އަސްލު ނޫހުން މީގެ އަހަރެއް ކުރިން ޝާއިއުކުރި ހަބަރަކާ ގުޅިގެން އަމިއްލަ ފަރުދެއްގެ ފަރާތުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ހުށަހަޅާފައިވާ މައްސަލައަކީ، އެއްވެސް އަސާސެއް ނެތި ހުށަހަޅާފައިވާ ޒާތީ މައްސަލައެއްގެ ގޮތުގައި އަސްލު ނޫހުގެ މެނޭޖްމެންޓުން ސިފަކޮށްފި އެވެ.
"ގދ. ތިނަދުއަށް ގެނައި ދެ ސިހުރުވެރިން ހޯދަނީ!" މިސުރުޚީގައި ޝާއިއުކުރި ޚަބަރަކާއި "ސިހުރުވެރިންކަމަށް ބުނާ ދެ މީހުންގެ ޓިކެޓް ނަގައިދިނީ ކާކުތަ؟" މިސުރުޚީގައި އަސްލު ނޫހުން ރިޕޯޓުކުރި ޚަބަރަކާއި ގުޅިގެން މި ނޫހާ ދެކޮޅަށް މީޑިއާ ކައުންސިލަށް މައްސަލަ ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އެވެ.
މީގެ އަހަރަކަށް ވުރެ ގިނަ ދުވަސް ކުރިން ޝާއިއު ކޮށްފައިވާ ހަބަރުތަކެއްގެ މައްސަލައިގައި އަސްލު ނޫހުގެ ވެރިން އެމްއެމްސީއަށް ހާޒިރުކުރީ، މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެދުވަހުގެ އަޑުއެހުމަށްފަހު އަސްލު ނޫހުގެ ނިއުސް ހެޑް ހުސެއިން އަހުމަދު ވިދާޅުވީ، މީގެ އަހަރެއްހާ ދުވަސް ކުރިން ލިޔެފައިވާ ހަބަރެއްގެ މައްސަލަ ގާނޫނުގައި ބުނެފައިވާ މުއްދަތު ފަހަނައަޅައިދިޔަ ފަހުން ބަލަން ފެށުމުން އޭގައި ސުވާލު އުފެދޭ ކަންކަން އެބަހުރި ކަމަށެވެ.
" ދެން މިއަދު އަޅުގަނޑުމެން މި ފާހަގަކުރި ކަމަކީ މީޑިއާ ކައުންސިލްގެ ގާނޫނުގައި ވެސް އެބަވޭ މައްސަލަ ހުށަހެޅިތާ ތިން މަސް ދުވަސް ތެރޭގައި މައްސަލަ ބަލަން ޖެހޭ ކަމަށް. އެ ގާނޫނުގައު އެބަ ރިއާޔަތްކުރޭ ހާއްސަ މައްސަލަތައް އެބޭފުޅުންނަށް އޭގެ ފަހުން ވެސް ބެލިދާނެ ކަމަށް. ބެލުމުގައި ހުރަހެއް ނެތް ކަމަށް. ދެން އެތަންކޮޅުގަ އެމީހުން އެ ހިފަނީ." ހުސެއިން ވިދާޅުވި އެވެ.
މީޑިއާ ކައުންސިލަށް ހުށަހަޅާ މައްސަލަތައް އެ މައްސަލައެއް ހުށަހަޅާތާ ތިންމަސްދުވަހުގެ ތެރޭގައި ބަލަން ފަށަންޖެހޭނެ ކަމަށް ޤާނޫނުގައި ބުނެފައިވެއެވެ. އެކަމަކު މައްސަލައިގެ ބާވަތަށާއި ކުޑަ ބޮޑުމިނަށް ބަލައިގެން ކައުންސިލުން އިސްނަގައިގެން ވެސް މައްސަލަތައް ބެލުމަށް ގާނޫނު ހުރަހެއް ނާޅަ އެވެ.
އޭރު އެ މައްސަލަ ސައުދުﷲ ހުށަހެޅުއްވީ އަމިއްލަ ހައިސިއްޔަތުން ނަމަވެސް، މިހާރު އެއީ ރައްޔިތުންގެ މަޖިލިސް މެމްބަރެއް ކަމަށްވުމުން، އެ މައްސަލަ މިހާރު ބަލަން ފެށި މަގްސަދާ ގުޅޭގޮތުން ވެސް ސުވާލު އުފެދޭ ކަން ވެސް ހުސެއިން ފާހަގަކުރެއްވި އެވެ. މި މައްސަލަ އޭނާ ސިފަ ކުރެއްވީ އެއްވެސް އަސާސެއް ނެތް މައްސަލައެއްގެ ގޮތުގަ އެވެ.
"މުޅި ޖުމްލަ މި މައްސަލައިގަ މިއޮތީ ޒާތީ ހަސަދައެއް. ދެން މިވަގުތު އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މީޑިއާ ކައުންސިލުން މި މައްސަލަ ބޭނުންކޮށްގެން މި މައްސަލަ ބަލަނީ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. " އޭނާ ވިދާޅުވި އެވެ.
އަސްލު ނޫހުގެ ވެރިޔާ އަދި އަސްލު ޓިވީގެ ޗެއާރމަން އަބްދުﷲ އަހުމަދު ވިދާޅުވި ގޮތުގައި މި ނޫހުގެ ކަންބޮޑުވުމަކީ މީޑިއާ ކައުންސިލުން އެ މައްސަލަ ބެލުމެއް ނޫނެވެ. މި ނޫހުގެ ކަންބޮޑުވުމަކީ ޗެއާރމަން ފާހަގަކުރެއްވި ގޮތުގައި އަހަރަކަށް ވުރެ ގިނަ ދުވަސްވީ މައްސަލައެއް މިހާރު ބަލަން ފެށުމެވެ. ޗެއާރމަން ވިދާޅުވި ގޮތުގައި، މި ނޫހާ ދެކޮޅަށް ޝަކުވާ ހުށަހެޅި ސައުދުﷲގެ ވާހަކަތައް ހުރި ގޮތުން ދޭހަވަނީ "ޒާތީ ކަންތައްތަކެއް އޮތް" ކަމަށެވެ. ޗެއާރމަން މި މައްސަލަ ސިފަކުރެއްވީ ނޫސްވެރިކަމުގެ "ކުރިމަރާލުމަށް" ކުރަމުންދާ ނާތަހުޒީބު އަމަލެއްގެ ގޮތުގަ އެވެ.
"އަޅުގަނޑުމެންގެ
އަސްލު ޓީމަކީ ބަލި ކަށިވާނެ ޓީމެއް ނޫން. އަސްލު ތީމު އޮތީ ބަދަހިކޮށް،
ރައްޔިތުންނަށް ގެނެސްދޭނީ އަސްލު މައުލޫމާތުތައް" ޗެއާމަން ވިދާޅުވި އެވެ.