logo

ޢިއްޒަތްތެރި މެމްބަރަށް: ތެޅުނު ވަރަކަށް ފައިބާނީ ހުޅުނބުކަން ދަންނައްޗޭ!

profile

ޒިދާން މުޙައްމަދު - 12 ސެޕްޓެމްބަރު 2024 - 18:14

މިއަދު މެންދުރުފަހު 1:00 އަށް "އަސްލު" ނޫހުގެ ވެރިން މޯލްޑިވްސް މީޑިއާ ކައުންސިލަށް ހާޒިރުކުރީ އަމިއްލަ ފަރުދަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެން ސުވާލު ކުރުމަށެވެ. މީޑިއާތައް ރެގިއުލޭޓްކުރުމުގެ ޒިންމާ މަތިކޮށްފައިވާ، ނޫސްމަޖައްލާތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް މައްސަލަ ހުށަހެޅުމަކީ ޤާނޫނީގޮތުން ކޮންމެ މީހަކަށްމެ ލިބިދީފައިވާ ހައްގެކެވެ. އަދި އެ މައްސަލައެއް ބެލުމަކީ މީޑިއާ ކައުންސިލުން ކުރަންޖެހޭ ކަމެކެވެ.

އަސްލު ނޫހުގެ ވެރިޔާ އަބްދުالله އަހުމަދާއި އެޑިޓަރ އިން ޗީފް މީޑިއާ ކައުންސިލަށް ހާޒިރުކުރީ "ގދ. ތިނަދުއަށް ގެނައި ދެ ސިހުރުވެރިން ހޯދަނީ!" މިސުރުޚީގައި ޝާއިއުކުރި ޚަބަރަކާއި "ސިހުރުވެރިންކަމަށް ބުނާ ދެ މީހުންގެ ޓިކެޓް ނަގައިދިނީ ކާކުތަ؟" މިސުރުޚީގައި އަސްލު ނޫހުން ރިޕޯޓުކުރި ޚަބަރަކާއި ގުޅިގެން މީހަކު މޭކަރައިގެން ކުރި ޝަކުވާއަކާ ހެދިއެވެ.

މީޑިއާ ކައުންސިލަށް ހުށަހަޅާ މައްސަލަތައް ތިން އެ މައްސަލައެއް ހުށަހަޅާތާ ތިންމަސްދުވަހުގެ ތެރޭގައި ބަލަން ފަށަންޖެހޭނެ ކަމަށް ޤާނޫނުގައި ބުނި ނަމަވެސް 18 އަދި 23 ޖުލައި 2023 ލިޔުނު ޚަބަރުގެ މައްސަލައިގައި ސުވާލުކުރަން ގެންދިޔައީ މިއަދުއެވެ. މިޝަކުވާއެއް މީޑިއާ ކައުންސިލްގައި އުފުލީ، މީޑިއާތައް ގޮވައިގެން އެ ކައުންސިލަށް ދިއުމަށް ވަރަށް ފަރިތަ ބޭފުޅެކެވެ. އިއްޒަތްތެރި މެމްބަރެކެވެ. މިވަރަށް ބުނީމާ ދެން ނޭނގޭނެ ހަމަ އެކަކުވެސް ނޫޅޭނެއެވެ. ނަން ނުބުނެ، ކަން ބުނެލިޔަސް އެނގޭހާ އެބޭފުޅާ މިކަމަށް ފަރިތަވީމައެވެ.

އަސްލުން ރިޕޯޓުކުރި ޚަބަރުތަކުގެ ޚުލާސާއެކެވެ. ގދ. ތިނަދޫގައި 2023 ވަނަ އަހަރުގެ ޖުލައި 14 ވަނަ ދުވަހު، ސަހަރާތެރެގައި ސިހުރު ހަދާ މައްސަލައެއް ފެންމަތިވެފައިވަނިކޮށް ތިނަދޫއަށް ގެނައި އިންޑިއާއަށް ނިސްބަތްވާ ސިހުރު ހަދާ ދެމީހަކު ހޯދަން މޯލްޑިވްސް އިމިގްރޭޝަން އިން އިއުލާނުކުރިއެވެ. މި ދެ މީހުންގެ ޓިކެޓް ނަގައިދިނީ ކާކުތޯ ބެލުމަށް ގިނަ ބަޔަކު ސުވާލު އުފައްދަމުންދިޔައެވެ. އެ ދެ ބިދޭސީން ދަތުރުކުރަން މާލެއިން ކާޑެއްދޫއަށް އަދި ކާޑެއްދޫން މޭލެއަށް ނަގާފައިވާ އެއާރ ޓީކެޓްތައްވެސް ސޯޝަލް މީޑިޔާގައި އާއްމުވެފައިވާއިރު، މި ދެ މީހުންގެ ދަތުރާއި އެހެނިހެން އިންތިޒާމުތައް ހަމަޖައްސައިދީފައިވަނީ، އެއްކަލަ މީޑިއާތައް ގޮވައިގެން މީޑިއާ ކައުންސިލަށް ވަޑައިގަންނަވާ އިއްޒަތްތެރި މެމްބަރެވެ. ޓިކެޓްތަކުގެ ބުކިންގ ވެސް ހަދާފައިވަނީ އޭނާގެ ނަމްބަރު ބޭނުކޮށްގެންނެވެ.

