logo

ފުލުހުންގެ ޚިދުމަތުގައި ބޭނުންކުރާ އެއްގަމާއި ކަނޑު އުޅަނދުތައް ދައްކާލައިފި

profile

ޒިދާން މުޙައްމަދު - 06 ސެޕްޓެމްބަރު 2024 - 21:59

ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދިޔަ ހަވީރުގެ ތެރެއިން -- ފޮޓޯ: ޒިދާން/ އަސްލު

ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދިޔަ ހަވީރުގެ ތެރެއިން -- ފޮޓޯ: ޒިދާން/ އަސްލު

ދިވެހި ފުލުހުންގެ ޚިދުމަތުގައި ބޭނުންކުރާ އެއްގަމާއި ކަނޑު އުޅަނދުތައް އަދި އެހެނިހެން އާލާތްތައް އާންމުންނަށް ދައްކާލުމަށް މާލޭގައި ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މިހަރަކާތަކީ އާއިލީ ހަވީރެއްގެ ގޮތުގައި ކުރިއަށްގެންދިޔަ ހަރަކާތަކަށް ވާއިރު، މިހަވީރު އޮތީ ޖުމްހޫރީ މައިދާންގައެވެ.

ދެ ދުވަހަކަށް ބަހާލައިގެން ކުރިއަށްގެންދާ މިހަރަކާތުގެ ފުރަތަމަ ބައި ހުކުރު ދުވަހުގެ 16:00- 18:00 އަށް ކުރިއަށް ގެންދިޔައިރު ދެވަނަ ބައި ހުޅުމާލެ މޭރީބްރައުން ސަރަހައްދުގައި ސެޕްޓެންބަރު 7 ވަނަ ދުވަހުގެ 16:00 - 18:00 އަށް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ މިހަރަކާތުގައި، ފުލުހުންގެ އެކިއެކި އޮޕަރޭޝަންތަކާއި ހާއްސަ ހާލަތްތަކުގައި ބޭނުންކުރާ އުޅަނދުތަކާއި އާލާތްތައް ވަނީ ދައްކާލާފައެވެ.

ފުލުހުންގެ ކަނޑު އުޅަނދުފަހަރާއި އެއްގަމު އުލަނދުފަހަރުގެ އިތުރުން ޕޮލިސް ޑޯގް ސްކޮޑްގައި ހިމެނޭ ކުއްތާތައް ވެސް ވަނީ އާންމުންނަށް ދައްކާލާފައެވެ.

ކުޑަކުދިންނަށް ހާއްސަކޮށް ހަދިޔާ ބެހުމާއި ސްޓޯލްތަކުގައި ފުލުހުންގެ ވެހިކަލްތަކާއި އެނޫންވެސް އާލާތްތައް ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމާއި، ފުލުހުންގެ ޔުނީފޯމްގައި ފޮޓޯނެގުމުގެ ފުރުސަތުވެސް ވަނީ ދީފައެވެ.

ދިވެހި ފުލުހުންގެ ދުވަހަކީ ކޮންމެ އަހަރަކުވެސް ސެޕްޓެމްބަރުމަހުގެ ފުރަތަމަ ދުވަހެވެ. އެދުވަސް ފާހަގަކުރަނީ ދިވެހިންގެ ރައްކާތެރިކަމާއި ސަލާމަތް ކަށަވަރުކޮށްދިނުމުގައި އެންމެ އިސް ވާޖިބެއް އަދާކުރަމުން އަންނަ އެއް މުއައްސަސާކަމަށްވާ ދިވެހި ފުލުހުންގެ ޚިދުމަތް ވަކި މުއައްސާސާއެއްގެ ގޮތުގައި ގާއިމުކުރި ދުވަހުގެ ގޮތުގައެވެ.

މިއަހަރު ފާހަގަކުރަނީ ފުލުހުންގެ ޚިދުމަތަށް 20 އަހަރު ފުރުމެވެ.


ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދިޔަ ހަވީރުގެ ތެރެއިން -- ފޮޓޯ: ޒިދާން/ އަސްލު


ރާއްޖޭގައި ފުރަތަމަ ފަހަރަށް ފުލުހުންގެ ހިދުމަތް ދޭން ފެށީ 1933 ގައި ރާއްޖޭގައި އޭރު ހުންނެވި ރަސްކަލުން ސުލްތާން މުހައްމަދު ޝަމްސުއްދީން ތިން ވަނަ، ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ ތަސްދީގުކުރެއްވުމާ ގުޅިގެންނެވެ. އެ ޤާނޫނުއަސާސީގެ ތެރޭގައި އެކުލެވުނު ފުލުހުންނާ ބެހޭ ޤާނޫނުން ބާރު ލިބިގެންނެވެ.

އެއާއެކު މާލޭގެ ހަތަރު އަވަށުން ބަޔަކު ހޮވާލެވިގެން ރާއްޖޭގެ ފުރަތަމަ ފުލުހުންގެ ފައުޖު އެކުލަވާލިއެވެ. އެ ފައުޖުގައި ހިމެނުނީ ޖުމްލަ 120 ފުލުސް އޮފިސަރުންނެވެ. އަދި 1933ގައި ފުލުހުން ޔުނީފޯމުގެ ގޮތުގައި ބޭނުންކޮށް އުޅުނީ ހުދުލިބާހާއި މުންޑެވެ. ލިބާހުގެ އަތުކުރީ ފޮތިގަނޑާއި ގިރުވާނު ހުންނަނީ ރަތް ކުލައިންނެވެ. ބޮލުގައި ކަޅު ތާކިހަލެކެވެ. އުނަގަނޑުގައި ކަމަރެއް އަޅާފައި އޮވެއެވެ.

އެއަށްފަހު 2004 އާއި ހަމައަށް ފުލުހުންނާއި ސިފައިން މަސައްކަތްކުރަމުންދިޔައީ އެއް ފުރާޅެއްގެ ދަށުގައެވެ. ނަމަވެސް 2004 ގައި ފުލުހުންނަކީ މަދަނީ ބައެއްކަން ނިންމާ މިހާރު އެ ފެންނަ ނޫ ކުލަ ފުލުހުންގެ ރަސްމީ ކުލަޔަށް ބަދަލުވެގެންދިޔައެވެ.

1933 ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުން ފެށިގެން ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ ފިޔަވަތީގައި ފޯރުކޮށްދެމުންދިޔަ ފުލުހުންގެ ހިދުމަތް 2004 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހު މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ގާއިމުވެގެންދިޔަ ފަހުން ފާއިތުވި 20 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތަށް އެކި ބަދަލުތައް ގެނެސް ޒަމާނާ އެއްގޮތަށް ދަނީ ޚިދުމަތް ފޯރުކޮށްދެމެންނެވެ.

tel:+9607331319