ޚަބަރު ފެތުރުމުގެ ނަމުގައި، "ދިޔަވަރު" ނަމަކަށް ކިޔާ ވެބްސައިޓަކުން ދޮގު ފަތުރާތީ މޯލްޑިވްސް މީޑިއާ ކައުންސިލުން ޕަބްލިކް އެޑްވައިޒަރީ ނެރެފިއެވެ.
މީޑިއާތަކުގެ ބެލެނިވެރި ފަރާތް - އެމްއެމްސީން ބުނީ ދިޔަވަރު.ކޮމްއާ ގުޅޭ ގޮތުން އެ ކައުންސިލަށް ހުށަހެޅި ގިނަ އަދަދެއްގެ ޝަކުވާ ބެލިއިރު، އެ ވެބްސައިޓުގައި ހަގީގަތާ ޚިލާފު ހަބަރު ފަތުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މީޑިއާތައް ރެގިއުލޭޓްކުރާ ފަރާތުން ވަނީ އެ ކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
އަހަރުގެ މިހާތަނަށް އެމްއެމްސީއަށް 77 މައްސަލަ ހުށަހަޅާފައިވާއިރު އޭގެ ތެރެއިން 63 ޝަކުވާ ހުށަހަޅާފައި ވަނީ ރަޖިސްޓަރީނުކޮށް ހިންގަމުން އަންނަ "ދިޔަވަރު.ކޮމް" ވެބްސައިޓާ ގުޅޭ ގޮތުން ކަމަށް އެ ކައުންސިލުން ނެރުނު ޕަބްލިކް އެޑްވައިޒަރީގައި ވަނީ ބުނެފައެވެ.
މީޑިއާ ކައުންސިލުން ބުނީ ރަޖިސްޓަރީނުކޮށް ހިންގާ މީޑިއާތަކުން ހަގީގަތާ ހިލާފު ހަބަރު ފަތުރައި ވަކިވަކި ފަރުދުންގެ އަބުރު ރައްކާތެރިކުރުމުގެ ހައްގު ގެއްލޭ ގޮތަށް އެކި އެކި ލިޔުންތައް ޝާއިއުކުރަމުން އަންނަ ކަމަށް ބުނެ ގިނަ އަދަދެއްގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
ދިޔަވަރުން ދޮގު ފަތުރާ މައްސަލައާ ގުޅިގެން މީޑިއާ ކައުންސިލުގެ ޝަކުވާ ބަލާ ކޮމިޓީން ދިރާސާ ކުރިިއިރު އެ ވެބްސައިޓުގައި އާންމުކޮށްފައިވާ ގިނަ ކޮންޓެންޓަކީ މީޑިއާ ކައުންސިލްގެ ގާނޫނާއި ގަވާއިދާއި މީޑިއާތަކުން އަމަލުކުރަންޖެހޭ އަހުލާގީ މިންގަނޑާ ހިލާފަށް ޝާއިއުކޮށްފައިވާ ލިޔެކިޔުންތަކެއް ކަމަށް އެ ކައުންސިލުން ބުންޏެވެ.
އޭގެ ސަބަބުން އާންމުންގެ ތެރޭގައި ނުރަނގަޅު މައުލޫމާތު ފެތުރިގެންދާ ކަމަށް ވެސް ވަނީ ބުނެފައެވެ.
ރަޖިސްޓަރީނުކޮށް ހިންގާ ނޫސްތަކަކީ ވެސް މީޑިއާ ކައުންސިލަށް ރެގިއުލޭޓްކޮށް އެ ގާނޫނުގެ ދަށުން މީޑިއާގެ ގޮތުގައި ބަލައިގެންފައިވާ ނޫސްތަކަށް ވާއިރު ވެބްސައިޓްތަކުގެ މައްސަލައެއް އުޅޭ ނަމަ, އެކަން ބަލައި ފިޔަވަޅު އެޅުމަކީ އެ ކައުންސިލަށް ގާނޫނުން ލާޒިމް ކުރާ ކަމެއް ނަމަވެސް އެ ކައުންސިލުގެ ގާނޫނުގެ ތަސައްވުރަކީ މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އެޅުން ނޫން ކަމަށް އެމްއެމްސީން ބުންޏެވެ.
އެމްއެމްސީން ބުނީ ހަގީގަތާ ހިލާފު ހަބަރު ފަތުރާ ކޮންމެ ވެބްސައިޓެއް ބްލޮކްކުރުމަކީ އެ މައްސަލައަށް ހައްލެއް ލިބޭނެ ކަމެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އަދި އެކަމާ ދެކޮޅަށް ފިޔަވަޅެއް އަޅައިފި ނަމަ، ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ވަަރަށް ބޮޑަށް ފަހަތަށް ދާނެ ކަމަށް ވެސް ޕަބްލިކް އެޑްވައިޒަރީގައި ބުންޏެވެ.
އެހެންވެ، އެ ކައުންސިލުން ނިންމާފައި ވަނީ މިސް އިންފޮމޭޝަން ފެތުރުން ހުއްޓުވުމުގައި ދުނިޔޭގެ އެހެން ގައުމުތަކުން ވެސް އަމަލުކުރާ އުސޫލުން އެކަމަށް އާންމުން ހޭލުންތެރިކޮށް ހަގީގަތާ ހިލާފަށް ހަބަރު ފަތުރާ ނަމަ، އެފަދަ ފަރާތްތަކުގެ މައްސަލަތައް އާންމުންގެ ސަމާލުކަމަށް ގެނައުމަށް ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނި ގޮތުގައި ދިޔަވަރު.ކޮމްގެ ވެބްސައިޓާއި އާޓިކަލްތަކާއި ސޯޝަލް މީޑިއާ ޕޯސްޓުތަކާއި ވީޑިއޯތައް ހިމެނޭ ގޮތަށް ދުވާލަކު 5-10 ކޮންޓެންޓް ގެނެއެވެ. އެ ކޮންޓެންޓުތަކުގެ ބޮޑުބައި އަމާޒުކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ސަރުކާރުގެ އިސްވެރިން އަދި މަޖިލީހުގެ ޕީއެންސީ މެމްބަރުންނަށް ފާޑުކިޔުމަށެވެ.
މީޑިއާ ކައުންސިލުން އެދިފައި ވަނީ އެ ވެބްސައިޓުގައި ޝާއިއުކުރާ ހަބަރުތައް އެހެން މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ކަށަވަރުކުރުމާއި އެ ވެބްސައިޓުގެ ލިޔުންތައް ސޯޝަލް މީޑިއާގައި ނުފެތުރުމަށެވެ. އަދި ސުރުހީ އެކަނި ކިޔުމުގެ ބަދަލުގައި އާޓިކަލްގައި ނޫސްވެރިކަމުގެ ހަމަތައް ހިފަހައްޓައިގެން ހަގީގަތާ އެއްގޮތަށް ހަބަރު ލިޔެފައިވޭތޯ ބެލުމަށް އާންމުންގެ ކިބައިން އެދިފަ އެވެ.