސް ވަނީ، 2018 ގެ ރިޔާސީ އިންތިހާބު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަކާލާތުކުރައްވާފަ އެވެ.

މި ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޮތީ ސަރުކާރުގެ ސުޕަމެޖޯރިޓީ ކަމަށްވާއިރު، މި މަގާމަށް އަންނާނެ ކަމަށް އެންމެ ބޮޑަށް ޔަގީންކުރެވޭ ފަރާތަކީ އައްބާސް އެވެ. މިހާތަނަށް އެ މަގާމަށް އައްޔަނުކުރެވުނު އެއްވެސް ބޭފުޅަކަށް ދައުރު ފުރިހަމަކުރެވިފައިނުވާއިރު، އުފެދިފައިވާ ސުވާލަކީ އައްބާސް ވެގެންދާނީ ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރައްވާ ފުރަތަމަ ޕީޖީއަށް ތޯ އެވެ.؟

tel:+9607331319