logo

ހިޒްބުﷲގެ ހިތްވަރު ބައްޔެއް ނުވޭ، އިސްރާއީލަށް ބިރުބޮޑުކޮށްފި

profile

ސައިފް އަޒުހަރު - 22 ސެޕްޓެމްބަރު 2024 - 12:25

އިސްރާއީލުން ލުބުނާނުގެ ވެރިރަށް ބެއިރޫތަށާއި، ލުބުނާނުގެ ދެކުނަށް ވައިގެ ހަމަލާތައް ދެމުންގެންދިޔަ ނަމަވެސް، ހިތްވަރަށާއި، ރޫހަށް ބަދަލެއް ނާންނަކަން ހިޒްބުﷲއިން ދައްކަމުން އެބަ ގެންދެއެވެ.

އިސްރާއީލުގެ އުދުވާނުގެ ރައްދުގައި ހިޒްބުﷲއިން ރޭގައިވެސް ވަނީ، އިސްރާއީލުގެ އުތުރަށް މިސައިލާއި ރޮކެޓުން ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ހަމަލާތައް މައިގަނޑުގޮތެއްގައި އަމާޒުކޮށްފައިވަނީ އިސްރާއީލު ސިފައިންގެ މަގާމުތަކަށެވެ.

ހިޒްބުﷲއިން ވަނީ އިސްރާއީލު ސިފައިންގެ ރަމަޓް ޑޭވިޑް އެއަރބޭސްއަށްވެސް މިސައިލުން ހަމަލާ ދީފައެވެ. މިއީ، އިސްރާއީލުގެ މިހާ އެތެރެއަށް ހިޒްބުﷲގެ މިސައިލު ހަމަލާތައް އަމާޒުވި ފުރަތަމަ ފަހަރުވެސް މެއެވެ.

މީގެއިތުރުން، ޕޭޖަރުތަކާއި، ވޯކީ-ޓޯކީތައް ގޮއްވާލައިގެން ލުބުނާނަށް ދިން ހަމަލާގެ ބަދަލު ހިފުމުގެގޮތުން އިސްރާއީލުގެ ދިފާއީ އިލެކްޓްރޯނިކް ސާމާނު އުފައްދާ ރަފައެއް ކުންފުންޏަށްވެސް ހިޒްބުﷲއިން ހަމަލާ ދީފައި ވެއެވެ.

ހިޒްބުﷲގެ ހަމަލާތައް ވަރުގަދަ ކުރުމާ ގުޅިގެން އިސްރާއީލުގެ އުތުރުގައި ސްކޫލްތައް ބަންދުކޮށް، އެއްވުންތައް ބޭއްވުންވަނީ މަނާކޮށްފައެވެ. އަދި އާންމުންވަނީ ބިންގަރާސްތަކަށް ވަދެ ފިލާފައެވެ.

ލުބުނާނުގެ ތެރެއިންނާއި، އިރާގުގެ ތެރެއިން ހުއްޓުމެއްނެތި އަންނަމުންދިޔަ މިސައިލާއި ރޮކެޓްތަކާހެދި އިސްރާއީލުގެ އުތުރުން ނުރައްކަލުގެ ރަނގަބީލުގެ އަޑު މެދުނުކެނޑޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލުގެ މީޑިއާއިން ބުނެފައިވަނީ، ލުބުނާނާއި އިރާގު ތެރެއިން ފޮނުވާލި މިސައިލްތައް އެތައް އިމާރާތަކަށް ސީދާ އަމާޒުވި ކަމަށާއި، އަދި އެތައް ބަޔަކު ޒަޚަމްވި ކަމަށެވެ.

އަދި ހައިފާ ކައިރީގެ އަވަށްތަކަށް އަމާޒުވި އެތައް ރޮކެޓް ހަމަލާތަކުގެ ސަބަބުން އެތައް ހިސާބެއްގައި ބޮޑެތި އަލިފާންގަނޑުތައް ރޯވެ އަނދަމުންދާ ކަމަށް އިސްރާއީލު ސިފައިންވެސް ބުނެފައި ވެއެވެ.

އަނެއްކޮޅުން، އިސްރާއީލުގެ އުދުވާނީ ސިފައިންގެ މަތިންދާ ބޯޓުތަކުން ލުބުނާނުގެ ދެކުނަށް މިއަދުގެ ހެނދުނާ ވަރުގަދައަށް ބޮންއަޅާފައި ވެއެވެ.

މިއީ، ހިޒްބުﷲއާއި އިސްރާއީލާ ދެމެދު ބޯޑަރު ހުރަސްކޮށް ދެމުންގެންދާ ހަމަލާތަކަށް އަހަރުވާން ގާތްވެފައި ވާއިރު، އިސްރާއީލުން ލުބުނާނުގެ ތެރެއަށް މިހާ ވަރުގަދައަށް ބޮންއެޅި ފުރަތަމަ ފަހަރު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެގޮތުން، ލުބުނާނުގެ ދެކުނުގެ އެކި ހިސާބުތަކަށް ރެއާއި މިއަދު ހެނދުން 290 އަށްވުރެ ގިނަ ވައިގެ ހަމަލާ ދީފައިވާއިރު، މިއަދު ހެނދުނު އެކަނިވެސް 110 ތަނަކަށް ވައިގެ ހަމަލާ ދީފައި ވެއެވެ. މި ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.

އިސްރާއީލު އަސްކަރިއްޔާއިން މިއަދު ބުނެފައިވަނީ، ލުބުނާނުގެ ތެރެއަށް އަދިވެސް ހަމަލާ ދޭނޭ ކަމަށާއި، އަދި އިތުރުވެސް ކުރާނޭ ކަމަށެވެ.

tel:+9607331319