logo

ސްރީލަންކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ

profile

ސައިފް އަޒުހަރު - 21 ސެޕްޓެމްބަރު 2024 - 11:59

ވޯޓުލާން ގޮސްތިބި ބަޔަކު ކިޔޫގައި:

ވޯޓުލާން ގޮސްތިބި ބަޔަކު ކިޔޫގައި:

ސްރީލަންކާގެ ރިޔާސީ އިންތިޚާބުގައި އެ ގައުމުގެ ރައްޔިތުން މިއަދު ވޯޓުލަމުން އެބަ ގެންދެއެވެ.

މިއި، ސްރީލަންކާއަށް ދިމާވި އިގްތިސާދީ ކާރިޘާއާ ގުޅިގެން ރައްޔިތުން މަގުމައްޗަށް ނުކުމެ ފެށި މުޒާހަރާތަކަށްފަހު އެގައުމުގައި ބާއްވާ ފުރަތަމަ އިންތިޚާބެވެ.

މި އިންތިޚާބުގައި ސްރީލަންކާގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ ހިމެނިވަޑައި ގަންނަވާގޮތުން ޖުމްލަ 39 ކެންޑިޑޭޓުން ވާދަކުރައްވައެވެ.

އޭގެތެރޭގައި، އެންމެބޮޑު އިދިކޮޅު އިދިކޮޅު ޕާޓީ، ސަމަގި ޖަނަ ބަލަވެގަޔަގެ ލީޑަރު، އުމުރުފުޅުން 57 އަހަރުގެ ސާޖިތު ޕްރެމަދާސައާއި، ނޭޝަނަލް ޕީޕަލްސް ޕަވަރ ކޯލިޝަންގެ ލީޑަރު، އުމުރުފުޅުން 55 އަހަރުގެ އަނޫރަ ކުމާރަ ޑިސަނަޔަކައާއި، ސްރީލަންކާގެ ނުފޫޒުގަދަ ރާޖަޕަކްސަ އާއިލާގެ ޒުވާން ލީޑަރު ނަމަލް ރާޖަޕަކްސަވެސް ހިމެނިވަޑައި ގަންނަވައެވެ.

މި އިންތިޚާބުގައި ސްރީލަންކާގެ 17 މިލިއަން މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާއިރު، ވޯޓުލުމަށް ބަހައްޓާފައިވާ ފޮށިތައް ބަންދުކުރަން ހަމަޖެހިފައިވަނީ ސްރީލަންކާ ގަޑިން މިއަދު ހަވީރު 4 ޖަހާއިރުއެވެ.

އަދި އޭގެފަހުން ވޯޓު ގުނަން ފެށި ނަމަވެސް، އިންތިޚާބުގެ ވަގުތީ ނަތީޖާތައް ލިބޭވަރުވާނީ މާދަމާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ވޯޓުލާ މަރުކަޒުތަކާއި، ވޯޓު ގުނާ މަރުކަޒުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 63،000 ފުލުހުން ހަރަކާތްތެރިވަމުން އެބަދެއެވެ.

ކޮވިޑްގެ ވަބާއާއެކު ގައުމު ދަރަނިވެރިވެ، ބޭރު ފައިސާ ހުސްވެ، ތެލާއި ބޭހާއި ކާބޯތަކެތި ހުސްވެ، ރައްޔިތުން ރުޅިއައިސްގެން މަގުމައްޗަށް ނުކުމެ ފެށި ވަރުގަދަ މުޒާހަރާތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ، އޭރު ރައީސްކަމުގައި ހުންނެވި ގޮޓަބާޔަ ރާޖަޕަކްސަ ފިއްލަވައިގެން ގައުމު ދޫކުރައްވައި ވަޑައިގަތުމެވެ.

ސްރީލަންކާގެ ޕާލަމެންޓުން މިހާރުގެ ރައީސް ރަނިލް ވިކްރަސިންހަ މަގާމަށް އިންތިޚާބު ކުރީ، ހަމަނުޖެހުންތަކާ ގުޅިގެން އޭރު ހުންނެވި ރައީސް ގޮޓަބާޔަ އިސްތިއުފާ ދެއްވުމުން 2022 ވަނަ އަހަރުއެވެ.

މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމަށްފަހު ރަނިލް ވިދާޅުވެފައިވަނީ، ގައުމުގެ އިގްތިސާދު އަލުން ބިނާކުރަންޖެހޭ ކަމަށާއި، އޭނާ ފެށްޓެވި މަސައްކަތްޕުޅު ނިންމާލަން ރައްޔިތުންގެ ސަޕޯޓް ބޭނުންވާ ކަމަށެވެ.

މިއަދު ހެނދުނު ކޮޅުނބުގައި ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރަނިލް ވިކްރަމަސިންހަ ވިދާޅުވީ، ބަނގުރޫޓު ވެފައިވާ ސްރީލަންކާ އެ ހާލަތުން ނެރެދެވިއްޖެ ކަމަށާއި، އޭނާ ދެން ބޭނުންފުޅުވަނީ ތަރައްގީވެފައިވާ އިގްތިސާދީ، އިޖްތިމާއީ، އަދި ސިޔާސީ ނިޒާމެއް ސްރީލަންކާއަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ދިން ބެއިލްއައުޓްގެ ދަށުން، ސްރީލަންކާގެ ދަރަނިތައް ރީސްޓްރަކްޗަރކޮށް، މާލީ އިސްލާހްތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާއިރު، ރިޔާސީ އިންތިޚާބު ވެގެންދާނީ ރައީސް ރަނިލް ވިކްރަމަސިންހަ ފަށްޓަވާފައިވާ އިސްލާހީ މަސައްކަތުގެ ޓެސްޓަކަށެވެ.

މިހާރު ކުރައްވަމުން ގެންދަވާ އިސްލާހީ މަސައްކަތްތަކާއެކު ރައީސް ރަނިލް ވިކްރަމަސިންހަ އަމާޒު ހިފާފައިވަނީ، 2048 ވަނަ އަހަރު އަންނަންވާއިރަށް ސްރީލަންކާއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެއްދެވުމަށެވެ.

އެކަމަކު، މާލީ އިސްލާހީ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ސްރީލަންކާގެ ގިނަ މީހުންނަށް ދިރިއުޅުމުގެ ކަންކަން ދެކޮޅު ނުޖެއްސޭ ކަމަށް ކަމަށް، މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެހެންވެ، މިއަދުގެ އިންތިޚާބުގައި ރައީސް ރަނިލް ބަލިކުރައްވައި، އިންތިޚާބު ކާމިޔާބު ކުރައްވާނީ ޒުވާނުންގެ މަގްބޫލްކަން ހޯއްދަވާފައިވާ އަނޫރަ ކުމާރަ ޑިސަނަޔަކަ ނުވަތަ ސާޖިތު ޕްރެމަދާސަ ކަމަށް ސްރީލަންކާއިން ލިބޭ ރިޕޯޓުތައް ބުނެއެވެ.

tel:+9607331319