މިޚަބަރާ ގުޅިގެން، ހުށަހެޅި ޝަކުވާގައި، ޚަބަރުގައި ހިމަނާފައިވާ ޓިކެޓިން މައުލޫމާތު ހިމެނޭ ސްކްރީންޝޮޓްތަކަކީ "އަސްލު" ގެ ވެރިޔާގެ މަސްލަހަތު އޮތް ފޭކް އެކައުންޓަކުން ކޮށްފައިވާ ޕޯސްޓުތަކެއްގައި ހިމަނާފައިވާ ސްކްރީންޝޮޓްތަކެއް ކަމަށް ތުހުމަތުކޮށްފައިވެއެވެ. އަސްލުގެ ވެރިޔާ އަބްދުﷲގެ ބޮލުގައި މިވަރުގެ ތުހުމަތެއް އެޅުވިއިރު، މިޝަކުވާ ހުށަހެޅި އިއްޒަތްތެރި މެމްބަރަކީ ފޭކް އައިޑީ ހެދުމުގެ ރެކޯޑް އޮތް ބޭފުޅެކެވެ. އަމިއްލަ ފޯން ނަމްބަރު ބޭނުންކޮށްގެން ފޭކް ފޭސްބުކް އެކައުންޓްތަކެއް ހެދިކަން ލަދުވެތިގޮތަކަށް ފަޅާއެރީ ހަމަ މީޑިއާތައް އެމްއެމްސީއަށް ދަމާ އިއްޒަތްތެރި މެމްބަރެވެ. ތިމާ ގޮތަކަށް އުޅުމަކީ އެހެން މީހުން އެހެން އުޅެފާނެ ކަމަށް ދެކެންވީ ސަބަބެއް ނޫންތާއެވެ.

މިމައްސަލާގައި އިއްޒަތެރި މެމްބަރުގެ ފަރާތުން ވަކާލާތުކުރަން ކޮންމެވެސް ނޫހެއްގެ ވެރިޔަކު ގޮސް، މީޑިއާތަކުގެ އެތިކްސްއޭ ކިޔައިގެން ހަމަނުޖެހޭ ވާހަކަތަކެއް ދެއްކީމާ ނުހަނު ކަންބޮޑުވާންޖެހެއެވެ. ނޫސްތައް ހިންގަންވާނީ ގައިމު އެތިކްސް އެެނގޭ ތަންދޮރު ދަންނަ ރޯފިލާފައި ތިބޭ ބަޔަކު ނުވަތަ މީހަކުތާއެވެ. ނޫން ނަމަ ހޭވޭނީ ހުސް ހަޑިއެވެ. އުފުލި ޝަކުވާއަކު އޮށްޓަރެއް ނެތްކަން އެނގެނީ މައްސަލަ ބަލަން ނިންމި ސަބަބެއް ބުނެދޭންވެސް ހުދު މީޑިއާ ކައުންސިލަށް ނޭނގުނީމައެވެ. ދެރަ ކަންކަމެވެ.

އަސްލު ނޫހުގެ ކިޔުންތެރިންނެވެ. އަސްލު ޓީވީގެ ބެލުންތެރިންނެވެ. އަސްލުން އަސްލު އޮޅުވައެއް ނުލާނެއެވެ. އަސްލުން ނޫސްވެރިކަން ކުރާނީ އަސްލު ކުރަން އޮންނަ ގޮތަށެވެ. ޤާނޫނީ ތަރަހައިގެ ތެރެއިން، އިސްލާމީ ގިއުގަނޑުގެ ތެރޭގައެވެ. މީހަކު އަދި އެހެން ޝަކުވާއެއް އުފުލިޔަސް މާއްދާ 29 އިން ބާރުލިބިގެން މިކުރާ މަސައްކަތަށް ހުއްޓުމެއް ނެތެވެ. ހުރިހާ ކަމެއްގެ އަސްލު ބިުނެދިނުމުގައި އަސްލު ދެމިއޮންނާނެކަން ޔަގީނެވެ.


tel:+9607331319