
މިނިސްޓްރީ އޮފް ފިނޭންސް ހިންގާ އިމާރާތް
ކުންފުނިތަކުގެ ބޯޑަށް މެމްބަރުން އައްޔަނުކުރެވޭ މުއްދަތު ކުރުކުރަން ހުށަހަޅައިފި

މަރްޔަމް އުމްނާ އިސްމާޢީލް - 12 ސެޕްޓެމްބަރު 2024 - 12:39
ކުންފުނިތަކުގެ ބޯޑަށް މެނޭޖިން ޑިރެކްޓަރާއި ޑިރެކްޓަރުން އައްޔަނުކުރުމަށް ކުންފުނީގެ ގާނޫނުގައި ބުނެފައިވާ މުއްދަތުތައް ކުރުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރު ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިޔުން އިއްވީ ރޭ ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ. ބިލުގެ ބަހުސް، އަންނަ ބުދަ ދުވަހު ދައުރުން ބޭރުން ބާއްވާ ޖަލްސާގައި ކުރެވޭނެއެވެ.
ކުންފުނީގެ ގާނޫނު މިހާރު އޮންނަ ގޮތުން ގާނޫނެއްގައި ނުވަތަ ގަރާރެއްގައި ކުންފުންޏެއްގައި މަދުވެގެން ތިބެންޖެހޭ ޑިރެކްޓަރުންގެ އަދަދު ބަޔާންކުރެވޭނެ ކަމަށް އޮވެއެވެ. އެހެންނަމަވެސް ބިލުގައި ހުށަހަޅާފައިވަނީ ގާނޫނެއްގައި، ގަވާއިދެއްގައި ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގައި ވެސް އެ ކުންފުންޏެއްގައި މަދުވެގެން ތިބެންޖެހޭ ޑިރެކްޓަރުންގެ އަދަދު އިތުރުކުރެވިދާނެ ކަމަށެވެ.
ކުންފުނީގެ ގާނޫނުގައި ބުނެފައިވާ ގޮތުން:
- ކޮންމެ ޕްރައިވެޓް ކުންފުންޏެއްގައި ހުރިހާ ވަގުތެއްގައި މަދުވެގެން 1 ޑިރެކްޓަރަކު ހުންނަން ޖެހޭ
- ކޮންމެ ޕަބްލިކް ކުންފުންޏެއްގައި މަދުވެގެން 2 ޑިރެކްޓަރުން ތިބެންޖެހޭ
- ކޮންމެ ސަރުކާރުގެ ކުންފުންޏަކާއި ލޯކަލް އޮތޯރިޓީ ކުންފުންޏެއްގައި މަދުވެގެން 3 ޑިރެކްޓަރުން ތިބެންޖެހޭ
މީގެއިތުރުން، އެއްވެސް ކުންފުންޏެއްގައި އެއްވެސް ވަގުތެއްގައި ގާނޫނުގައި ބުނާ އަދަދަށް ޑިރެކްޓަރުން ނެތްނަމަ، ގާނޫނުގައި ބުނާ އަދަދަށް ޑިރެކްޓަރުން އައްޔަނުކުރުމަށް ކުންފުންޏަށް އެންގުމުގެ ބާރު ރެޖިސްޓްރާއަށް އޮންނައިރު، އެފަދަ އެންގުމެއް އަންގާތާ 10 ދުވަހުގެ ތެރޭގައި އެ އަދަދަށް ޑިރެކްޓަރުން އައްޔަނުކޮށް ރެޖިސްޓްރާއަށް ހުށަހަޅަން ޖެހޭނެ ކަމަށް ބިލުގައި ވެއެވެ. ގާނޫނުގައި މިހާރު އެކަމަށް 30 ދުވަހުގެ މުއްދަތެއް ދެއެވެ.
މެނޭޖިން ޑިރެކްޓަރެއް ނެތް ކުންފުންޏަކަށް އެ މަގާމަށް މީހަކު އައްޔަނުކުރަން ރެޖިސްޓްރާ އަންގައިފިނަމަ، 10 ދުވަސް ތެރޭގައި އެ މަގާމަށް މީހަކު އައްޔަނުކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައި ވެއެވެ. ގާނޫނުގައި މިހާރު އެކަމަށް ވެސް 30 ދުވަހުގެ މުއްދަތެއް ލިބެ އެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން