logo

އިސްރާއީލު ސިފައިން ލުބުނާނުގެ ބެއިރޫތަށް ހަމަލާދޭން ފަށައިފި

profile

ސައިފް އަޒުހަރު - 20 ސެޕްޓެމްބަރު 2024 - 18:44

އިސްރާއީލުގެ އުދުވާނީ ސިފައިން ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ހަމަލާދޭން ފަށައިފިއެވެ.

ލުބުނާނުގެ ގައުމީ ނޫސް އޭޖެންސީ، އެންއެންއޭއިން ބުނެފައިވަނީ، އިސްރާއީލު ސިފައިންގެ އެފް35 އަސްކަރީ މަތިންދާ ބޯޓަކުން އައިސް، ވެރިރަށް ބެއިރޫތުގެ ދެކުނުގައި އާންމުން ދިރިއުޅޭ ސަރަހައްދަކަށް ވަރުގަދަ ދެ ހަމަލާ ދީފައިވާ ކަމަށެވެ.

މި ހަމަލާތަކުން ހަމަލާއެއް އާންމުން ދިރިއުޅޭ އިމާރާތަކަށް އަމާޒުވެ މަރުވި މީހުންގެ ތެރޭގައި 5 ކުޑަކުދިންވެސް ހިމެނޭ ކަމަށް އެންއެންއޭއިން ބުނެއެވެ.

މިއީ، ހިޒްބުﷲގެ ވެރިންތަކަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށާއި، މި ހަމަލާގައި އިމާރާތްތައް ވެއްޓި ބިމާހަމަވެފައިވާތީ އެތައްބަޔަކު މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަނެއްކޮޅުން، އިސްރާއީލު ސިފައިންގެ ޑްރޯންތަކުން ގެންދަނީ ބެއިރޫތުގެ ދެކުނުގެ ދާހިޔާ ސަރަހައްދަށްވެސް ހަމަލާދެމުންނެވެ.

ލުބުނާނުގެ ސޯޝަލް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ބާރުގަދަ ގޮވުންތަކުގެ އަޑާއެކު އެ ސަރަހައްދުތަކުން ދުން އަރަމުން ދެއެވެ.

ދާހިޔާ ސަރަހައްދަކީ ހިޒްބުﷲގެ ކޮންޓްރޯލް އޮންނަ ސަރަހައްދެއް ކަމަށް ވެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނަނީ، އެމީހުން ހަމަލާ ދެމުންގެންދަނީ ކަނޑައަޅާފައިވާ "ވަކި އަމާޒުތަކަށް" ކަމަށެވެ.

މިއީ، އިސްރާއީލުން ދާހިޔާއަށް ހަމަލާދިން ފުރަތަމަ ފަހަރެއް ނޫނެވެ.

ބެއިރޫތުގެ ދެކުނަށް އިސްރާއީލުން ދޭންފެށި ވައިގެ ހަމަލާތަކާ ގުޅިގެން މަސްރަހް އިތުރަށް ހޫނުވެ ވަރަށް ގޯސްވެގެންދާނެ ކަމަށް، ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ލުބުނާނުގެ ހިޒްބުﷲއިން މިއަދުވަނީ އިސްރާއީލުގެ ތެރެއަށް 140 އަށްވުރެ ގިނަ ރޮކެޓް ހަމަލާ ފޮނުވާލަފައެވެ.

ހިޒްބުﷲގެ ހަމަލާތައް އަމާޒުކޮށްފައިވާ ތަންތަނުގެ ތެރޭގައި، އިސްރާއީލުން ހިފާފައިވާ ގޯލާންގެ އުސް ބިންތަކުގެ ސަރަހައްދާއި، ގަލީލީ އަދި ސަފިޑް ސަރަހައްދު ހިމެނެއެވެ.

އިސްރާއީލު ސިފައިން ބުނެފައިވަނީ، ހިޒްބުﷲއިން ދިން ރޮކެޓް ހަމަލާތަކުގައި މީހަކަށް ކަމެއް ނުވާ ކަމަށާއި، އެހެން ނަމަވެސް އެތައް ސަރަހައްދެއްގައި އަލިފާން ރޯވެ އަނދަމުންދާ ކަމަށެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި އަލިފާން ނިއްވާ ޓީމުތަކާއި، މަތިންދާ ބޯޓުތައްވެސް ހަރަކާތްތެރިވަމުން އެބަދެއެވެ.

އިސްރާއީލާއި ހިޒްބުﷲއާ ދެމެދު ވަރުގަދަ ހަނގުރާމައެއް ފެށުމުގެ އަލާމާތްތައް މިހާރު ފެންނަމުންދާ ކަމަށް، މުހައްލިލުން ވިދާޅުވެއެވެ.

tel:+9607331319